ރިޕޯޓް

މާލެ ފަޅުކޮށް އެއްބަޔަކު އަތޮޅުތަަކަށް އަނެއް ބަޔަކު ބޭރަށް

"މަށަކަށް އެއްވެސް ދިމާއަކުން ދެވޭ ގޮތެއް ނުވި، ހުރިހާ ތަނެއް ފުލް. އެންމެ ފަހުން ކަނޑުމަގުން ދާ ބޯއްޓަކުން ވެސް ޖާގައެއް ނުލިބުން. އަތޮޅުގެ އެހެން ރަށަކަށް ދާ ބޯޓަކުން ޓިކެޓެއް ލިބޭތޯ މިއުޅެނީ. ވިއްސަކަަށް ދުވަސް ވެދާނެ ޓިކެޓެއް ހޯދަން އުޅޭތާ. ބަލައިދީބަލަ އަޅެ ލިބޭތޯ" މިއީ އީދަށް އުފަން ރަށަށް ދާން އަހަރު ފެށުނީއްސުރެން ހިތު އަޅައިގެން ހުރި ޒުވާނަކު ޓިކެޓެއް ނުލިބިގެން ދެއްކި ވާހަކަ އެވެ.

ރަށަށްދާ ހުރިހާ ބޯޓުތަކުން ޖާގަ ލިބޭތޯވެސް މަސައްކަތް ކޮށްފި އެވެ. ހައްޖު ދުވަސް އާއިރު ވެސް ކޮޅެއް ނުފެނެ އެވެ. މަސައްކަތް ފެށީ އިއްޔެ މިއަދަކު ނޫނެވެ. އެސަކަރާތެއްގައި އޭނަ އުޅޭތާ މިހާރު ވިއްސަކަށް ދުވަސް ވެއްޖެ އެވެ. އޭނާ ނޫނަސް އީދު ޗުއްޓީއަށް އެއްވެސް ދިމާއަކަށް ދާނެ ޓިކެޓެއް ނުލިބިގެން ތާށިވެފައިވާ މީހުން އެބަ ތިއްބެވެ. އެކަމަކު މާލެ ހުސްކޮށް އެތަކެއް ހާސް ބަޔަކު ފުރަ ފުރައިގެން ހިނގައްޖެ އެވެ.

އަމިއްލަ އުފަން ރަށުން ބޭރުގައި މާލޭގައި ނުވަތަ ކޮންމެވެސް އެހެން ރަށެއްގައި ދިރިއުޅޭ އެތައް ބަޔަކު މިހާލެއްގައި ޓިކެޓް ނުލިބިގެން އުޅެން ފެށުމުން ގައުމީ އެއާލައިން މޯލްޑިވިއަން އިން ވަނީ ފްލައިޓް ދަތުރުތައް ވެސް އިތުރުކޮށްފަ އެވެ. މޯލްޑިވިއަނުން ވަނީ ކޮންމެ ރަށަކަށް ވެސް އާންމު ޝެޑިއުލަށްވުރެ އިތުރަށް ފްލައިޓް ހަމަޖައްސާފަ އެވެ. މިއަހަރުގެ ބޮޑު އީދު އެންމެ ކުލަގަދަކޮށް ފާހަގަކުރާ ލ. އަތޮޅަށް ޝެޑިއުލް ފްލައިޓްތަކުގެ އިތުރުން 10 ފްލައިޓް ހަމަޖެއްސިއިރު ހުރިހާ ފްލައިޓެއްވެސް ވަނީ ޖާގަ ފުލްވެފަ އެވެ. ރޭ ކައްދޫ އެއާ ޕޯޓަށް ވަނީ އެ އެއާޕޯޓްގެ ހަޔާތުގައި ރެކޯޑް އަދަދަކަށް މަތިންދާ ބޯޓް ޖައްސާފަ އެވެ. މުޅިން ވެސް ލާމަށް އީދު ޗުއްޓީއަށް ދިޔަ މީހުން ގޮވައިގެނެވެ.

ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައެއްހާ މީހުން މާލޭގައި ދިރިއުޅޭއިރު އޭގެތެރެއިން ދެބައި ކުޅަ އެއްބައި ކަހަލަ ގޮތަކަށް ވަނީ އީދަށް މި ލިބުނު ނުވަ ވަރަކަށް ދުވަހުގެ ބަންދަށް މާލޭގެ ހަލަބޮލިކަމާއި ދުރަށް ގޮސް ސިކުނޑި ހަމައަކަށް އަޅުވާލެވޭ ހިސާބެއްގައި ބަނދަރު ޖަހާފަ އެވެ.

ބޮޑުބައެއް ރާއްޖޭގެ ރަށްތަކަށް ދިޔައިރު ރާއްޖެއިން ބޭރަށް ދިޔަ ދިވެހި އާބާދީވެސް ކުޑައެއް ނޫނެވެ. ސްރީލަންކާ އާއި ތައިލެންޑާއި ސިންގަޕޫރު އަދި މެލޭޝިޔާ ފަދަ ގައުމުތަކުގައި އީދު ޗުއްޓީ ހަދާލަން ދިޔަ މީހުން މަދެއް ނޫނެވެ. މިިދޔަ ހަފްތާ ނިމިގެން އައިއިރު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އޮތީ 24 ގަޑިއިރު ފުރިގެން ބަނޑުންވާ ވަރުވެފަ އެވެ. ދަތުރުކުރާ މީހުންގެ އަދަދު އިތުރުވުމުން އެތަނުގެ ހަލަބޮލިކަން އެތައް ގުނައެއް އިތުރުކޮށްފައިވެ އެވެ.

އެމްއެމްއޭއިން ކުރިއަށް ގެންދިޔަ ސާވޭއަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ބޮޑު ޗުއްޓީގައި ރާއްޖެއިން ބޭރަށް 3،891 މީހުން ދިޔައިރު އޭގެތެރެއިން 1،056 މީހުން ދިޔައީ ޗުއްޓީ ހޭދަކޮށްލާށެވެ. އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކޮށްލަން ގޮސްފައިވަނީ ސްރީލަންކާ އަށެވެ.

"އަހަރުމެން މިފަހަރު މި ނައްޓާލަނީ ރަށަށް. ވަރަށް ފޯރި އެބަހުރި ރަށުގައި. މިހެން ލިބޭ ޗުއްޓީއެއްގައި ދޯ ދެވޭނީ. ބޯހަ މަޖައްސާލަން ވެސް ވަރަށް ރަނގަޅު ކަމެއް މީ" އީދަށް ރަށަށް ދާން ފުރަން ތައްޔާރުވަމުން ދިޔަ މީހަކު ބުންޏެވެ.

ބޮޑު އީދުގެ ބަންދު ފެށުނުކުން ވަރަށް ރަނގަޅަށް މާލޭގެ މަގުތަކަށް ބަލައިލީމަވެސް އެބަ އެނގެ އެވެ. އެހެންޏާ އެންމެ އިރުކޮޅަކަށްވެސް ހިމޭންނުވާ މާލެ މިއޮތީ "ނިދާފަ" ކަހަލަ އެވެ. ޕީއްޕީއް ގޮއްވަމުން މަގުމަތީގައި ދުއްވަމުންދާ ސައިކަލުތަކާއި ކާރުތައް ގުނާލެވޭހާ މަދުވެއްޖެ އެވެ.

އެހެންޏާ ހިންހަމަޖެހިލައިގެން މަގު ހުރަސްކުރަން ވެސް އުނދަގޫވާއިރު މިހާރު މަގު ހުރަސް ނުކުރެވި ދޭހާ އަތްވެއްގައި ފިހެވި ފިހެވި ހުންނާކަށް ނުޖެހެ އެވެ. ކުޑަކުދިން ގޮވައިގެން ހަމަޖެހިލައިގެން ހިނގާލަން ދާން ބޭނުންވާ މަންމަމެންނަށް ވެސް މިހާރު ހާސްކަމެއް ނެތި ކުދިްނ ގޮވައިގެން މަގުތަކުގައި ހިނގާލެވެ އެވެ. އެކުދިން ގެންގުޅޭ ބައިސްކަލު ގޭތެރޭގެ ކުޑަ ސިޓިން ރޫމުން ނެރެ މަގުމަތީގައި ދުއްވާލުމުގެ ފުރުސަތުވެސް މިއޮތީ ލިބިފަ އެވެ. މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް މާލެ އޮންނާނީ މިގޮތަށެވެ. އޭގެ ފަހުން އަނެއްކާވެސް ކުރީގެ މާލެ އަނބުރާ އަންނާނެ އެވެ. ހަލަބޮލިކަމުން ފުރިފައިވާ މާލެ އެވެ.