ދުނިޔެ

ސީރިއާއަށް ސުލްހަ ގެނައުމަށް ރަޝިއާ އަދި އެމެރިކާ އަތުގުޅާލައިފި

ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިންމާލައި، އެ ގައުމަށް ސުލްހަ ގެނައުމަށް ދުނިޔޭގެ ދެ ބާރު ކަމަށްވާ އެމެރިކާ އަދި ރަޝީއާއިން އަތު ގުޅާލައިފި އެވެ. މި ދެ ގައުމުން ވަނީ ސީރިއާއަށް ސުލްހަ ގެނައުމަށް ޕްލޭނެއް އެކުލަވާލައި އެ ޕްލޭނަށް އަމަލުކުރުމަށް އެއްބަސްވެފަ އެވެ.

ދެ ގައުމުން އެކުލަވާލި މި ޕްލޭންގެ ދެށުން އެންމެ ފުރަތަމަ ކަމަކަށް ސީރިއާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ ތަންތަނަށް ސީރިއާގެ ސިފައިން ދޭ ހަމަލާތައް ހުއްޓާލަން ޖެހެ އެވެ. އަދި، އެއަށްފަހު ރަޝިއާ އަދި އެމެރިކާގެ ސިފައިން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށަން ޖެހެ އެވެ. މި އޮޕަރޭޝަނާކީ ސިރިއާގައި ތިބި ޓެރަރިސްޓުން ނެތިކޮށްލާ ފަށާ އޮޕަރޭޝަނެކެވެ. އޮޕަރޭޝަނުގެ އަމާޒަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ނުސްރާ ފްރަންޓް ބަލިކޮށްލުމެވެ.

މި ޕްލޭންގެ ދަށުން ދެ ގައުމު ވެސް ބޮޑު މަސްއޫލިއްޔަތާ ހަވާލުވެފަ އެވެ. އެގޮތުން ރަޝީއާއިން ވަނީ ހަމަލާތައް ހުއްޓާލުމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ބާރުއެޅުމަށް ނިންމާފަ އެވެ. އަދި އެމެރިކާގެ މަސްއޫލިއްޔަތަކީ ސީރިއާގެ ސަރުކާރާއި އިދިކޮޅު ފަރާތްތައް އެއް ގަލަކަށް އެރުވުމެވެ.

ސީރިއާ މައްސަލާގައި ހިޔާލު ތަފާތުވެފައިވާ އެމެރިކާ އަދި ރަޝިއާ ގުޅިގެން ޕްލޭނެއް އެކުލަވާލިއިރު މި ޕްލޭނަށް އަމަލުކުރަން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ. އެ ދުވަހަކީ އީދު ދުވަހެވެ.

ރަޝިއާ އަދި އެމެރިކާ އެއްގަލަކަށް އަރާފައިމިވަނީ އެމެރިކާގެ ހާރިޖީ ވަޒީރު ޖޯން ކެރީ އާއި ރަޝިޔާގެ ހާރިޖީ ވަޒީރު ސާގީ ލަވްރޯފް ބޭއްވި ދިގު މަޝްވަރާ ބައްދަލުވުމަކަށްފަހު އެވެ.

ރަޝިއާއިން ސީރިއާގެ ރައީސް ބައްޝާރު މަގާމުގައި ބަހައްޓަން ބޭނުންވާއިރު، އެމެރިކާއިން ބޭނުންވަނީ ވެރިކަން ބަދަލުކުރާށެވެ. މަޝްވަރާތަކަށްފަހު ދެ ހާރިޖީ ވަޒީރުން ވެސް ވަނީ މިއީ ސީރިއާގައި ސުލްހަ ގާއިމުކުރުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތުކަން ފާހަގަކުރައްވާފަ އެވެ.

ޖެނީވާގައި ބޭއްވި މަޝްވަރާތަކަށްފަހު ކެރީ ވިދާޅުވީ، ދެ ގައުމުން އެކުލަވާލި ޕްލޭންގެ ދަށުން ސީރިއާގައި އިންތިގާލީ ސަރުކާރެއް ގާއިމުވެގެންދާނެ ކަމަށެވެ.

ކެރީ ވިދާޅުވީ، ސީރިއާގެ އިދިކޮޅު ފަރާތްތަކުން ޕްލޭނަށް އެއްބާރުލުން ދެއްވާނެ ކަމުގެ އިޝާރާތެއް ދީފައިވާ ކަމަށެވެ. ސީރިއާގެ ސަރުކާރުން އެކަމަށް ސީރިއަސްވެއްޖެނަމަ އިދިކޮޅު ފަރާތްތަކުން ވެސް ޕްލޭނަށް އަމަލުކުރާނެ ކަމަށް ވިދާޅުވި އެވެ.

ސާގީ ލަވްރޯފް ވިދާޅުވީ، ޕްލޭނާ ގުޅޭ މައުލޫމާތު ސީރިއާގެ ސަރުކާރަށް އަރުވާފައިވާނެ ކަމަށާއި ސަރުކާރުން ވެސް އޮތީ ޕްލޭނާ އެއްގޮތަށް އަމަލުކުރާ ކަހަލަ ވިސްނުމެއްގައި ކަމަށެވެ.

އދ. އިން ވެސް ވަނީ މި ޕްލޭނަށް މަރުހަބާ ކިޔާފަ އެވެ. އަދި ޕްލޭނަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.

ފަސް އަހަރުވެފައިވާ ސީރިއާގެ ދާހިލީ ހަނގުރާމާގައި މިހާތަނަށް އެ ގައުމުގެ 290،000 މީހުން މަރުވެފައިވާއިރު އެތައް ބަޔަކު ވަނީ ގައުމު ދޫކޮށް ގޮސްފަ އެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދު ފެށި ހަމަނުޖެހުމުގެ ތެރެއަށް ޓެރަރިސްޓް ޖަމާއަތްތައް ވަދެ، ސީރިއާގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.