މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ޓިންކަބެލް ނިވާނުކޮށް ހުރި ކަމަށް ބެލެވެން ނެތް: ބްރޯޑްކޮމް

މިނިވަން ދުވަހުގެ މުނާސަބަތުގައި، ބޭއްވި ފުޅަނދުބުރުގައި ބައިވެރިވި ޓިންކަބެލް ކާޓޫނު ކެރެކްޓާއާ އެއްގޮތަށް ހެދުން އަޅައިގެން ހުރި ކުއްޖާ ލާފައިވާ ހެދުމުގައި މައްސަލައެއް ނެތް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ. އެ ކޮމިޝަނުން ބުނީ ޓިންކަބެލް ހުރީ ނިވާކޮށްގެން ކަމަށެވެ.

ބްރޯޑްކޮމްއަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައެއްގައި ބުނެފައިވަނީ ޓިންކަބެލް ގޮތަށް ހެދުން އަޅައިގެން ހުރި ކުއްޖާ ތިރިން ލައިގެން ހުރީ ބޮޑީ ފިޓެއް ނަމަވެސް ބަލައި މީހުންނަށް ސިފަވަނީ އޭނާ އެއްވެސް އެއްޗެއް ނުލާ ހުރި ގޮތަކަށް ކަމަށެވެ. އޭނާގެ އައުރަ ނިވާނުކޮށް ހުރި ކަމަށެވެ. އަދި ޓީވީއެމްއިން އެ މަންޒަރުތައް ލައިވްކޮށް ދެއްކި މައްސަލަ ބަލައިދިނުމަށް ވަނީ އެދިފަ އެވެ.

އެ މައްސަލާގައި އެކަމުގައި ދީނީ ގޮތުން އަންގާފައިވާ ކަންކަމާއި ބްރޯޑްކޮމްގެ ގަވައިދުގައިވާ ކަންކަން ބަޔާންކޮށްފައިވެ އެވެ. އަދި ބައެއް ހަދީސްތައް ވެސް ފާހަގަކޮށްފައިވެ އެވެ.

މި މައްސަލަ ބެލުމަށްފަހު ބްރޯޑްކޮމްއިން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، ޓިންކަބެލް ހެދުމުގައި ހުރި އަންހެން ކުއްޖާ ބޮޑީ ފިޓަކުން ހަށިގަނޑު ނިވާކޮށްފައިވާކަން ކޮންޓެންޓް ބެލި ބެލުމުން ސާފުކޮށް އެނގެން ފެންނަން އޮންނަ ކަމެވެ. އަދި އޭނާގެ ހަށިގަނޑު ނިވާނުކޮށް ހުރި ކަމަށް ބެލޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

އެހެންކަމުން މި މަންޒަރުތައް ޓީވީއެމްއިން ގެނެސްދިނުމުގައި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވެފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ވަނީ ނިންމާފަ އެވެ.