ހަބަރު

"ސަރުކާރެއް ނުވެއްޓޭނެ، ދޮގު ވާހަކަ ދައްކާތީ ދެރަވޭ"

ހަގީގަތާ ހިލާފު ވާހަކަތަކެއް ނައިބު ރައީސް އަބުދުﷲ ޖިހާދާ ގުޅުވައިގެން ދެއްކެވޭތީ، އެކަމާ ދެރެވާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ. މީޑިއާ ޒިންމާދާރުވުމަށް ނައިބު ރައީސް ގޮވާލެއްވި އެވެ.

ސޯޝަލް ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނައިބު ރައީސް ޖިހާދުއަށް ނޫސްވެރިން ވަނީ ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފަ އެވެ. އެގޮތުން ނޫސްވެރިޔަކު ވަނީ، ޖިހާދު ޔޫއޭއީއަށް ވަޑައިގެން، އަލް ޖަޒީރާގެ ބައެއް ފަރާތްތަކާ ބައްދަލުކޮށް، އަލް ޖަޒީރާއިން ރާއްޖެއާ ގުޅޭ ގޮތުން ތައްޔާރުކުރި "ސްޓީލިން ޕެރަޑައިސް" ރިޕޯޓަށް މައުލޫމާތު ފޯރުކޮށްދެއްވި ކަމަށް ބުނެ މީޑިއާގައި ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލުކުރައްވާފަ އެވެ.

"އަޅުގަނޑު ވަރަށް ދެރަވެއްޖެ،" ސުވާލުކުރުމާއެކު ޖިހާދު ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވީ، މީޑިއާގައި ދައްކާގައި ވާހަކަތަކުގެ ދޮގުކަން މިކަމުގެ ސަބަބުން އެނގޭ ކަމަށާއި ޔޫއޭއީގައި ވެސް އަދި އެހެން ވެސް ގޮތަކުން އަލް ޖަޒީރާގެ ޓީމާ އެމަނިކުފާނު ބައްދަލުކޮށްފައިނުވާ ކަމަށެވެ. އަދި އެކަހަލަ ދޮގު ވާހަކަތައް ހަދައިގެން މީޑިއާގައި ދެއްކުމަކީ އިސްލާމް ދީނާ ހިލާފު ފިތުނަ އުފެއްދުމަށް ކުރާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އިސްލާމް ދީން އަޅުގަނޑުމެން ގަބޫލުކުރާ ކަމަށްވާނަމަ އަޅުގަނޑުމެންގެ މީޑިއާތައް ވެސް ވާންވާނީ ޝަރީއަތާ އެއްގޮތަށް ހިންގާ އެއްޗެއްސަށް، އިސްލާމީ ޝަރީއަތާ އެއްގޮތަށް ރާއްޖޭގެ މީޑިއާ ވެސް އޮންނަން ޖެހޭނީ، އެއާ ދެކޮޅަކަށް ނުގެންދެވޭނެ،" ޖިހާދު ވިދާޅުވި އެވެ.

ނައިބު ރައީސް ވަނީ އެމަނިކުފާނާ ގުޅޭ ގޮތުން އެފަދަ ވާހަކަ ދެއްކުމުގެ ކޮން ހައްގެއްތޯ މީޑިއާގައި އޮތީ ސުވާލުކުރައްވާފަ އެވެ. މައުލޫމާތެއް ލިބިއްޖަނަމަ އެކަމުގެ ދެކޮޅު ބަލައި ތެދު ދޮގު ބެލުމަށްފަހު ހަބަރު ގެނެސްދިނުމަށް މީޑިއާއަށް ޖިހާދު އިލްތިމާސްކުރެއްވި އެވެ.

ރާއްޖޭގެ ސަރުކާރު ބަދަލުކޮށް އިންތިގާލީ ސަރުކާރެއް ގެނައުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރައްވާ މައްސަލާގައި ޖިހާދު ވިދާޅުވީ، މި ސަރުކާރުގައި އިންތިގާލީ މަރުހަލާއެއް ނޯންނާނެ ކަމަށެވެ. މި ސަރުކާރު ނުވެއްޓޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ފަސް އަހަރުގެ ދައުރު ހަމަކުރުމަށްފަހު ދެވަނަ ދައުރަކަށް ވެސް މި ސަރުކާރު ހޮވިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ، ސަރުކާރު ވައްޓާލަން ބަޔަކު މަސައްކަތްކުރައްވާ ކަމެއް އެމަނިކުފާނަށް އެގިވަޑައިނުގަންނަވާ ކަމަށެވެ. ހަމައެފަދައިން ރާއްޖެއާ ގުޅޭ ރިޕޯޓެއް އަލް ޖަޒީރާއިން ނެރޭ ކަމެއް ވެސް އެމަނިކުފާނަށް އެނގިވަޑައިގެންފައިނުވާ ކަމަށް ވިދާޅުވި އެވެ.

"ރިޕޯޓެއްގެ ވާހަކައެއް އަޅުގަނޑަކަށް ނޭނގެ، ރިޕޯޓެއް ނެރެން އުޅޭ ކަމެއް ވެސް އަޅުގަނޑަށް އެނގިފައެއް ނެތް، މިއަދު ވެސް ކޮންމެ ވެސް އިރެއްގައި އެ ލައިވްކުރާ ވާހަކައެއް ދެއްކެވެނީ، އެކަމަކު އެއީ ވެސް އަޅުގަނޑަށް އެނގިފައެއް އޮތް ކަމެއް ނޫން،" ނައިބު ރައީސް ވިދާޅުވި އެވެ.