އެސްޕަޔާ މަޝްރޫއު

ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ތައްޔާރުވެއްޖެ

ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑުގައި ސޯލާ ޕެނަލްތަކެއް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މިއީ އެކްސެލަރޭޓިންގް ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ)ގެ ނަމުގައި ވޯލްޑް ބޭންކްގެ އެހީގައި ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓްރީ އިން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިމަޝްރޫއުގެ ދަށުން ފަސް މެގަވޮޓްގެ ކަރަންޓް އުފެއްދޭ ވަރުގެ ސޯލާ ޕީވީ ނިޒާމެއް ގާއިމުކުރާނެ އެވެ. އަދި މިނިޒާމުގެ ތެރެއިން އަހަރެއްގެ މައްޗަށް 7.3 މިލިއަން ކަރަންޓް ޔުނިޓް އުފައްދާނެ އެވެ. މަޝްރޫއު ނިމި ހިދުމަތް ދޭން ފެށުމާ އެކު ކަރަންޓުގެ ހިދުމަތް ދިނުމަށް ދައުލަތުން ތެލަށް ކުރާ ހަރަދުން 15-20 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެވެ.

މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރީ ނޮވެމްބަރު 24، 2020 ގައެވެ.

ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓު ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަރަންޓު ޔުނިޓަކަށް 10.09 ސެންޓުގެ ރޭޓަކުންނެވެ. ދިވެހި ރުފިޔާ އިން ބަލާނަމަ މިއީ ކޮންމެ ޔުނިޓަކަށް 1.681 ރުފިޔާ އެވެ. މިއީ މީގެ ކުރިން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުގެ ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބަބައިކުޅަ އެއްބައި އަގުހެޔޮ ރޭޓެކެވެ.

ސޯލާ ޕެނަލްތައް ހަރުކުރުމަށް ބޭނުންވާ އޮނިގަނޑު ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. މި މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިމި ސްޓެލްކޯގެ ގްރިޑަށް ގުޅައި ޕެނަލްތަކުން ކަރަންޓު އުފައްދަން ފެށޭނެ ކަމަށް ލަފާކުރަނީ 2023 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

މިއީ ވޯލްޑް ބޭންކުގެ ޕްރައިވެޓް އިންވެސްޓްމަންޓް އުސޫލުން ހިނގާ މަޝްރޫއެއް ކަމުން، މި މަޝްރޫއުގެ މަސައްކަތްތައްކަށް ބޭނުންވާ ހަރަދުތައް ކުރުމަށް ހަމަޖެހިފައިވަނީ އެންސިސް ކޯ ލިމިޓެޑުންނެވެ. އަދި ކޮންޓްރެކްޓުގެ މުއްދަތުގައި މެއިންޓަނަންސްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ވެސް މި ކުންފުނިންނެވެ.

އެސްފަޔާ ޕްރޮޖެކެޓްގެ ކޮމިއުނިކޭޝަން ސްޕެޝަލިސްޓް އިފާދު ވަހީދު އަވަސް އަށް ވިދާޅުވީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ލަސްވީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެގެން ކަމަށެވެ.

"ކޮވިޑްގެ ހާލަތާ ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި ހުރީމާ ކޮންޓްރެކްޓަރަށް ރާއްޖެ އައުމަށް ހުރަސްތަކެއް ދިމާވި. މީގެއިތުރުން މި ސަރަހައްދުގައި އިތުރު މަސައްކަތްތައް ކުރެވެމުން ދިޔައީ. އަދި މިމަޝްރޫއަށް ބެނުންވާ ސާމާނުތައް ރާއްޖޭން ބޭރުން ގެންނަން ވެސް އަޅުގަނޑުމެންނަށް ދަތިތަކެއް ދިމާވި،" އިފާދު ވިދާޅުވި އެވެ.

ތިމާވެއްޓާ ރައްޓެހި ގޮތަކަށް ޑިޒައިން ކޮށްފައިވާ މި ނިޒާމު ގާއިމުކުރެވޭނީ ހައިވޭގައި ޕޭވްމަންޓް ބޭނުންކުރާ މީހުންނަށް ދަތި ނުވާ ގޮތަށެވެ. އަދި އޮނިގަނޑު ބިނާކުރުމަށްފަހު އޭގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމުގައި އިފާދު ވިދާޅުވި އެވެ.