ދުނިޔެ

ސްޓްރޯކަކަށްފަހު އިޒްރޭލްގެ ކުރީގެ ރައީސް ޕެރޭޒް ކޯމާއަކަށް

އިޒްރޭލްގެ ކުރީގެ ރައީސް ޝިމޯން ޕެރޭޒަށް ސްޓްރޯކެއް ޖެހި، ކޮމާއަކަށް ގޮސްފި އެވެ. ޕެރޭޒްގެ އުމުރުފުޅަކީ 93 އަހަރެވެ.

ޕެރޭޒަށް ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އިއްޔެ އެވެ. ގެންދިޔައިރު ޕެރޭޒްގެ ހޭ ހުރި ނަމަވެސް ހޭނެތިގެން މިހާރު ވަނީ ކޯމާއަކަށް ގޮސްފަ އެވެ. ޕެރޭޒްގެ ހާލު ވަރަށް ސީރިއަސް ކަމަށްވެ އެވެ.

ޕެރޭޒަށް ސްޓްރޯކެއް ޖެހި ހާލު ސީރިއަސްވުމާ ގުޅިގެން އެ ގައުމުގެ މިހާރުގެ ބޮޑު ވަޒީރު ބިންޔާމިން ނަތަންޔާހޫ ވަނީ ބަޔާނެއް ނެރުއްވާފަ އެވެ. ބަޔާނުގައި ޕަރޭޒަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެ އެވެ.

ޕެރޭޒްގެ ހަގު ދަރިކަލުން ޗެމީ ވިދާޅުވެފައިވަނީ، ބައްޕާފުޅުގެ ސިއްހަތާމެދު ރައްޔިތުން ކަންބޮޑުވެފައިވާކަން އެނގޭ ކަމަށާއި ވީވަރަކުން ބައްޕާފުޅުގެ ސިއްހީ ހާލަތާ ގުޅޭ މައުލޫމާތު ހާމަކުރަމުން ދާނެ ކަމަށެވެ.

"އުއްމީދުކުރަނީ ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް،" ޗެމީ ވިދާޅުވި އެވެ.

ޕެރޭޒް ވަނީ ހަތްދިހަ އަހަރުވަންދެން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ. ކެބިނެޓްގައި ވެސް މަސައްކަތްކުރައްވާފައިވާ ޕެރޭޒް ދެ ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރެއްވި އެވެ.

އޭގެއިތުރުން 2004 ވަަނަ އަހަރުން 2007 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމުގެ ރައީސްކަން ޕެރޭޒް ކުރެއްވި އެވެ. ސަރުކާރުގެ ވަޒީފާއިން ދުރަށް ވަޑައިގެންނެވީ އެއަށްފަހު އެވެ.

ޕެރޭޒަށް ވަނީ ކުރީގެ ފަލަސްތީނުގެ ލީޑަރު ޔާސިރު އަރަފާތާއެކު ނޯބަލް ޕީސް ޕްރައިޒް ވެސް ލިބިވަޑައިގެންފަ އެވެ. ޕެރޭޒަކީ މެދުއިރުމަތީގެ ސުލްހައަށް ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ލީޑަރެކެވެ.

ޕެރޭޒަށް ސްޓްރޯކެއް ޖެހި ކޯމާ އަށް ގޮސްފައިވާއިރު އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އެރިއަލް ޝެރޯން 2014 ވަނަ އަހަރު އަވަހާރަވެފައި ވަނީ ސްޓްރޯކެއް ޖެހިގެން ކޯމާއެއްގައި އޮވެ އެވެ.