ސްރީ ލަންކާ (މާޗް 1) – އެމެރިކާގައި ބޭނުން ކުރަން އެ ގައުމުގެ "ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން" (އެފްޑީއޭ) އިން ހުއްދަ ދީފައިވާ ޖޯންސަން އެންޑް ޖޯންސަން ކޮވިޑް ވެކްސިން ލަންކާގައި ބޭނުން ކުރުމާ މެދު ވިސްނާނެ ކަމަށް ހެލްތު މިނިސްޓްރީ އޮފިޝަލުން ލަންކާ ނޫސްތަކަށް ބުނެފި އެވެ. ޖޯންސަން އެންޑް ޖޯންސަން ކޮވިޑް ވެކްސިނަކީ، "ސިންގަލް ޝޮޓް" ނުވަތަ އެއްޑޯޒުން ފުރިހަމަވާ ވެކްސިނެކެވެ.
ހެލްތު މިނިސްޓްރީ އޮފިޝަލުން ވިދާޅުވަނީ ލޯކަލް އިދާރާތަކުން ހުއްދަދީފި ނަމަ ސިންގަލް ޝޮޓް ވެކްސިން އާންމުނަށް ދިނުމާ މެދު ހެލްތު މިނިސްޓްރީން ވިސްނާނެ ކަމަށެވެ. ޖޯންސަން އެންޑް ޖޯންސަން އަކީ ދަމަހައްޓަން ފަސޭހަ އަދި ހަރަދުކުޑަ ވެކްސިނެއްކަން އެނގިފައިވާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ. ބޭސް ފަރުވާގައި އާންމުކޮށް ބޭނުންކުރާ ވެކްސިން ބަހައްޓާ އައިސްއަލަމާރީގައި ޖޯންސަން އެންޑް ޖޯންސަން ވެކްސިން ބެހެއްޓެ އެވެ.
ލަންކާ ހެލްތު މިނިސްޓްރީ އޮފިޝަލުން މިހެން ބުނި ނަމަވެސް، ނޭޝަނަލް މެޑިސިންސް ރެގިއުލޭޓަރީ އޮތޯރިޓީ (އެންއެމްއާރްއޭ) އިން ބުނީ ޖޯންސަން އެންޑް ޖޯންސަން ވެކްސިނަށް ހުއްދައަށް އެދި އަދި އެއްވެސް ބަޔަކު ހުށަނާޅާ ކަމަށެވެ.
"ހުކުރު ދުވަހާ ހަމައަށް ހުރި ރިކްއެސްޓްތަކުގައި ތިޔަކަހަލަ ވާހަކައެއް ނެތް،" ނޭޝަނަލް މެޑިސިންސް ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސާ، ޑރ. ކަމާލް ޖަޔާސިންހާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުން ޖޯންސަން އެންޑް ޖޯންސަން ސިންގަލް ޝޮޓް ވެކްސިން ބޭނުން ކުރަން އަދި އެއްވެސް ބަޔަކު ހުއްދައަށް އެދިފައިނުވެ އެވެ.
ކަމާލް ވިދާޅުވީ "އެންއެމްއާރްއޭ" އަށް ހުއްދައަށް އެދި މިހާރު ލިޔުން ހުށަހަޅާފައި ވަނީ އިންޑިއާއިން ބަރާތު ބަޔޯޓެކް، ރަޝިއާއިން ސްޕްޓުނިކްވީ އަދި ޗައިނާއިން ސިނޮފާމް ކޮވިޑް ވެކްސިން ކަމަށެވެ. އަދި ވިދާޅުވީ ސްރީ ލަންކާގައި އެސްޓްރަޒެނެކާ-އޮސްފޯޑް ވެކްސިން ބޭނުން ކުރަން ހުއްދަދީފައި ވާނެ ކަމަށެވެ.
ކަމާލް ޖަޔާސިންހާ ވިދާޅުވީ ފައިޒާ-ބަޔޮންޓެކް ވެކްސިން ބޭނުންކުރުމާ މެދު ވެސް މަޝްވަރާކުރެވުނު ކަމަށާއި ޖޯންސަން އެންޑް ޖޯންސަން ސިންގަލް ޝޮޓް ކޮވިޑް ވެކްސިން ބޭނުންކުރަން އަދި ހުށަނާޅާ ކަމަށެވެ. އެހެން ނަމަވެސް، ހެލްތު މިނިސްޓާރީ އޮފިޝަލުން ބުނީ ހުއްދަދީފި ނަމަ އާންމުކޮށް ބޭނުންކުރުމާ މެދު ވިސްނާނެ ކަމަށެވެ.