ސްޓެލްކޯ

ހައިވޭގައި ޖަހާ ސޯލާތަކުން ކަރަންޓު ހަރަދު އަދި ކުޑައެއް ނުވާނެ: ޝަރީފް

އެކްސެލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ)ގެ ނަމުގައި ހުޅުމާލެ އަދި މާލެ ގުޅައިދޭ ހައިވޭގައި ޖަހާ ސޯލާ ޕެނަލްތަކުން ކަރަންޓުގެ އަގަށް މާބޮޑު ތަފާތެއް ނާންނާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ ހައިވޭގައި ޖަހާ ސޯލާ ޕެނަލްތައް ބޭނުންކުރަން ފެށުމުން ސްޓެލްކޯ އިން ތެލަށް ކުރާ ހަރަދަށް ކޮންމެވެސް ވަރެއްގެ ހެޔޮބަދަލެއް އައި ނަމަވެސް މާބޮޑު ތަފާތެއް ކަރަންޓުގެ އަގަށް އަންނާނެކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

"ހައިވޭގައި އެޖަހާ ފަސް މެގަ ވޯލްޓް އަޅުގަނޑުމެންގެ ގްރިޑަށް ވަނުމާއެކީ ކޮންމެސް ވަރެއްގެ އިމްޕެކްޓްއެއް އަންނާނެ. ދުވާލެއްގެ މައްޗަށް އަޅުގަނޑުމެންނަށް 82 މެގަވޮލްޓް މިހާރު ބޭނުންކުރެވޭ. އެހެންވީމަ އަޅުގަނޑުމެންގެ ގްރިޑަކަށް މާބޮޑު އިމްޕެކްޓްއެއް އަދި ނާންނާނެ،" ޝަރީފް ވިދާޅުވި އެވެ.

ހައިވޭ ސޯލާ ޕެނަލްތަކުން ޖެނެރޭޓް ކުރާ ކަރަންޓުގެ ސަބަބުން ސަރުކާރުގެ އާންމު ޓެރިފް މުރާޖައާ ކުރާ ލެވެލް އަށް ދެވިދާނެ ކަމަށް ގަބޫލުނުކުރެވުނު ނަމަވެސް، ދެ އަހަރު ނުވަތަ ތިން އަހަރު ދުވަސްތެރޭގައި ކޮންމެވެސް ވަރެއްގެ ބަދަލެއް އަތުވެދާނެ ކަންވެސް ޝަރީފް ފާހަގަކުރެއްވި އެވެ.

ޝަރީފް ވަނީ އަތޮޅު ތެރޭގައި ދުވާލު ގަޑީގައި އިންޖީނު ނިއްވާލެވޭނެ މިންވަރަށް ސޯލާ ޕެނަލް ހަރުކުރެވޭނެ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު އައިމިނަތް ޝައުނާ ކުރެއްވި އިއުލާނާއި އެއްގޮތަށް އަމަލުކުރެވިއްޖެނަމަ ސްޓެލްކޯއަށް ވެސް އަދި ރައްޔިތުންނަސް ވެސް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ހައިވޭގައި ކުރިއަށްދާ އެސްޕަޔާ ޕްރޮޖެކްޓްގެ ދަށުން ފަސް މެގަވޮޓްގެ ކަރަންޓް އުފެއްދޭ ވަރުގެ ސޯލާ ޕީވީ ނިޒާމެއް ގާއިމުކުރެވި، އެ ނިޒާމުގެ ތެރެއިން އަހަރެއްގެ މައްޗަށް 7.3 މިލިއަން ކަރަންޓް ޔުނިޓް އުފައްދާނެ އެވެ.

މަޝްރޫއު ނިމި ހިދުމަތް ދޭން ފެށުމާ އެކު ކަރަންޓުގެ ހިދުމަތް ދިނުމަށް ދައުލަތުން ތެލަށް ކުރާ ހަރަދުން 15-20 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓު ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަރަންޓު ޔުނިޓަކަށް 10.09 ސެންޓުގެ ރޭޓަކުންނެވެ. ދިވެހި ރުފިޔާ އިން ބަލާނަމަ މިއީ ކޮންމެ ޔުނިޓަކަށް 1.681 ރުފިޔާ އެވެ. މިއީ މީގެ ކުރިން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުގެ ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބަބައިކުޅަ އެއްބައި އަގުހެޔޮ ރޭޓެކެވެ.