މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

އިއާދަކުރަނިވި ހަކަތަ އިތުރުކުރަން އެއް ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ފަށަނީ

ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާ ގުޅިގެން 75.5 މިލިއަން އެމެރިކާ ޑޮލަރު -- 1.2 ބިލިއަން ރުފިޔާގެ މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭޑީބީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ސިންޑީ މަލްވަޗީނީ އެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓާ އޮފް ފިނޭންސް ޑރ. މުހައްމަދު ޝަފީގު އެވެ.

މިރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި އޭޑީބީގެ އޮފިޝަލުންނާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި އެ އެމްބަސީގެ އޮފިޝަލުންނާއި، ދިވެހި ސަރުކާރުގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިއެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވަނީ "އެކްސަލަރޭޓިން ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނާޖީ" (އެޝުއަ) ޕްރޮޖެކްޓެވެ.

މިމަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ޕަވަ ޕާޗޭސިން އެގްރީމަންޓު އުސޫލުން 20 ރަށެއްގައި 20 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުތަކެއް ގާއިމުކުރުމެވެ. މި ނިޒާމުތައް ގާއިމުކުރެވޭ ރަށްރަށުގެ ގްރިޑް ސްޓެބިލިޓީ ހަރުދަނާކުރުމަށް 44 މެގަވޮޓްއަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމާއި މިރަށްރަށުގެ ކަރަންޓު ވިއުގައިގެ ހާލަތު ރަނގަޅުކުރުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން އެއް ރަށެއްގައި ވައިގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ގާއިމުކުރުމާއި އިތުރު ރަށެއްގައި ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވެ އެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން "މަގޭ ސޯލަ ޕްރޮގްރާމު"ގެ ފުރަތަމަ ފިޔަވަހީގެ ތިން މެގަވޮޓު ސޯލާ ޕީވީ ސިސްޓަމްތައް ހޯދުމަށް ހަރަދުކުރުމާއި އިރުގެ އަލި ބޭނުންކޮށްގެން ކަރަންޓު އުފައްދައި އެކަރަންޓުގެ އެހީގައި ހިންގާ ގޮތަށް އެއް ރަށުގައި ކޮމިއުނިޓީ އިރިގޭޝަން ސިސްޓަމަކާއި ކޮމިއުނިޓީ ފާމިން ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ހިންގުމަށްވެސް ހަމަޖެހިފައިވެ އެވެ.

މިމަޝްރޫއުތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 10 މިލިއަން ލީޓަރުގެ ޑީސަލު ސަލާމަތްކުރެވި އޭގެ ސަބަބުން އަހަރަކު 26 ހާސް ޓަނުގެ ވިހަ ގޭސް ޖައްވަށް ބޭރުކުރުން މަދުކުރެވޭނެ ކަމަށްވެސް ދިވެހި ސަރުކާރުން ބުނެ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ހަކަތަ ކަމަށް ހެދުމަށް ކޮޕް 28 ސަމިޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ލަނޑުދަނޑިއެއް އިއުލާންކުރައްވާފައިވާތީ އެ އަމާޒަށް ވާސިލްވުމަށް މިއަދު ސޮއިކުރެވުނު އެއްބަސްވުމުގައި ހިމެނޭ މަޝްރޫއުތަކާ އެކު ފަސޭހަވާނެ ކަމަށެވެ.