ރިޕޯޓް

މުޅި ރާއްޖެ ބޮޑު އީދަށް ނަލަހެދި ތައްޔާރުވެފައި!

ދެތިން ދުވަސް ފަހަތަށް ޖެހިލާނަމެވެ؛ މަޖީދީ މަގުގައި ހުއްޓިލައިގެން ހުންނަ އިރު ކާރުބާރު ބޮޑުވެ ބަރުގޮނު އަޅާ އަޑު ނުކެނޑެއެވެ. ޕޭވްމަންޓު ގަލަށް ވުރެއް އޭގެ މަތިން ހިނގާ މީހުންގެ އަދަދު ގިނައެވެ. ކޭއްތެމުން، އުނގުޅެމުން ނޫން އެހެން ގޮތަކަށް ކުރިޔަށް ދާކަށް ލާހިކެއް ނޫނެވެ. ފިހާރައެއްގެ ދޮރު ހުޅުވާލުމާއެކު ހީވީ ހިނި ބައިގަނޑެއް ވަދެގެންދާހެނެވެ. މީހުން އިންތިހާއަށް ގިނަވެ ފުނިޖެހިފައެވެ.

އެހާލުގައި ބަނދަރު މައްޗައް ހިނގައްޖައިމެވެ. އާއިލާތަކާއެކު ބޮޑެތި ދަބަސްތައް ކޮނޑުގަ އަޅުވައިގެން މީހުން ބޯޓުތަކަށް އަރަނީ އެވެ. އޮޑިދޯނި ފަހަރު ފުރި ބާރުވާ އިރުވެސް މީހުން މަދުވާ ހެނެއް ހީނުވެއެވެ. ކޮންމެ މީހެއްގެ މޫނުމަތިން ފެންނަނީ ހިނިތުން ޖޯޝުން ފުރިފައިވާ މަންޒަރެވެ. އަދި އެހާމެ އަވަސް އަރުވާލައިގެންވެސް އުޅޭތަނެވެ. ޕިކަޕުތަކާ ލޮރީތަކުގައި ބޮޑެތި އާއިލާތައް ރަށްރަށަށް ފުރަން އައިސް މުޅި ބަނދަރު މަތި ފުރާލައެވެ. އެންމެން އީދަށް ފުރަނީ އެވެ.

ދެބަސް ވެވޭކަށް ނެތެވެ. ބޮޑު އީދު އައިސް ބޯމައްޗައް ނެގުމުން ދިވެހިންގެ ހިތުގައި އިދަށް އޮންނަ ލޯބީގެ ބޮޑުކަން ފާޅުވެއެވެ. ހާއްސަކޮށް މި އަހަރުގެ ބޮޑު އީދާ ދިމާކޮށް ނުވަ ދުވަހުގެ ޗުއްޓީއެއް ލިބޭ އިރު މާލޭގައި ހުންނަ ހިޔާލެއް ކުރާ މީހުން މަދޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މާލެއިން ފުރައިގެން ދިޔުމަށް މީހުން ކެތް މަދުވެގެން އުޅޭ އިރު އަތޮޅުތަކު ތެރޭ ރަށްތަކުން އީދަށް ތައްޔާރުވެފައި ހުރީ ކިހާ ވަރަކަށްތޯ ބަލައިލަމާތޯއެވެ.

އެގޮތުން މިފަހަރު ބޮޑު އީދުގެ ކުލަތައް އެންމެ ގަދައަށް ވިދުވާލާނެ ކަމަށް ބެލެވެނީ ލ ފޮނަދޫގައެވެ. ފޮނަދޫގެ އީދު ފާހަގަ ކުރަން ގެންނަ ހާއްސަ މެހެނާނަކީ އެތަށް ދިވެހި އަންހެން ކުދިންގެ ހިތް އަތުލާފައިވާ އަބީޖީތު ސާވަންތު އެވެ. އޭނާއަކީ ފުރަތަމަ އިންޑިއަން އައިޑޮލް އެވެ. އީދު ޝޯ އިތުރަށް ފޯރި ގަދަވާ ސަބަބަކީ ފުރަތަމަ މޯލްޑިވިއަން އައިޑޮލް ލައިޝާވެސް އަބީޖީތާއި އެކީ ޕާފޯމް ކުރާތީ އެވެ. އެ ނިމުނީކީ ނޫނެވެ. ސަގާފަތާއި ދިވެހިންގެ އާދަކާދަތަށް މުޅި ރަށުގައި ދައްކާލާނެއެވެ. ރަށު ރައްޔިތުން ތިބީ ކެތް މަދުވެފައެވެ.

"އަޅުގަނޑުމެން ވާނީ އީދުގެ ކުޅިވަރުތަކަށް ވަކި މައިދާނެއް ހަދާފަ. ޝޯ ބާއްވާނެ ބޮޑު ސްޓޭޖެއް ވެސް ވާނީ ހަދާ ނިންމާފައި. އެންމެ އިންތިޒާރު ކުރަނީ އަބީޖީތަށް. އެކަމަކު އެ ނިމުނީކީ ނޫން. ދިވެހި ފަންނާނުންނާ މައްޝޫރު ފިލްމް ޝްޓާރުން ވެސް އަންނާނެ. ހަރުބީގެ ބޮޑުބެރުވެސް އޮންނާނެ. ހަވާ އެރުވުމާ ވަރަށް ފޯރި މިފަހަރު އޮންނާނެ،" ފޮނަދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރިޔާޒް ވިދާޅުވި އެެވެ.

"ވަރަށް ބޮޑު އުންމީދެއް މިފަހަރު އެބައޮތް. ތިން ރަށް ގުޅިގެން ފާހަގަ ކުރާ އިރު ވަރަށް ފޯރި ގަދަވާނެ. މިއީ މިހާތަނަށް އެންމެ މަޖާ އީދަށް ވާނެ ކަން ޔަގީން. މީގެ ކުރިން ބޮޑު އީދު މިރަށުގައި މިހާ ބޮޑުކޮށް ފާހަގައެއް ނުކުރޭ. އަހަރުން ރަށުގައި ޕީއެސްއެމްއިން އީދު ފާހަގަ ކުރާތީވެސް ވަރަށް އުފާވޭ،" ލ. ފޮނަދޫ ޝިހާން ބުންޏެވެ.

ފޮނަދޫގައި އީދުގެ ކުލަތައް ފަނޑުވުމެއް ނެތެވެ. ރަށު ރައްޔިތުން ތިބީ މުޅި ހަފްތާއަށް ފޫހި ފިލާ ނުދާވަރަށް ތައްޔާރުވެފައެވެ. ކޮންމެއަކަސް ހައްދުންމަތިން އުތުރަށް ޖެހިލާއިރު، މިފަހަރު އެންމެ ތަފާތުކޮށް އީދު ފާހަގަ ކުރާ ރަށަށް އެރޭނެ އެވެ. އެއީ ހއ. އިހަވަންދޫ އެވެ.

އިހަވަންދޫއަށް އީދު އައުމުގެ މާ ކުރިން ރައްޔިތުން އުފަލުން ފޮޅެން ފެށިއެވެ. އަވައްޓެރި ކުޅުދުއްފުށިން ވެސް 900 މީހުން އިހަވަންދޫއަށް އައެވެ. އެންމެ ކަމަކަށެވެ. އެއީ އިހަވަންދޫގައި އީދު މަޖާ ނަގަން މަލިކު މީހުން އަންނާތީ އެވެ. އިހަަންދޫއާ 150 ކިލޯމީޓަރު ދުރުގައި އޮންނަ މަލިކަކީ ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް ތަނެކެވެ. އާދަކާދަތަކާއި ބަސް މަގުވެސް ވަރަށް އެއްގޮތް ވާނެ އެވެ. މޫނު މަތިން އަޅާ ކިޔާއިރު އެހެން ގައުމެއްގެ މީހެކޭ ހީވެސް ނުވެއެވެ. މިފަދަ ސަބަބުތަކަށްޓަކައި މިއަހަރު ބޮޑު އީދު އެންމެ ތަފާތީ އިހަވަންދޫގައެވެ.

"އަޅުގަނޑުމެން ރަށު ހުރިހާ ރައްޔިތުންވެސް ތިބީ ވަރަށް ޖޯޝުން ފުރިފަ. މަލިކު މީހުން މިކޮޅުގައި އެމީހުންގެ ސަގާފަތް ދައްކާދޭ ހަރަކާތްތައް ބާއްވާނެ ދިވެހި ފަންނާނުންނާއި އެކީ ޕާފޯމް ކުރާނެ. މިއީ ވަރަށް ވެސް ބޮޑު އުފަލަކަށް ވަނީ. މި ހިސާބު އެތަށް ރަށަކުން މަލިކު މީހުން ބަލާލަން އެބަ އާދެ،" މަލިކު މީހުން ގެނެސް އެމީހުންގެ ކަންކަން އިސްކޮށް ކޯޑިނޭޓްކުރުމުގައި ހަރަކާތްތެރިވާ އަދުނާނު މޫސާ ބުންޏެވެ.

އިހަވަންދޫގައި ރައްޔިތެއް ކިޔައިދިން ގޮތުގައި މަލިކު ބައެއް ގެނެސްގެން އީދު ބާއްވާތީ ފުރަތަމަ އެހާ ޝައުގުވެރި ނުވާ ކަމަށެވެ. ނަމަވެސް އެމީހުން އައިސް ބައްދުލުވެލުމުން މަލިކު އާދަކާދަތަކާ ސަގާފަތް ހުންނަ ގޮތް ބަލާލަން ކެތް މަދުވި ކަމަށް އޭނާ ބުންޏެވެ.

"އެ މީހުން ދިވެހިންނާ ވަރަށް ވައްތަރު. ހެދުން އަޅަނީ އިންޑިޔާ ބައެއްހެން. އެކަމަކުވެސް އެއީ ހަމަ ދިވެހި ލޭ ކަން ޔަގީން. ވަރަށް އިހްތިރާމް ކުރޭ އެއްވެސް ފޮނި ގޮތެއްވެސް ނުހުރޭ. އެމީހުންގެ ސަގާފަތް ބަލާ ހިތުން މި ތިބެނީ ހަމަ ކެތް މަދުވެފައި،" އޭނާ ބުންޏެވެ.

ދެން އިންޑިއަން އައިޑޮލްއާ މަލިކު ފަދަ އިންޑިޔާ ކުލަތަށް އެއްފަރާތްކޮށްލަމާ ހިނގާށެވެ. އީދަކީ ދިވެހިންގެ ސަގާފަތާ އާދަކާދަތައް އެންމެ ގަދައަށް ހަނދާންއާ ކުރާ އެއް މުނާސަބަތެވެ. އޭގެ ލާމަސީލް މިސާލު ދައްކާ އެއް ރަށަކީ ކުޅުދުއްފުއްޓެވެ. ސަގާފީ ކުލަތައް ދިއްލުމުގެ އެކްސްޕާޓުންތަކެކެވެ. އަދި ހާއްސަ ކަމަކީ ކުޅުދުއްފުށީގެ އަމިއްލަ ކުޅިވަރުތައް ވެސް އުފައްދާގެން އުޅެއެވެ. އީދަށް ފަންނާނުން ނުގެނައި ނަމަވެސް އީދުގެ ފޯރި އެހެން ރަށްތަކަށް ދޫނުކުރެއެވެ.

ކުޅުދުއްފުށީފައި މިފަހަރު ކުޅޭ ކުޅިވަރުތަކަށް ބަލާއިރު އަންހެނުންނާއި ފިރިހެނުން އެކީ ދަފިނަގާ ކޯޑި ނަގާ ދަނޑިޖެހުން އޮންނާނެ އެވެ. ދެން ކުޅެނީ ކުޅުދުއްފުށީގެ އަމިއްލަ ކުޅިވަރުތަކެވެ. އެއީ މަޝި މާލިއާ ދަމ ހިނގުމާއި ރާނީ ހިނގުމުގެ އިތުރުން ހިތްޗައް ވަޑައިގަތުން ހިމެނެއެވެ. މިއީ ކުޅުދުއްފުށީ ރައްޔިތުން މަޖާ ނަގާ ކުޅިވަރުތަކެވެ. ޒަމާނުއްސުރެއް ކުޅެމުން އާދެއެވެ. އެކަމަކު ކޮންމެ އަހަރަކުވެސް އެހާ ފޯރި ނަގައެވެ.

"ވަރަށް މަޖާ ވާނެ އެބަލަން. ވަރަށް ބިރުވެސް ގަންނާނެ އަދި ވަރަށް ހެއްވާ މަޖާވާނެ. ބަލަން ތިބޭ މީހުންނާއި އެކުވެސް ވަރަށް މަޖާ ނަގާނެ. ކުޑަ އިރުއްސުރެއް މި ކުޅިވަރުތައް ފެނޭ. އެހެން ރަށްތަކުން ނުފެންނަ ކުޅިވަރުތައް. އަދި ފަހުރުވެރިވާ ކަމަކީ އެހެން ރަށްތަކުގައި އީދު މުޅިން މޮޑާންކޮށްލައިފި މިހާރު. އެކަމަކު ކުޅުދުއްފުށި އަދިވެސް ހަމަ ސަގާފަތުން ދޫނުކުރޭ. އަދި އެހާ މަޖާ ނަގަން،" ކުޅުދުއްފުށީ މީހެއް ކީޔައި ދިނެވެ.

މީގެ އެނގެނީ ސަގާފަތާ އާދަކާދަތައް ދިރުވުމުގެ ލިސްޓުގައި އިސްކޮށް ކުޅުދުއްފުށި ހަރަކާތްތެރިވާ ކަމެވެ. އެ ރަށު ރައްޔިތުންވެސް އެކަމާ ވަރަށް ފަހުރުވެރިވެއެވެ. އީދު ފާހަގަކޮށްލަން ކޮންމެހެންވެސް ދާން ޖެހޭ ރަށެވެ. ކޮންމެއަކަސް އީދުގައި ދިވެހި ސަގާފަތް ދައްކުވާދެނީ ހަމައެކަނި ކުޅުދުއްފުށިންނެއް ނޫނެވެ. މުޅި ރާއްޖޭގެ އެތަށް ރަށެއް އީދުގައި ދިވެހި ކުޅިވަރުތައް ކުޅެއެވެ. އެގޮތުން ބ. ކަމަދޫއާއި އދ. ހަންޏާމީދޫއާ ށ. ފޯއްދޫވެސް ވަނީ އީދުގެ ތައްޔާރީތައް ވަރަށް ފުރިހަމަޔަށް ވެފައެވެ.

ކޮންމެއަކަސް އީދަށް ތައްޔާރުވެފައިވާ ރަށްތަކުގެ ލިސްޓު ކޮޅުން ނުލާނެ އެވެ. ދިވެހިން އީދަށް ހުންނަ ޖޯޝާއި ފޯރި ދުވަހުން ދުވަހަށް އަންނަނީ ބޮޑުވަމުންނެވެ. އީދަށް މުޅި މާލެ ހަމަ ހިމޭންވުމަކީވެސް އޭގެ އެއް ހެއްކެކެވެ.