ސްރީލަންކާ

ކޮލަމްބޯގެ ބައެއް ހިސާބުތަކުގައި ޓީބީގެ ނުރައްކާ ބޮޑު ވެއްޖެ

Sep 14, 2016

ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ ބައެއް ހިސާބުތަކުގައި ވައިގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ޓިއުބަކްލޯސިސް (ޓީބީ) ރިޕޯޓްކުރާ މިންވަރު އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ކޮލަމްބޯ މުނިސިޕަލްޓީން އިލްތިމާސްކޮށްފި އެވެ. -- ކޮލަމްބޯގައި ގިނަ އަދަދެއްގެ ދިވެހިން އުޅެ އެވެ.

ލަންކާގެ ޑެއިލީ މިރާ އިން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، މިދިޔަ އަހަރާއި އަޅާ ބަލާއިރު ޓީބީ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިއަހަރު އިތުރުވަމުންދާ ކަމަށާއި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ ކޮލަމްބޯގެ އުތުރުން އޮންނަ މަލިގަވައްތާގައި ކަމަށެވެ. އެ ސަރަހައްދުން މިއަހަރުގެ މިހާތަނަށް ވިއްސަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ކޮލަމްބޯ މުނިސިޕަލްޓީއާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.

ކޮލަމްބޯ މުނިސިޕަލްޓީގެ ޗީފް މެޑިކަލް އޮފިސަރު ޑރ. ރުވަން ވިދާޅުވީ، މަލިގަވައްތަ އިން އެކަނި ވެސް ވިއްސަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާއިރު އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ވަރަށް ބޮޑު އިތުރުވުމެއް ކަމަށެވެ.

"މި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ބައްޔާ މެދު ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް މިހާރު މި ދަނީ ކުރަމުން،" ޑރ ރުވަން ވިދާޅުވި އެވެ.

ޓީބީ އަކީ ވައިގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. ބަލި ހުންނަ މީހުން ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާ ނުކުރެވުމުގެ ސަބަބުން އެ ޖަރާސީމްތައް ވައިގެތެރެއަށް ފެތުރި އެހެންމީހުންނާ ހަމައަށް ޖަރާސީމް ވާސިލްވެ އެވެ. ޓީބީ އަކީ އާންމުކޮށް ފުއްޕާމެއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމުން ބަލީގައި ފުއްޕާ މެއަށް ކުރާ ގެއްލުން ބޮޑެވެ. ހަށިގަނޑުގެ އެހެން ގުނަވަން ތަކަށް ވެސް ޓީބީގެ އަސަރު ކުރެ އެވެ.