މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

13 ރަށެއްގައި ސޯލާ ޕެނަލް ހަރުކުރަން އިންވެސްޓަރުން ހޯދަނީ

ރާއްޖޭގެ 13 ރަށެއްގައި 15 މެގަވޮޓްގެ ސޯލާ ޕީީ ނިޒާމު ގާއިމުކުރުމަށް އިންވެސްޓަރުން ހޯދުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއަކީ ވޯލްޑް ބޭންކުގެ އެހީއާއެކު "އެކްސަލަރޭޓިން ރިނިއުވަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ" (އެރައިސް) ޕްްރޮޖެކްޓުގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށެވެ.

"އެރައިސް" މަޝްރޫއަކީ ވޯލްޑް ބޭންކުގެ އެހީއާއެކު އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ރައްކާކުރެވޭނެ ބެޓެރީ އެނާޖީ ސްޓޯރޭޖްތައް ގާއިމުކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެ މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއަށް އިނވެސްޓުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުގެ 13:00 އާ ހަމައަށް ހުޅުވާލާފައިވެ އެވެ.

މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ލޮޓަކަށް ބަހާލައިގެންނެވެ. އެގޮތުން ދެ މެގަވޮޓްގެ ސޯލާ ޕީވީ ހަރުކުރުމަށް ހަމަޖެހިފައިވަނީ ލ. ހިތަދޫ، ލ، ކުނަހަންދޫ، ލ، މައިބާދޫ، ލ، މާމެންދޫ، ލ، މާވަށް އަދި ލ، ދަނބިދޫ ގައެވެ. އަދި 13 މެގަވޮޓްގެ ސޯލާ ޕީވީ ހަރުކުރުމަށް ހަމަޖެހިފައިވަނީ ލ. އިސްދޫ، ލ. ކަލައިދޫ، ލ. ފޮނަދޫ، ލ. ގަން، ޅ. ނައިފަރު، ގއ. ވިލިނގިލި އަދި ށ. ފުނަދޫގައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ސޯލާ ޕީވީ ހަރުކުރުމަށް ކުރަންޖެހޭ ކެޕިޓަލް ހަރަދުކުރުމާއި 20 އަހަރު ދުވަހަށް އެ ނިޒާމު ބަލަހައްޓާ އެއިން ކަރަންޓު އުފައްދާނީ ކޮމްޕެޓިޓިވް ބިޑިން ޕްރޮސެސް އަކުން ބީލަން ކާމިޔާބުކުރާ ކޮންޓްރެކްޓަރު ކަމަށެވެ.

ކޮންޓްރެކްޓަރު ހޮވުމުގައި ފަންނީ އަދި މާލީ ގާބިލުކަން ބަލައި، އެ ނިޒާމުގެ ދަށުން އުފައްދާ ކަރަންޓް އެންމެ ކުޑަ ރޭޓެއްގައި ދައުލަތަށް ވިއްކަން ހުށަހަޅާ އިންވެސްޓަރު ނުވަތަ ކުންފުންޏަށް އިސްކަންދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫއަށް 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކޮންޓްރެކްޓަރަކު ހޮވާ، ކުރަންޖެހޭ ދިރާސާތައް ކުރުމަށްފަހު އަމަލީ މަސައްކަތް ފެށޭނީ އެ އަހަރުގެ ފަހުކޮޅު ކަމަށް މިނިސްޓްރީން ލަފާކުރެ އެވެ.

މި މަޝްރޫއުގެ ދަށުން ކަރަންޓު އުފައްދަން ފެށުމުން ލ. އަތޮޅުގެ ރަށްތަކުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލް އިން ހަ މިލިއަން ލީޓަރު ސަލާމަތްވާނެ ކަމަށާއި އެ ތެލަށް ދައުލަތުން ހޭދަ ކުރާ ފައިސާގެ ތެރެއިން 48 މިލިއަން ރުފިޔާވެސް ސަލާމަތް ކުރެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ސޯލާއިން ކަރަންޓު ދިނުމުގެ މަޝްރޫގެ ދަށުން ގއ. އަތޮޅުގެ ހަތް ރަށަކާއި ގދ. އަތޮޅުގެ ދެ ރަށެއްގައި ގްރިޑް-ޓައިޓް ސޯލާ ޕީވީ-ޑީސަލް ހައިބްރިޑް ޕަވާ ޖެނެރޭޝަން ޕްލާންޓްތަކެއް ޑިޒައިންކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލް ކުރުމަށް ކުންފުންޏެއް ހޯދުމަށް ވެސް އެ މިނިސްޓްރީން ކުރިން ވަނީ އިއުލާންކޮށްފަ އެވެ