މިރޭ ލާއޯސްއާ ދެކޮޅަށް ނިކުންނަ މެޗަކީ އޭޝިއަން ކަޕް ކޮލިފައިން ބުރުން ޖާގަ ހޯދުމަށް ރާއްޖެއަށް އަޮތް އެންމެ ފަހު ފުރުސަތެވެ. ލާއޯސްއާ ދެކޮޅަށް ކުޅޭ ދެ މެޗުން ނަތީޖާއެއް ނުނެރެވިއްޖެނަމަ ކުރިއަށް އޮތް ދެ އަހަރު ބައިނަލްއަގްވާމީ ފެންވަރުގައި ދިވެހި ފުޓްބޯޅަ ނުފެނުމަކީ ގާތުގައިވާ ކަމެކެވެ. ފުޓްބޯޅަ އިދާރާ އާއި ގައުމީ ކޯޗާއި މެނޭޖުމެންޓާއި ކުޅުންތެރިންތިބީ ރާއްޖެއަށް ލިބިފައި އޮތް ފަހު ފުރުސަތު ބޭނުންކޮށް އޭޝިއަން ކަޕް ކޮލިގައިން ބުރުން ޖާގަ ހޯދުމުގެ އަޒުމުގައެވެ.
ކޯޗް ޑާރެން ސްޓެވާޓް ބުނީ އެކަން ހާސިލު ކުރުމަށްޓަކައި ކުޅުންތެރިން ފަރާތުން ފެންނަ ޓެކްނިކަލް ޑިސިޕްލިން އާއި ކުޅުންތެރިންގެ މަސައްކަތުގެ ރޭޓާ މެދު ސުވާލެއްވެސް ނެތް ކަމަށެވެ. މުޅި ޓީމު އޮތީ ލާއޯސް މެޗަށް ފުރިހަމައަށް ތައްޔާރުވެފައެވެ.
"މެޗް ކާމިޔާބު ކުރުމަށްޓަކައި ކުޅުންތެރިން ކުރާ މަސައްކަތާ މެދު އަހަރެން ސުވާލެއްވެސް ނެތް. ދަނޑު މަތީގައިވެސް ކުޅުންތެރިން 100 ޕަސަންޓަށް ވުރެ މަތިން ދޭން ޖެހުނަސް ދޭނެ ކަމުގެ ފުރިހަމަ ގެރެންޓީ އެބައޮތް" ގައުމީ ކޯޗް ސްޓެވާޓް ބުންޏެވެ.
ނަމަވެސް ޓީމުގެ ކޯޗައި ކުޅުންތެރިންވެސް ދިވެހިންގެ ގާތުން އެދެނީ ހަމަ އެންމެ އެދުމަކަށެވެ. މިރޭ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅޭ މެޗްގައި ދަނޑަށް އައިސް ދިވެހި ޓީމަށް ދިވެހިން ސަޕޯޓްކޮށްދިނުމަށެވެ. ފުޓްބޯޅަ އިދާރާގެ އެދުމަކީވެސް އެއީ އެވެ ބާރަ ވަނަ ކުޅުންތެރިޔާގެ ރޯލް ދަނޑުން ފެނުމަށެވެ.
ރާއްޖޭގައި ބޭއްވި ސާފް ޗެމްޕޮއަންޝިޕާއި އޭއެފްސީ ޗެލެންޖް ކަޕްގައި ދިވެހި ޓީމަށް ދިވެހިންގެ ފަރާތުން ފެނުނު ސަޕޯޓުން މުޅި އޭޝިއާގެ ތައުރީފް ދިވެހިންނަށް އޮހުނުވެ. އެއީ ދިވެހިންނަށް ލިބުނު ގައުމީ ޝަރަފެކެވެ.
ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ބަނގުގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗްގައި ފުރަތަމަ ހާފު ދިވެހިންގެ އަމިއްލަ ދަނޑުގައި ދިވެހިން ކުޅެމުން ދިޔައީ ޕްރެޝަރާ އެކުއެވެ. ބިދޭސީންގެ ބަޔަކު ދިވެހިންގެ ދަނޑަށް ދިވެހިންނަށްވުރެ ގަދަ ވެގެން ދިޔަ ތަނެވެ. ގައުމާއި މެދުގައި ވިސްނޭ މީހަކަށް ލޮލުން ކަރުނަ އޮހޮރިގެންދާ ފަދަ ހިތާމަވެރި މަންޒަރެކެވެ.
މިރޭ ލާއޯސްގެ މެޗްގައި ދިވެހިންނަށް އަނެއްކާވެސް އިމްތިހާނެކެވެ. ދިވެހި ޓީމު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ބުރާ ހަމަޔަށް ގެނދިއުމަށް ދިވެހި ސަޕޯޓަރުންގެ އެހީއަށް އިހްތިރާމާއެކު ދިވެހިން ޓީމު އެދެއެވެ.