ވިޔަފާރި

ގެސްޓް ހައުސް ކޮންފަރެންސްގައި ތަޖުރިބާކާރުން ގިނަ!

Sep 17, 2016
  • ކޮންފަރެންސް 24 ވަނަ ދުވަހު ދަރުބާރުގޭގައި
  • ކޮންފަރެންސުގައި 150 ގެސްޓް ހައުސްވެރިން
  • ބޭރުގެ ގިނަ އެކްސްޕާޓުން ވެސް ބައިވެރިވޭ

ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސަށް ގެސްޓް ހައުސް އިންޑަސްޓްރީ މިދަނީ ތައްޔާރުވަމުންނެވެ. ކޮންފަރެންސް މިމަހުގެ 24 ވަނަ ދުވަހު ދަރުބާރުގޭގައި އޮންނައިރު، ކޮންފަރެންސުގައި މައުލޫމާތު ދިނުމަށް ގިނަ އަދަދެއްގެ ތަޖުރިބާކާރުން ވަނީ ފައިނަލް ކޮށްފަ އެވެ.

ގެސްޓް ހައުސް ކޮންފަރެންސުގައި "އެކްސްޕާޓް ސްޕީކާސް" ގެ ގޮތުގައި ބައިވެރިވާ ބައެއް ތަޖުރިބާކާރުންގެ ތެރޭގައި މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް އާއި ސީއެމްޑީއޭގެ ސީއީއޯ އަހުމަދު ނަސީރު އަދި މެގަ މޯލްޑިވްސްގެ ޑިރެކްޓަރު މިފްޒާލް އަހުމަދު އާއި އެމެރިކަން އެކްސްޕްރެސް ކާޑުގެ އޭޝިޔާ ޕެސިފިކްގެ ޑިރެކްޓަރު ކުރުސް ދަސްތޫރު ހިމެނެ އެވެ.

މީގެ އިތުރުން އެކްސްޕާޓު ސްޕީކާސްގެ ތެރޭގައި ހިމެނޭ ބޭފުޅުންގެ ތެރޭގައި އިންޑިޔާގެ އެންމެ ބޮޑު ޓްރެވަލް އޮންލައިން އެކްސްޕީޑިޔާގެ ސީނިޔަ މާކެޓިން މެނޭޖަރު އަބޭ ކަންނާގެ އިތުރުން ބުކިން ޑޮޓްކޮމްގެ އެކައުންޓެންޓް މެނޭޖަރު ސީސާން ޖޯންސަން އާއި ވިސްޓާ ރޫމްގެ ކޯފައުންޑަރު އަމިތު ހިމެނިވަޑައިގަނެ އެވެ.

" މޯލްޑިވްސް ގެޓްވޭސް " އިން ބާއްވާ ގެސްޓް ހައުސް ކޮންފަރެންސުގައި ގެސްޓް ހައުސްތަކުގެ ވެރިންނާއި އިސް ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ދިމާވާނެ މި ބޮޑު ބައްދަލުވުމުގެ ޕާޓްނަރުގެ ގޮތުގައި 15 ފަރާތެއް ވެސް ވަނީ ބައިވެރިވެފަ އެވެ. މި ކޮންފަރެންސުގެ އޮންލައިން ޕާޓްނަރަކީ "އަވަސް އޮންލައިން" އެވެ.

ގެސްޓް ހައުސް ވިޔަފާރިއަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ފުޅާކޮށް ކުރިއަށްދާ ވިޔަފާރި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 ގެސްޓް ހައުސްއެއް ވަނީ ހުޅުވާފަ އެވެ. މީގެތެރެއިން 300 ތަނެއް ދަނީ އޮޕަރޭޓް ކުރަމުންނެވެ.