ލާއޯސްއާ ރާއްޖޭގެ ފުޓްބޯޅައިގެ ވާހަކަ ދައްކާނަމަ، ދިވެހިންގެ ސިކުނޑިއަށް އަންނާނީ ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގައި ރާއްޖެއާ ލާއޯސްގެ ކުރިމަތި ލުމެވެ. ގުރޫޕް ސްޓޭޖްގައި ރާއްޖެއިން ލާއޯސްގެ މައްޗަށް 7-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވިއެވެ.
އެއީ މީގެ ދޮޅު އަހަރު ކުރީގެ ހަނދާނެވެ. ދިވެހި ޓީމުވެސް ބަދަލުވެއްޖެއެވެ. ޓީމަށް ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންވެސް އިތުރު ވެއްޖެއެވެ. ލާއޯސްގެ ކޯޗް ވަލަކޯން ފޮމްފްކާޑީ ބުނީ އޭރު "ރާއްޖެއާ ދެކޮޅަށް ކުޅުނު ލާއޯސް ޓީމުގެ 70 ޕަސަންޓް ބަދަލުވެއްޖެ" ކަމަށެވެ. ރާއްޖެ އަތުން އެމެޗްގައި ތަފާތު ބަޑުކޮށް ބަލިވި ނަމަވެސް އޭގެ އަސަރު މިހާރު އެޓީމަށް ނުކުރާނެ ކަމަށް ފޮމްފްކާޑީ ބުންޏެވެ.
"މިޓީމުގެ ކޯޗް ވެސް ބަދަލު ވެއްޖެ. އަހަރެމެން މިދަނީ އާ ސެޓަޕެއްގެ ދަށުން އާޓީމެއް ނަގައިގެން" ފޮމްފްކާޑީ ބުންޏެވެ.
ފޮމްފްކާޑީ ބުނީ ރާއްޖެ އަތުން ބަލިވި މެޗްގެ ބަދަލުގައި ލާއޯސްއަށް އެ ތާރީހް ބަދަލު ކުރެވިދާނެ ކަމަށެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި މާދަމާ ރޭ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުން އެއް ވަރު ކޮށްލެވުނަސް އަންނަ މަހު 11 ވަނަ ދުވަހު ލާއޯސްގައި ކުޅޭ މެޗުން އެޓީމަށް ރަނގަޅު ނަތީޖާއެއް ހޯދިދާނެއެވެ.
"އަހަރެން ނުވިސްނަން ނަތީޖާއަކަށް. އަހަރެމެން ބޭނުމީ ރަނގަޅު ގޭމެއް ކުޅެ އެންމެ ކުޑަމިނުން ޕޮއިންޓެއް ހޯދުން. އޭރުން ލާއޯސްގައި ކުޅޭ މެޗްގައި މި ޓީމަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ" ފޮމްފްކާޑީ ބުންޏެވެ.
ރާއްޖެއާ ދެކޮޅަށް ފޮމްފްކާޑީގެ ކޯޗްގެ ދަށުން ލާއޯސް އައިއިރު، މާދާމާ ރޭގެ މެޗަކީ އޭނާގެ ރަސްމީ ފުރަތަމަ މެޗެވެ. އޭނާ ރާއްޖެ އައީ ރާއްޖެއާ ދެކޮޅަށް އޭނާއަށް ގެނެވެން ހުރި ހުރިހާ ވަސީލަތެއް ހިފައިގެންނެވެ. އެގޮތުން އޭއެފްސީ ކަޕްގައި ރާއްޖޭގެ ކުލަބު ތަކާ ދެކޮޅަށް ކުޅުނު ޓީމުތަކުގެ ކުޅުންތެރިންނަށް އޭނާގެ ޓީމުން ފުރުސަތު ދީގެންނެވެ. އޭނާ ބުނީ ސައުދީ އަރަބިއްޔާ ދެކޮޅަށް މެޗެއް ކުޅުނީވެސް ވަރުގަދަ ޓީމަކާ ދެކޮޅަށް މެޗެއް ކުޅުމަށްފަހު ރާއްޖެއާ ދެކޮޅަށް ކުޅުމަށެވެ.
ލާއޯސް މެޗަކީ ރާއްޖޭގެ ކޯޗް ޑާރެން ސްޓެވާޓްގެވެސް ބައިނަލްއަގްވާމީ ރަސްމީ ފުރަތަމަ މެޗެވެ. ފުރަތަމަ މެޗްގައި ބަނގުލަދޭޝް އަތުން ރާއްޖެއަށް މޮޅުވެފައިވުމާއި ރާއްޖޭގެ އަމިއްލަ ދަނޑުގައި މެޗް ކުޅޭތީ ފޮމްފްކާޑީގެ ނަޒަރުގައި މެޗްގެ ފޭވަރިޓަކީ ރާއްޖެއެވެ.