ހަބަރު

ހަކަތައަށް ހޭލުންތެރިވި މިންވަރު ބަލަން ދިރާސާ ކުރަނީ

ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމަށް ދިރާސާ ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފި އެވެ.

މި ދިރާސާގެ ބޭނުމަކީ އިމާރާތްތަކުގެ ދާއިރާއިން ޖައްވަށް ބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މި ދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި ތިމާވެށްޓާ ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ. އަދި އެންވާރަމެންޓް މިނިސްޓްރީއާއި އދ. ގެ ތިމާވެށްޓާބެހޭ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ އެހީގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ދިރާސާ އެކެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ދިރާސާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު 25 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ބީލަން ހުޅުވަން ހަމަޖެހިފައި އޮތީ ބީލަން ހުށަހަޅަން ހަމަޖެހިފައިވާ ދުވަހު ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގަ އެވެ.