މިއީ ހަމައެކަނި ސްރީ ލަންކާގެ ފުޓްބޯޅައިގެ ފަހުރާ ގުޅިފައިވާ ނަމެއް ނޫނެވެ. ދިވެހި ފުޓްބޯޅައިގެ ދަނޑުގައި ވެސް ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަޝްހޫރު އަދި ލޯބި އޮތް ނަމެކެވެ. ގައުމީ ފެންވަރުގައި، އީބީ ޗަންނަ، ދިވެހިންގެ ބޮޑު ވާދަވެރިއަކަށް ވެދާނެ އެވެ. އެކަމަކު އޭނާ އަކީ ދިވެހި ފުޓްބޯޅަ އާއި އޭގެ ލޯބީގެ ވާހަކައިގެ ތެރެއަށް ގެނބިގެން ގޮސްފައިވާ ކޮންމެ ހިތެއްގައި ވެސް އޮތް ނަމެއް އަދި ބޮޑު ރައްޓެއްސެކެވެ.
ސްރީ ލަންކާ އިން ފުޓްބޯޅައިގެ ދަނޑަށް ނެރުނު އެންމެ ނުރައްކާތެރި މި ފޯވާޑަށް މިހާރު 37 އަހަރު ފުރުނީ އެވެ. ލަންކާ ފުޓްބޯޅައިގައި އޭނާ އަކީ އަދިވެސް ލެޖެންޑެކެވެ. އެކަމަކު ޗަންނަ އިހްތިޔާރުކޮށްފައިވާ ވަޒީފާ މިހާރު ވަރަށް ވެސް ތަފާތެވެ.
އަރައިގެން އަންނައިރާއެކު އެނދުން ހިއްލާލައިގެން، ފަހުރުވެރި ހަނދާންތަކުން އެއްކޮށްފައިވާ ޖޯޒީތަކުން ޖޯޒީއެއް މަހާލައިގެން މިއަދު އޭނާ ކޮންމެ ދުވަހެއްގެ ހެނދުނު ގެއިން ނުކުމެގެން ދަނީ ބޯޅަކުޅޭކަށެއް ނޫނެވެ. ދިރިއުޅޭ ސިޓީ، ގޯލް ސިޓީއާ ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރުގައި އޮތް ގަބުރުސްތާނަކަށެވެ.
ޑަޑެއްލާ ސެމެޓްރީ ގްރައުންޑްސްގެ ނަން ދީފައިވާ މި ގަބުރުސްތާނުގައި ޗަންނަ އަކީ ކަށްވަޅުކޮންނަ މީހެކެވެ. ވަޅުލަން ތައްޔާރުކުރާ މީހުންނަށް ކަށްވަޅުކޮނެ، ގަބުރުސްތާނުގެ ވާދީތައް ނޮޅައި ސާފުކުރުމުގެ މަސައްކަތާ އޭނާ ހަވާލުވިތާ މިހާރު ގާތްގަނޑަކަށް ފަސް މަހެވެ.
ވިއްސަކަށް އަހަރުވަންދެން ވިދާބެބުޅި ޕްރޮފެޝަން ދޫކޮށް ގަބުރުސްތާނެއްގައި ދުވާލުގެ ގިނަ ވަގުތު ހޭދަކުރަން ޖެހިފައިވިޔަސް ލަންކާގެ ކުރީގެ ގައުމީ ކެޕްޓަން، ޗަންނަ އަށް އެކަން ވަނީ ބޮޑު އުފަލަކަށެވެ. އޭނާ އެހެން މީހުންނަށް ދޭ މެސެޖު ވެސް ތަފާތެވެ.
"ވަރަށް ދުވަސްވެއްޖެ ވަޒީފާއެއް ހޯދަން މަސައްކަތްކުރަމުންދާތާ. އެއަށް ފަހު އެންމެފަހުން އަޅުގަނޑު ލައްވާލި ތަނަކީ މި ގަބުރުސްތާނު. މިއީ އަޅުގަނޑުމެން އިންސާނުން އެންމެފަހުން އައިސް އަރާމުކުރާ މަޑުކުރާ މަންޒިލް. އަހަރެން މިތަނަށް މި އައީ ނިކަން ޖޯޝާއި ފޯރީގައި،" ލަންކާގެ ސަންޑޭ ޓައިމްސް އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޗަންނަ ކިޔައިދީފައިވެ އެވެ.
"ވަރަށް ގިނަ މީހުންނަށް ހީވެދާނެ މިއީ އަހަރެން ހިތާމަކުރާ ތަގުދީރެކޭ. އެކަމަކު އެފަދަ އެއްވެސް ހިތާމައެއް ނެތް. އާއިލާ ބަލަހައްޓާނެ ރަނގަޅު އާމްދަނީއެއް އަޅުގަނޑަށް މި މަސައްކަތުން ލިބޭ."
ޗަންނަ އަކީ ތިން ކުދިންގެ ބައްޕައެކެވެ. މުޅިން ވެސް އަންހެން ދަރިންނެވެ.
އޭނާގެ ކާމިޔާބު ފުޓްބޯޅަ ކެރިއަރަށް ކަޅިއެއް އެއްލަނީ ނަމަ ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެ 53 ގޯލު ކާމިޔާބުކޮށްދީފައިވެ އެވެ. ކްލަބްތަކަށް 800 އަށް ވުރެ ގިނަ މެޗު ކުޅެ ދީފައިވާއިރު ޖެހި ގޯލުގެ އަދަދު 500 އަށް ވުރެ މައްޗަށް އަރަ އެވެ.
ދިވެހި ފުޓްބޯޅައިގެ ދަނޑަށް އޭނާ އެންމެ ފުރަތަމަ ނުކުތީ ހުއްރިއްޔާގެ ކުލަގަދަ ޖޯޒީގަ އެވެ. އެއަށް ފަހު މަޝްހޫރު ވިކްޓަރީ ސްޕޯޓްސް އަށާއި އޭވައިއެލް އަދި މިހާރު ބާރުގަދަކޮށްފައިވާ ބީޖީ ސްޕޯޓްސް އާއި މާޒިޔާ އަށް ވެސް ކުޅުނެވެ. އިންޑިއާގެ ގަދަބާރު ޑެމްޕޯ ސްޕޯޓްސް ކްލަބަށް ވެސް އޭނާ ކުޅުނެވެ.
މި އާދަޔާހިލާފު ކެރިއަރު ދޫކޮށް އަލަށް ބައްދައިގަނެފައިވާ މަސައްކަތުގައި ވެސް އޭނާގެ ހިތްވަރާއި ބުންވަރު ފާހަގަކޮށްލެވެ އެވެ. މިހާތަނަށް އޭނާ ވަނީ 15 ގަބުރަކަށް ކަށްވަޅު ކޮނެދީފަ އެވެ. އެންމެފަހުން އޭނާ ކަށްވަޅުކޮނެދިނީ މިފަހުން މަރުވި އޭނާގެ ބޮޑުދައިތައަކަށެވެ.
ގަބުރުސްތާނުގެ ވަޒީފާގައި ބިޒީވެގެން އުޅެން ޖެހުނަސް ޗަންނަގެ ހިތް އޮތީ އަދިވެސް "ފުޓްބޯޅައެއްގެ" ސިފައިގަ އެވެ. ލިބޭ ހުސްވަގުތުތަކުގައި އޭނާ ދަނީ މިހާރު ވެސް ފުޓްބޯޅަކުޅެމުންނެވެ. މިހާރު ކުޅެމުން އަންނަ ބްލޫ ސްޓާ ފުޓްބޯޅަ ކްލަބަށް މިހާތަނަށް ހަތަރު ގޯލު ކާމިޔާބުކޮށްދީފައިވެ އެވެ.
ޕާޓްޓައިމް މި ފުޓްބޯޅައިންނާއި ގަބުރުސްތާނުގެ ބުރަ މަސައްކަތުން މަހެއްގެ މައްޗަށް 23،000 ރުޕީސްގެ އާމްދަނީއެއް ލިބޭ ކަމަށް އިންޓަވިއުގައި ޗަންނަ ބުނެފައިވެ އެވެ.
"މި ވަޒީފާއެއްގައި އުޅޭތާ ހަތަރު މަސްވެފައިވާއިރު ދިރިއުޅުމާ ބެހޭ ގޮތުން ވަނީ ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިފައި އަޅުގަނޑަށް. އާންމު ފަރުދެއްގެ ގޮތުގައި ގޯސްތަކެއް ހެދިފައި ހުރެދާނެ. އެކަމަކު ލަންކާގައި ކްރިކެޓް ކުޅޭ މީހުންނާއި ރަގުބީ ކުޅުންތެރިންނާ އަޅާބަލާއިރު ފުޓްބޯޅަކުޅޭ މީހުންނަކީ އެންމެ ފަގީރު މީހުން،" މިއަދުގެ ހާލަތަށް ދިރިއުޅުން ވެއްޓުމުގެ ފަހަތުގައި ލަންކާ ފުޓްބޯޅައިގެ ފެންވަރުގެ މައްސަލައެއް ވެސް އެބައޮތް ކަމަށް ބުނެ ވާހަކަ ދައްކަމުން ޗަންނަ ބުނެފައިވެ އެވެ.
ފުޓްބޯޅައިގެ ކާމިޔާބު ކެރިއަރެއް ދޫކޮށް ގަބުރުސްތާނެއްގައި ކަށްވަޅުކޮންނަ މީހެއްގެ ވަޒީފާ އަށް ޗަންނަ ހާއްސަވި އަސްލު ސަބަބު ބުނެދޭކަށް އޭނާއަކަށް ވެސް ނޭނގެ އެވެ. އޭނާ ބުނާ ގޮތުން ނަމަ އެންމެފަހުން، ދިރިއުޅުމުގައި ގޮތްހުސްވީ އެވެ.
"އަހަންނަކަށް ހަމަ އަސްލަށް ވެސް ބުނެދޭކަށް ނޭނގޭ މި ވަޒީފާ އަށް އަހަރެން އައި ސަބަބެއް،" އިންޓަވިއުގައި ފެންކަޅިވެ އިނދެ ވާހަކަ ދައްކަމުން ޗަންނަ ބުނެފައިވެ އެވެ.
"މިއީ ވެސް ދާއިމީ ވަޒީފާއެއް ނޫން. ދެ ތިން މަސް ދުވަސް ތެރޭގައި މި ވަޒީފާ ވެސް ނުގެއްލޭނެ ކަމެއް ނޭނގޭ. އަހަރެން ބޭނުމެއް ނޫން މިފަދަ ވަޅުގަނޑަކަށް އެހެން ފުޓްބޯޅަކުޅުންތެރިން ވެއްޓޭމަންޒަރު ބަލާކަށް."
ފުޓްބޯޅައިގެ ރޫހު މަރުވެފައި އޮތް ސްރީ ލަންކާގެ ފުޓްބޯޅައިގައި އެއްއިރެއްގައި "ދަގަނޑޭއެއް" ގެ ރޯލު އަދާކުރި ކުޅުންތެރިޔާގެ މިއަދުގެ ދިރިއުޅުމަކީ މިއީ އެވެ. ޗަންނަގެ މި ވާހަކައަކީ ލަންކާ ފުޓްބޯޅަ ވެއްޓިގެންގޮސްފައިވާ ވަޅުގަނޑުގެ ފުންމިން ވެސް ކިޔައިދޭ ހިތްދަތިވާހަކައެކެވެ. -- ސަންޑޭ ޓައިމްސް