ހަބަރު

ނަޝީދު ގޭ ބަންދަށް ބަދަލުކޮށްދޭން ވަކީލުން އެދިއްޖެ

ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޭ ބަންދަށް ބަދަލުކޮށްދޭން ނަޝީދުގެ ވަކީލުން އެދިއްޖެ އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައާ ގުޅިގެން ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެކަމާ ގުޅިގެން ނަޝީދުގެ ވަކީލުންގެ ޓީމުން ހޯމް މިނިސްޓަރު އުމަރު ނަސީރަށް މިއަދު ފޮނުއްވި ސިޓީގައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ނަޝީދު ހުންނަވާއިރު ފުލުހުންގެ ފަރާތުން އެމަނިކުފާނަށް އަނިޔާ ކުރަމުންދާ ކަމަށާއި އެކަމުން އެމަނިކުފާނަށް ސަލާމަތް ކުރަން ގޭ ބަންދަށް ބަދަލުކޮށްދޭން އެދޭ ކަމަށެވެ.

މީގެ އިތުރުން ނަޝީދުގެ ވަކީލުންނާއި އާއިލާގެ މެމްބަރުންނަށް ވެސް ނޭނގި އެމަނިކުފާނު އެއްތަނުން އަނެއް ތަނަށް ގެންދާ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ. އެގޮތުން އެމަނިކުފާނަށް ފަރުވާ ދިނުމަށް މިއަދު މާލެ ގެނެސްފައިވަނީ އެމަނިކުފާނުގެ އާއިލާއަށާއި ވަކީލުންނަށް އެންގެވުމެއް ނެތި ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ދައުލަތުގެ އެދުމުގެ މަތިން ކޯޓުން އަމުރުކޮށްފައިވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ނަޝީދު ބަންދުކޮށްފައި ބެހެއްޓުމަށެވެ. އެގޮތަށް އަމުރުކޮށްފައި އޮތަސް ފުލުހުން ބަންދުގައި ބަހައްޓަން ފުލުހުންނަށް ނުފެންނަ ނަމަ ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން އެމީހަކު ދޫކޮށްލައި، ނުވަތަ ގޭ ބަންދަށް ބަދަލު ކުރުން ފަދަ ކަންކަން ފުލުހުން ކުރީއްސުރެން ފެށިގެން ކުރެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުން އިއްޔެ ނަޝީދު ކޯޓަށް ހާޒިރުކުރަން އުޅުމުގެ ތެރޭގައި އެމަނިކުފާނަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވަނީ ލިބިފަ އެވެ.