އިއާދަކުރަނިވި ހަކަތަ

"ވިއްސައިގެން ދިޔައީ ހަރުކޮށްފައި ހުރި ޕެނަލްތަކެއް ނޫން"

ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ގާއިމުކޮށްފައިވާ ސްޓްރަކްޗާގައި ހަރުކޮށްފައިވާ އެއްވެސް ސޯލާ ޕެނަލެއް ވިއްސައިގެން ގޮސްފައި ނުވާ ކަމަށް މި ޕްރޮޖެކްޓްގެ ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓް އިފާދު ވަހީދު ވިދާޅުވެއްޖެ އެވެ.

ހައިވޭގައި ގާއިމުކޮށްފައިވާ ސްޓަރަކްޗާގެ މޫދާވީ ފަޅީގައި ސޯލާ ޕީވީ މޮޑިއުލްސްތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ހަތަރު ޕެނަލެއް މިރޭގެ ވަގުތެއްގައި ވަނީ ވަޔާ އެކު ވިއްސައިގެން މޫދަށް ގޮސްފަ އެވެ.

މިހާދިސާއާއި ގުޅިގެން އިފާދު މިރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މީގެ އެއްވެސް ޕެނަލަކީ ސްޓްރަކްޗާގައި ހަރުކޮށްފައި ހުއްޓައި ވިއްސައިގެން ދިޔަ ޕެނަލްތަކެއް ނޫން ކަމަށެވެ.

"މިކަމުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ. ޕެނަލްތައް މިހާރު ވަނީ މޫދުން ނަގާފައި،" މެސެޖުގައިވެ އެވެ.

އިފާދު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ސްޓްރަކްޗާ އަކަށް ގެއްލުމެއް ލިބިފައި ނެތް ކަމަށާއި އަދި ޑިޒައިންގައިވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ހައިވޭގައި ދަތުރު ކުރުމަށް ނުރައްކަލެއްވާ ފަދަ އެއްވެސް ހާދިސާއެއް ނުވަތަ އެފަދަ ނުރައްކަލެއް އޮތް ކަމަކަށް މިހާތަނަށް ބެލި ބެލުމުން ފާހަގަކުރެވިފައި ނެތް ކަމުގައިވެސް މެސެޖުގައި ފާހަގަކޮށްފައިވެ އެވެ.

"މިކަމާއި ގުޅިގެން [އެންވަޔަރަންމަންޓް] މިނިސްޓްރީން ކޮންޓެރެކްޓަރު މަސައްކަތް ކުރިއަށް ގެންދިޔަ ގޮތާއި ގުޅޭގޮތުން އިންޓާނަލް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދާނެ. އަދި އިތުރަށް މަސައްކަތް ކުރިއަށްދާނީ މަސައްކަތް ކުރުމުގައި އަޅަންޖެހޭ އެއްމެހައި ސަލާމަތީ ފިޔަވަޅުތައް އަޅާފައިވޭތޯ ޔަގީންކުރުމަށްފަހު،" އިފާދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހަރުކުރުކޮށްފައިވާ އެއްވެސް ޕެނަލެއްގައި މައްސަލައެއް ހުރިތޯ ބަލައި މައްސަލައެއް ނެތްކަން ޔަގީންކުރާނެ ކަމަށެވެ. އަދި މިމަސައްކަތް ކުރުމުގައި ސުޕަވައިޒްކުރުން އިތުރުކޮށް ރިޕީޓްކޮށް އިންސްޕެކްޓް ކުރަމުން ގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރީ ނޮވެމްބަރު 24، 2020 ގައެވެ.

މިމަޝްރޫއު ނިމޭނެ ކުރިން ލަފާކޮށްފައި އޮތީ މިދިޔަ މެއި މަހުގެ ނިޔަލަށެވެ. މިއީ ވޯލްޑް ބޭންކުގެ ޕްރައިވެޓް އިންވެސްޓްމަންޓް އުސޫލުން ހިނގާ މަޝްރޫއެއް ކަމުން، މި މަޝްރޫއުގެ މަސައްކަތްތައްކަށް ބޭނުންވާ ހަރަދުތައް ކުރުމަށް ހަމަޖެހިފައިވަނީ ވެސް އެންސިސް ކޯ ލިމިޓެޑުންނެވެ. އަދި ކޮންޓްރެކްޓުގެ މުއްދަތުގައި މެއިންޓަނަންސްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ވެސް މި ކުންފުނިންނެވެ.