ސިއްހަތު

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ޖެހޭ ސަބަބުތަކެއް

Sep 16, 2016

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ދޫކޮށްލަން ފަސޭހަ އާދައެއް ނޫނެވެ. އެއީ ދެން އެއްވެސް ކަމެއް ނޫނޭ ކިޔައި ވާހަކަ ދައްކަނީ ހަގީގަތުގައި ވެސް އެ ދުންގަނޑެއްގައި ޖެހި ކޮށިއަރައިނުގަނެފައި ތިބި މީހުންނެވެ. ދުންފަތާ ދުރަށް ދިއުމަކީ ކިހާ އުނދަގޫ ކަމެއްކަން، ދުންފަތަށް ދެވިހިފާފައިވާ މީހާ އަށް ނިކަން ރަނގަޅަށް އެނގޭނެ އެވެ.

އެކަމަކު ވެސް ބައެއް މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ މަންޒަރު ފެނެ އެވެ. އެއީ ވަރަށް ވެސް ހިތްވަރެވެ. އެކަމަކު މި ލިޔުމަކީ އެ ހިތްވަރު ހޯދާނެ ގޮތުގެ ވާހަކައެއް ނޫނެވެ.

މީގައި މި ބަލައިލަނީ ދުންފަތުގެ އިސްތިއުމާލުކުރުން ކޮންމެހެން ހުއްޓާލަން ޖެހޭ ސަބަބުތަކަކަށެވެ. ވަކިން ހާއްސަކޮށް ތިމާގެ ރީތިކަމަށް ނުވަތަ ބޭރުފުށުމުގެ ރީތިކަމަށް ސަމާލުކަންދީ ކަންބޮޑުވާ މީހެއް ކަމުގައި ވަނީ ނަމަ އެ އޮތީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ޖެހޭ އެއް ސަބަބެވެ.

އަވަހަށް މުސްކުޅިވުމުގެ އަލާމާތްތައް

އެއްގޮތަކަށް ވެސް ދުންފަތުގެ އިސްތިއުމާލު ގަދަ އަށް ކުރާ މީހާގެ ދުވަސްތައް އަވަހަށް ފާއިތުވެ އޭނާ އެހެންމީހުންނަށް ވުރެން އަވަހަށް މުސްކުޅިވަނީކީއެއް ނޫނެވެ. އެކަމަކު ފަހަރެއްގައި މިއީ ހަމަ އެކަހަލަ ކަމެކޭ ވެސް ބުނެވިދާނެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އުމުރު، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ވުރެން ކުރު ކަމަށް ޑޮކްޓަރުން ވެސް ބުނެއުޅެއެއް ނޫން ހެއްޔެވެ. އެކަހަލަ ކަމެކެވެ.

ގަވާއިދުން ދުންފަތުގެ އިސްތިއުމާލުކުރުމަކީ އޭގެ ނޭދެވޭ އަސަރު ސިއްހަތަށް ކުރާ ކަމެއްކަން ސައިންސްގެ އެކި ހޯދުންތަކުން ވަނީ ދެނެގަނެވިފަ އެވެ. މިއީ ވެސް އެފަދަ ހޯދުމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހާގެ ހަންގަނޑު އަވަހަށް ބަލިވެ ނުވަތަ ރޫޖެހި މުސްކުޅިވުމުގެ ފުރުސަތު ބޮޑެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ނާރުތަކުގައި ކުނިޖެހެން މެދުވެރިވާ ސަބަބެކެވެ. އޭގެ ސަބަބުން ލޭގެ ހިނގުން ކިލަނބުކޮށްލަ އެވެ. މިއީ ހަންގަނޑުގައި ހިމެނޭ ސެލްސްތަކަށް ލިބެން ޖެހޭ އޮކްސިޖެން އާއި މުހިންމު އެހެން ނިއުޓްރިއެންޓްސް އެންމެ ފުރިހަމަ ގޮތުގައި ލިބުމަށް ހުރަސް އަޅާ ކަމެކެވެ.

އަނެއްކޮޅުން ދުންފަތުގެ ވިހަ މާއްދާތަކުން ލޭ ތަޣައްޔަރުވުމުން އޭގެ ނޭދެވޭ އަސަރު ވެސް ހަންގަނޑުގެ ސެލްސަތަކަށް ކުރަން ފަށަށެވެ. އެހެންވީމަ އުމުރުން ދުވަސްވާ ވަރަކަށް ދުންފަތުގެ އިސްތިއުމާލުކުރުން ކުރިއަށް ގެންދާ ނަމަ މުސްކުޅިވެ ހަންގަނޑުގައި ރޫޖެހޭއިރު އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑުވާނެ އެވެ.

ދަތްޕިލައިގެ ހިތްގައިމުކަން ގެއްލިގެންދޭ

މީހެއްގެ އެންމެ ހިތްގައިމު ސިފައަކީ ޔަގީނަށް ވެސް އެމީހެއްގެ ހިނިތުންވުމެވެ. ސާފު ހުދު ދަތްޕިލައެއް ހާމަވާ ހިނިތުންވުމެއްގެ ފައިދާ ވެސް ބޮޑެވެ. ހިނިތުންވާން ނޭނގުމަކީ އިޖުތިމާއީގޮތުން އޭގެ ނޭދެވޭ ގިނަ އަސަރުތަކެއް ތިމާގެ ދިރިއުޅުމަށް ކޮށްފާނެ ކަމެއް ވެސްމެ އެވެ.

މި ސަބަބު މިހެން އޮތްއިރު ދުންފަތުގެ އިސްތިއުމާލުކުރުމަކީ ދަތް ނިކަން ފަސޭހައިން ހަޑިކޮށް އޭގެ ހުދުކުލައިގެ ހިތްގައިމުކަން ވައްޓާލާ ކަމެކެވެ. ޓޮބޭކޯ ޓާ އާއި ނިކޮޓިން އަކީ ދަތުގެ ހުދުކަން ނަގާލައި މަޑު ރީނދޫ ކުލައަކަށް އޭގެ ކުލަ ބަދަލުކޮށްލާ މާއްދާތަކެކެވެ.

ސީދާ ސިނގިރޭޓް ނުބޮއި އީ-ސިނގިރޭޓް ބުއިމަކީ މި ގެއްލުން ކުޑަކޮށްދޭ ކަމެއް ކަމަށް ދިރާސާތަކުން އެނގިފައިވެ އެވެ.

ބޮލުން އިސްތަށި ފޭބުމާއި އަވަހަށް ނުރަވުން

ގަވާއިދުން ދުންފަތުގެ އިސްތިއުމާލުކުރާ މީހާގެ ބޮލުން ގިނައިން އިސްތަށި ފައިބާކަމަށް ދިރާސާތަކުން ވަނީ އެނގިފަ އެވެ. ދިގުމުއްދަތަކަށް ދުންފަތުގެ އަޅަކަށް ބަދަލުވެފައިވާ ނަމަ އިސްތަށީގެ ފޮސިލްސްގައި ހިމެނޭ ޑީއެންއޭ އަށް ދުންފަތުގެ ވިހައިގެ އަސަރުކޮށް ހަލާކުވާ ކަމަށް ވެސް އެނގިފައިވެ އެވެ.

މީގެ މާނައަކީ ދުންފަތުގެ އިސްތިއުމާލު ގަދަ އަށް ނުވަތަ ދިގުމުއްދަތަކަށް ކުރާ މީހާގެ ބޮލުން ގިނައިން އިސްތަށި ފޭބުން އެކަންޏެއް ނޫނެވެ. އެފަދަ މީހެއްގެ ބޯ އަވަހަށް ނުރަވުމުގެ ފުރުސަތު ވެސް ބޮޑުވެ އެވެ.