ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ނެދަލެންޑްސްގެ ޕީއެސްވީ އަތުން އާސެނަލް 2-0 އިން ބަލިވިއިރު މެންޗެސްޓާ ޔުނައިޓެޑުން ޝެރިފް ޓިރާސްޕޯލްއާ ދެކޮޅަށް ކުޅުނު މެޗު 0-3 އިން ކާމިޔާބުކޮށްފި އެވެ.
މެޗަށް ނުކުތްއިރު ގްރޫޕުގެ އެއްވަނަ ކަށަވަރުކުރަން އާސެނަލަށް ބޭނުންވީ ޕޮއިންޓެކެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އާސެނަލް އެވެ. ދެވަނައިގައި އޮތް ޕީއެސްވީ އަށް 10 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތީ ހަތަރު ޕޮއިންޓް ލިބިފައިވާ ބޯޑޯ/ގްލިމްޓް އެވެ. ފުލުގައި އޮތް ޒިއުރިޗް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
ގްރޫޕުގެ ފަހު މެޗުގައި އަންނަ މަހުގެ ތިންވަނަ ދުވަހު އާސެނަލް ނުކުންނާނީ ޒިއުރިޗްއާ ދެކޮޅަށެވެ. އެ މެޗުން އާސެނަލަށް މޮޅުނުވެވި ފަހު މެޗުގައި ޕީއެސްވީ އިން ބޯޑޯ/ގްލިމްޓް ބަލިކޮށްފި ނަމަ އާސެނަލް ނިންމާލާނީ ގްރޫޕުގެ ދެވަނައިގަ އެވެ.
އާސެނަލާ ދެކޮޅަށް ޕީއެސްވީ އިން ރޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޕީއެސްވީގެ ކޯޑީ ގަކްޕޯ ޖެހި ދެ ގޯލާއި ޒަވީ ސިމޮންސް ޖެހި ގޯލެއް ވީއޭއާރުގެ އެހީގައި ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. މެޗުގައި ޕީއެސްވީގެ ދެގޯލު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ގޯލު 55 ވަނަ މިނެޓުގައި ޔޯއީ ވީމަން ޖެހިއިރު ދެވަނަ ގޯލު ގަކްޕޯގެ އެހީތެރިކަމާ އެކު 63 ވަނަ މިނެޓުގައި ޖެހީ ލޫކް ޑި ޔޮން އެވެ.
ޖެހިޖެހިގެން އަށް މެޗުން މޮޅުވުމަށް ފަހު އެންމެ ފަހުން ކުޅުނު ދެމެޗުން ވެސް އާސެނަލަށް މޮޅެއް ނުވެވުނެވެ. ޕީއެސްވީ އަތުން ބަލިވިއިރު ޕްރިމިއާ ލީގުގައި އެންމެ ފަހުން ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މެޗަށް ފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ އާސެނަލަށް ރަނގަޅަށް ނުކުޅެވުނު ކަމަށާއި ގިނަ ދުވަސްތަކަކަށް ފަހު ބަލިވުމުމުން ނަތީޖާ ރަނގަޅުކުރަން އާފެށުމަކުން ފަށަން ޖެހޭ ކަމަށެވެ.
ޔޫރޮޕާ ލީގުގައި ރޭ ޝެރިފް އަތުން ޔުނައިޓެޑް މޮޅުވި މެޗުގައި ގޯލުތައް ކާމިޔާބުކޮށްދިނީ ޑިއޯގޯ ޑަލޯ އާއި މާކަސް ރަޝްފާޑް އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ޔުނައިޓެޑް ގްރޫޕުގައި ރޭ އޮމޯނިއާ ނިކޯސިއާއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް ސޮސިއެޑާޑް ވަނީ 2-0 އިން މޮޅުވެފަ އެވެ. މި ގްރޫޕުގެ އެއްވަނައިގައި 15 ޕޮއިންޓާ އެކު އޮތީ ސަތޭކަ އިންސައްތަ ރެކޯޑް ދަމަހައްޓަމުން އަންނަ އޮމޯނިއާ ނިކޯސިއާ އެވެ. ދެވަނައިގައި އޮތް ޔުނައިޓެޑަށް 12 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ޝެރިފް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ފުލުގައި އޮތް އޮމޯނިއާ ނިކޯސިއާ އަށް ޕޮއިންޓެއް ނުލިބެ އެވެ.
ގްރޫޕުގެ ފަހު މެޗުގައި އަންނަ ހަފްތާ ޔުނައިޓެޑް ނުކުންނާނީ ސޮސިއެޑާޑްއާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގައި ޔުނައިޓެޑް ދަނޑުގައި ކުޅުނު މެޗުގައި ސޮސިއެޑާޑް ވަނީ 1-0 އިން މޮޅުވެފަ އެވެ. ޔުނައިޓެޑަށް ގްރޫޕުގެ އެއްވަނަ ލިބޭނީ ދެގޯލުގެ ތަފާތުން ސޮސިއެޑާޑް ބަލިކޮށްގެންނެވެ.
ޔުނައިޓެޑާއި އާސެނަލް ވެސް ގްރޫޕުގެ ދެވަނަ އަށް ހިނގައްޖެ ނަމަ ޔޫރޮޕާ ލީގުގެ ނޮކްއައުޓް ބުރުގައި ވަރުގަދަ ޓީމުތަކާ ކުޅުމުގެ ފުރުސަތު އޮންނާނެ އެވެ. އޭގެތެރޭގައި ޔޫއެފާ ޗެމްޕިއަންސް ލީގުން ޔޫރޮޕާ ލީގަށް ވެއްޓުނު ބާސެލޯނާ އާއި ޔުވެންޓަސް ހިމެނެ އެވެ.