ދުނިޔެ

ހިލަރީ އަށް ނިއުމޯނިއާޖެހިއްޖެ

Sep 12, 2016

ވޮޝިންޓަން (12 ސެޕްޓެމްބަރު) - އެމެރިކާގެ ޑިމޮކްރޭޓުންގެ ރިއާސީ ކެންޑިޑޭޓް ހިލަރީ ކްލިންޓަންގެ ފުއްޕާމޭގެ އާލާސްކަންފުޅު އިތުރަށް ގޯސްވެއްޖެ އެވެ.

މިފަހުން ކުރިއަށް ގެންދިޔަ ކެމްޕޭން އެއްވުންތަކުގައި ވެސް ކެއްސައި، ބަލިކޮށް ފެނިވަޑައިގެންނެވި ހިލަރީގެ އާލާސްކަންފުޅު އިތުރަށް ގޯސްވެ ނިއުމޯނިއާ އަށް ބަދަލުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އެކަމަނާގެ ހާލުކޮޅު އިތުރަށް ގޯސްވެފައި ވަނީ 9/11ގެ ހަނދާންތައް އާކުރުމަށް ބޭއްވި ހަފުލާއެއްގައި ބައިވެރިވެ ވަޑައިގެން އިއްޔެ ވާހަކަ ދައްކަވަމުން ގެންދަވަނިކޮށެވެ.

އާލާސްކަންފުޅު އިތުރަށް ގޯސްވުމާ ގުޅިގެން ހިލަރީގެ ކެމްޕޭނަށް ވެސް ވަނީ ބުރޫއަރައިފަ އެވެ. އެގޮތުން ކުރިއަށް ރާވާފައިވާ ބައެއް ދަތުރުފުޅުތަކާއި ބައްދަލުވުންތައް ވެސް ވަނީ ކެންސަލްކުރަން މަޖުބޫރުވެފަ އެވެ.

ޑޮކްޓަރު ވަނީ އެކަމަނާ އަށް އެންޓިބައޯޓިކްސް ދިނުމަށް ފަހު އަރާމުކުރުމަށް އިރުޝާދުދީފަ އެވެ.

އާލާސްކަންފުޅާ ގުޅިގެން ހިލަރީގެ ކެމްޕޭނަށް ދަނީ އޭގެ ނޭދެވޭ އަސަރު ވެސް ކުރަމުންނެވެ. އެގޮތުން ވާދަވެރި ރިޕަބްލިކަން ޕާޓީ އިން ދަނީ ރައީސް ކަމަށް އެކަމަނާގެ ސިއްހަތު ފުރިހަމަ އަށް ތަންދޭތޯ ބުނެ ސުވާލު އުފައްދަމުންނެވެ.

ހިލަރީ ކްލިންޓަނަށް 68 އަހަރެވެ. ވާދަވެރި ރިޕަބްލިކަން ޕާޓީގެ ރިއާސީ ކެންޑިޑޭޓް ޑޮނަލްޓް ޓްރަމްޕަށް 70 އަހަރެވެ.