އިއާދަ ކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން މާލެ-ހުޅުމާލެ ހައިވޭގައި އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، ވަކި ވަގުތުތަކެއްގައި ހައިވޭގެ އެއް ލޭނު ބަންދުކުރަން ނިންމައިފި އެވެ.
އެކްސެލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކެޓްގެ ކޮމިއުނިކޭޝަން ސްޕެޝަލިސްޓް އިފާދު ވަހީދު އަވަސް އަށް ވިދާޅުވީ ލޭން ބަންދުކުރަން ނިންމީ ހައިވޭގެ މޫދާވީ ފަޅީގައި ސްޓްރަކްޗާ ހަރުކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ކަމަށެވެ.
ސްޓްރަކްޓާ ހަރުކުރުމުގެ މަސައްކަތް ފެށޭނީ އަންނަ އާދީއްތަ ދުވަހު އެވެ. އަދި މި މަސައްކަތް ނިމި އެއްކޮށް ލޭން ހުޅުވާލާނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ.
ލޭން ބަންދުކުރަން ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:30 އިން 11:30 އަށް އަދި މެންދުރުފަހު 1:30 އިން ހަވީރު 04:30 އަށެވެ.
"ލޭން ބަންދު ގަޑިތަކުގައި ހުޅުމާލެއިން މާލެ އަންނަ މީހުން ސަމާލުވުމަށް މިކަމާ ގުޅޭ އެންމެހައި އިދާރާތަކުން އިލްތިމާސްކުރޭ،" އިފާދު ވިދާޅުވިއެވެ.
ވޯލްޑް ބޭންކްގެ އެހީގައި ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓްރީ އިން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ފަސް މެގަވޮޓްގެ ކަރަންޓް އުފެއްދޭ ވަރުގެ ސޯލާ ޕީވީ ނިޒާމެއް ގާއިމުކުރާނެ އެވެ.
މިނިޒާމުގެ ތެރެއިން އަހަރެއްގެ މައްޗަށް 7.3 މިލިއަން ކަރަންޓް ޔުނިޓް އުފައްދާނެ އެވެ. މަޝްރޫއު ނިމި ހިދުމަތް ދޭން ފެށުމާ އެކު ކަރަންޓުގެ ހިދުމަތް ދިނުމަށް ދައުލަތުން ތެލަށް ކުރާ ހަރަދުން 15-20 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެވެ.
މި މަޝްރޫގެ މަސައްކަތް ހަވާލުކުރެވިފައިވަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑާ އެވެ.