ރިޕޯޓް

މަރާއޯ: ރާއްޖޭގައި އޮންނަ، އިންޑިއާގެ މީޑިއާ އަށް އެކަނި އެނގޭ ރަށެއް!

އިންޑިއާގެ މީޑިއާ އަކީ ރާއްޖެއާ ބެހޭ ގޮތުން ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކަފާނެ ބައެއްކަން މި ވާހަކަ އިން ކަށަވަރުވާނެ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވާ ކޮންމެ ދަނޑިވަޅެއްގައި، އިންޑިއާ އަށް ރާއްޖޭގެ މުހިންމު ކަމުގެ ވާހަކަ ދައްކާއިރު ޗައިނާ އަށް ރާއްޖެ އިން ދީފައި އޮންނަ ރަށެއްގެ ވާހަކަ ދައްކާނެ އެވެ. މިހާރު މި އުޅޭ ހޫނުގަނޑުގެ ތެރޭގައި ވެސް މި ރަށް ފެންމައްޗަށް އަރައިފި އެވެ.

ތަނެއްދޮރެއް ބަލައިލުމެއް ނެތި އިންޑިއާގެ މީޑިއާ އިން ދައްކާ މި ތާކުންތާކު ނުޖެހޭ ވާހަކާގައި ބުނަނީ މެރިޓައިމް ޓްރެފިކް މޮނިޓަކުރުމުގެ މަސައްކަތަށް ރާއްޖެ އިން ޗައިނާ އަށް 1999 ވަނަ އަހަރު ރަށެއް ކުއްޔަށް ދީފައިވާ ކަމަށާއި އެ ރަށުގެ ނަމަކީ "މަރާއޯ" ކަމަށެވެ. ނޫސްތަކުން ބުނަނީ މި ރަށް ދީފައި އޮންނާތީ އިންޑިއާގެ ސަލާމަތީ ބާރުތަކުން ފިސާރި ކަންބޮޑުވާ ކަމަށެވެ. "އިންޑިއާ މީހުންނަށް އެކަނި ފެންނަ" އެ ރަށުގައި ޗައިނާގެ އަސްކަރިއްޔާ އިން ގާއިމުވެ ތިބެގެން އިންޑިއާ ކަނޑުގައި އެމެރިކާ އާއި އިންޑިއާގެ އުޅަނދުތަކަށް ފާރަލާނެ ކަމަށާއި އެ ރަށް އެންމެފަހުން ބަދަލުކުރާނީ ސަބްމެރިން ބޭސްއަކަށް ކަމަށް ވެސް ބުނެ އެވެ.

ރާއްޖޭގައި ފަޅު ރަށްތައް ކިތަންމެ ގިނަ ނަމަވެސް ކޮންމެ ދުވަހަކުހެން މީހުން ގޮސް ނޫޅޭ ރަށެއް މަދުކަން އެނގެނީ އިންޑިއާގެ މީޑިއާގެ ކިތައް މީހުންނަށް ކަމެއް ނޭނގެ އެވެ. މިއީ އިންޑިއާ ވަރުގެ ބޮޑު ގައުމެއް ކަމަށް ސިކުނޑީގައި ބާއްވައިގެން ދައްކާ ވާހަކައެއް ނަމަ އެހެން ވެދާނެ އެވެ. އަމިއްލަ ގައުމުގެ އަވަށްތަކާއި ސަރަހައްދުތައް ނޭނގުމަކީ އިންޑިއާ ފަދަ ގައުމެއްގައި އަޖައިބެއް ނޫނެވެ.

މި ބުނާ ރަށެއްގެ ޗައިނާ އަށް ދިން ކަމަށް ބުނެ އިންޑިއާގެ މީޑިއާގައި އެންމެ ގިނައިން ވާހަކަ ދެކެވިފައި ވަނީ މެއި 17، 2001 ގައި ޗައިނާގެ އޭރުގެ ބޮޑުވަޒީރު ރޫ ރޮންޖީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކާ އެކުގަ އެވެ. އޭރު ބުނެފައިވާ ގޮތުގައި ދެ އަހަރެއްހާ ދުވަހުގެ މަޝްވަރާ އަށް ފަހު ޗައިނާ އަށް ދިން ރަށަކީ ކަނޑުގެ ލޮނުގަނޑު އުފުލި 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ގިނަ ރަށްތައް އަޑިއަށް ދާއިރު ސަލާމަތުން އޮންނާނެ ވަރުގެ ބޮޑު ރަށެކެވެ.

ރާއްޖޭގައި މަރަދޫ، މާރަންދޫ، މަރޮށި ވެސް އެބައޮތެވެ. އެކަމަކު އެއިން ރަށެއްގައި ޗައިނާގެ އަސްކަރީ ހަަރަކާތްތަކެއް ނެތްކަން ކަށަވަރެވެ. މަރާއޯ ނުވަތަ އެފަދަ ފާޑެއްގެ ނަމެއް ކިޔާ ފަޅުރަށެއް ނުވަތަ ފަޅެއް ވެސް ރާއްޖެއަކު ނެތެވެ. އެެހެން ވިއްޔާ މިއީ ކޮންތަނެއް ހެއްޔެވެ؟

އިންޑިއާ ކަނޑަށް ލައްވާލާ ހިސާބެއްގައި "މަރޯއޯ" އެއް އޮތީ ސޮލޮމޮން އައިލެންޑްސްގަ އެވެ. އެއީ ރާއްޖެއާ ވަރަށް އެއްގޮސް ސިފަތަކެއް ހުރި، ސޮލޮމޮންގެ މަކީރާ އަވަށުގެ އެކަހެރި ހިސާބެކެވެ. މަރާއޯގެ ނަމުން ނަން ދީފައިވާ ފަރުބަދަތަކެއް ޕޯޗްގަލްގެ ޓަމޭގާ ވާދީގައި ވެސް އޮވެ އެވެ. އެކަމަކު ރާއްޖެއާ ޕޯޗްގަލްއާ އޮޅިދާނެހެން ވަރަށް ހީނުވެ އެވެ.

މިއީ މާބޮޑު ދިރާސާއެއް ނުކުރި ކަމުގައި ވިޔަސް، ހިޔާލީ ރަށެއް ކަމަށް ނިންމިދާނެ އެވެ. އިންޑިއާގެ މީޑިއާ އަށް މިހާ ބޮޑު ޔަގީންކަމާ އެކު އެ ރަށެއްގެ ވާހަކަ އެ ބުނަނީ އިންޑިއާގެ ރަސްމީ ފަރާތަކުން މީޑިއާ އަށް އެގޮތަށް ދޮގު މައުލޫމާތެއް ދީފައި އޮތުމުން ކަމަށް ވެދާނެ އެވެ. އޭރުން އިންޑިއާގެ ހާރިޖީ ސިޔާސަތުގައި ރާއްޖެ އަށް އިސްކަން ދޭންޖެހޭ މިންވަރަށް ވުރެ ވެސް ބޮޑަށް ސަމާލުކަން ދީގެން ފައިދާތަކެއް ނެގިދާނެ އެވެ. އެކަމަކު ސުވާލަކީ ޗާޓަކުން ވެސް އެ ބުނާ ރަށެއް ފާހަގަކޮށްލަން އިންޑިއާގެ އެއްވެސް ނޫހެއްގައި މަސައްކަތްކޮށްފައި ނުހުންނާތީ އެވެ. 

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް 2000 ވަނަ އަހަރު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއްގައި ވަނީ އެ ބުނާ މަރާއޯ ނުވަތަ އެހެން ރަށެއް ވިޔަސް ޗައިނާ އަށް ކުށްޔަށް ދީފައިވާ ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އެއީ މި ވާހަކައާ ބެހޭ ގޮތުން ދިވެހި ސަރުކާރުން އާންމުކޮށް ވާހަކަ ދެއްކި ފުރަތަމަ ފަހަރު ކަމަށް އެނގިފައިވެ އެވެ. އޭގެ ފަހުން އެކި ފަހަރު އެކި ފޯރަމްތަކުގައި ރާއްޖެ އިން ވަނީ މަރޯއޯގެ ވާހަކަ ދޮގުކޮށްފަ އެވެ. އެކަމަކު ވަތަނީ ރޫހެއްގައި އިންޑިއާ އިން ހަދާފައިވާ މި ހިޔާލީ ވާހަކަ އަށް ނިމުމެއް ނެތެވެ!