ރާއްޖެ ކުޅިވަރު

ޔޫތު ޗެމްޕިއަންޝިޕް: އަންކޮގެ ދެ ލަނޑާއެކު އީގަލްސް އަށް މޮޅެއް

Sep 5, 2016

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު އަންސަރު އިބްރާހިމް (އަންކޮ) ކާމިޔާބު ކުރި ދެ ލަނޑާއެކު ޔުނައިޓަޑް ވިކްޓްރީގެ މައްޗަށް 4-1 ނަތީޖާއަކުން އީގަލްސް ކުރި ހޯދައިފި އެވެ.

ހެނވޭރު ދަނޑުގައި މިއަދު ކުޅުނު މެޗްގައި އީގަލްސްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ވެސް އަންކޮ އެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ މެޗްގެ 21 ވަނަ މިނެޓްގައެވެ.

އީގަލްސްގެ ދެ ވަނަ ލަނޑު 53 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް ރައިހާން އެވެ.

ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ. އޭގެ ހަ މިނެޓްފަހުން އީގަލްސްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ އަންކޮއެވެ.

ޔުނައިޓަޑް ވިކްޓްރީގެ ހަމަ އެކަނި ލަނޑު މެޗްގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރީ ހާނީ ހަލީލް އެވެ.

މި މުބާރާތުގައި މި އަންނަ ބުދަ ދުވަހު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ކުލަބު ވެލެންސިއާ އާއި ބީޖީއެވެ.