ރާއްޖޭގައި ކުރިއަށް ގެންދާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއަށް ކުރިން ނުފެންނަ ވަރުގެ ބޮޑު ޝައުގުވެރިކަމެއް ބޭރު ގައުމުތަކުގެ އިންވެސްޓަރުންގެ ފަރާތުން ފެންނަމުންދާ ކަމަށް ވޯލްޑް ބޭންކުން ދެކުނު އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައި ހުންނަވާ ނައިބް ރައީސް މާޓިން ރައިޒާ ވިދާޅުވެއްޖެ އެވެ.
މާޓިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަސް މެގަވޮޓް ސޯލާ ހަކަތަ އުފެއްދުމުގެ އެކްސެލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ)ގެ ނަމުގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއަކީ ބޭރުގައުމުތަކުގެ އިންވެސްޓަރުން ވަރަށް ބޮޑަށް ޝައުގުވެރިވާ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދޭނެ މަޝްރޫއެއް ކަމުގައިވެސް ވިދާޅުވި އެވެ.
މި މަޝްރޫއުގެ ސަބަބުން ޑީސަލް އިން އުފައްދާ ކަރަންޓާ އަޅާ ބަލާއިރު ރާއްޖޭގައި ހަކަތައަށް ކުރާ ހަރަދު 50 އިންސައްތައަށް ކުޑަ ކުރެވޭނެ ކަމަށްވެސް މާޓިން ގަބޫލުކުރައްވަ އެވެ.
މި މަޝްރޫއަކީ އެސްޕަޔާގެ ނަމުގައި ވޯލްޑް ބޭންކްގެ އެހީގައި ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މިމަޝްރޫއުގެ ދަށުން ފަސް މެގަވޮޓްގެ ކަރަންޓް އުފެއްދޭ ވަރުގެ ސޯލާ ޕީވީ ނިޒާމެއް ގާއިމުކުރާނެ އެވެ. އަދި މިނިޒާމުގެ ތެރެއިން އަހަރެއްގެ މައްޗަށް 7.3 މިލިއަން ކަރަންޓް ޔުނިޓް އުފައްދާނެ އެވެ. މަޝްރޫއު ނިމި ހިދުމަތް ދޭން ފެށުމާ އެކު ކަރަންޓުގެ ހިދުމަތް ދިނުމަށް ދައުލަތުން ތެލަށް ކުރާ ހަރަދުން 15-20 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެވެ.
މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރީ ނޮވެމްބަރު 24، 2020 ގައެވެ.
ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓު ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަރަންޓު ޔުނިޓަކަށް 10.09 ސެންޓުގެ ރޭޓަކުންނެވެ. ދިވެހި ރުފިޔާ އިން ބަލާނަމަ މިއީ ކޮންމެ ޔުނިޓަކަށް 1.681 ރުފިޔާ އެވެ. މިއީ މީގެ ކުރިން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުގެ ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބަބައިކުޅަ އެއްބައި އަގުހެޔޮ ރޭޓެކެވެ.
މި މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިމި ސްޓެލްކޯގެ ގްރިޑަށް ގުޅައި ޕެނަލްތަކުން ކަރަންޓު އުފައްދަން ފެށޭނެ ކަމަށް ލަފާކުރަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.