ވިޔަފާރި

ފަސްދޮޅަސް މިލިއަން ރުފިޔާގެ ލޯނު ދޫކުރަން އެޗްޑީއެފްސީއާ ހަވާލުކޮށްފި

Feb 25, 2015

ރަށްރަށުގައި ނުހެދި ހުރި ގޯތިތަކުގައި ގެ އެޅުމަށް ބޭނުންވާ 60 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާ ހަވާލުކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ އިސްލާމިކް ފެސިލިޓީސްގެ ދަށުން ދޫކުރާ މި ލޯނަށް ކުރިމަތިލުމަށް ހުޅުވާލުމުން 5000 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. ނަމަވެސް މި ލޯނު ދޫކުރަން ނިންމާފައިވަނީ 175 ފަރާތަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަމިއްލަ ގޭގައި ބޭނުންވާ ގޮތަކަށް ގެ އަޅަން ފުރުސަތު ލިބުމަކީ ގެދޮރު އެޅުމުގެ ގޮތުން ރައްޔިތުން ބާރުވެރި ކުރުވާނެ އެންމެ މުހިންމު އެއް ކަންތައް. ގެދޮރުވެރިކުރުވުމުގެ ދާއިރާއިން ހަގީގަތުގައި މިއީ އެންމެ ބޭނުންވާ އެއް ކަންތައް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ލޯނު ދޫކުރަނީ 49 ރަށުގެ މީހުންނަށް ކަމަށެވެ.

"މިފަހަރު ބަޖެޓުގައި ކަނޑައެޅުނު އަދަދަކީ މިއީ އެހެންވެ އިސްލާމިކް ފެސިލިޓީ ދޭން ކަނޑައެޅި އަދަދަކީ މިއީ. އިރާދަކުރެވިއްޔާ މި އަހަރު ތެރޭގައި އިތުރު ފުރުސަތެއް ހޯދަން މަސައްކަތް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުން އެދޭ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ 15 މަސް ދުވަހުގެ ތެރޭގައި 17 އަތޮޅެއްގައި މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ހައުސިން މަޝްރޫއުތަކަށް ގާތްނޑަކަށް 240 މިލިއަން ރުފިޔާ އަދި މަގު ހެދުމަށް ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ މަޝްރޫއުތައް ކުރިއަށް ދޭ. ބަނދަރު ހެދުމާއި ބިން ހިއްކުމުގެ 1.8 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ކުރިއަށް ދޭ. ޖުމްލަ 3.6 ބިލިއަން ރުފިޔާގެ މަޝްރޫއު ބަޖެޓާއި ލޯނުގެ އިތުރުން ކުރިއަށް ދޭ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ސަރުކާރަކަށް ކުރެވޭނެ "މެކްސިމަމް" މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

"ނަތީޖާ މިދަނީ އިރާދަކުރެއްވިއްޔާ ހާސިލް ކުރަމުން،" މުއިއްޒު ވިދާޅުވި އެވެ.