ސިއްހަތު

ދުވާލު މާ ގިނައިން ނިދުމަކީ ހަކުރު ބަލީގެ ނުރައްކާ ބޮޑުވާ ކަމެއް

Sep 17, 2016

ޓައިޕް-2 ޑައިބެޓީސް އަކީ ހަކުރު ބަލީގެ އެންމެ އާންމު ވައްތަރެވެ. އަލާމަތްތަކުގެ ތެރޭގައި ގިނަގިނައިން ކަރުހިއްކުމާއި ގިނަގިނައިން ކުޑަކަމުދެވުން އަދި އާދަޔާހިލާފު ގޮތަކަށް ބަރުދަން ލުއިިވުން ހިމެނެ އެވެ.

އާ ދިރާސާއަކުން އެނގިފައިވާ ގޮތުގައި، ޓައިޕް-2 ޑައިބެޓީސްގެ ނުރައްކާ ބޮޑުކޮށްދޭ އެއް ކަމަކީ ދުވާލު މާ ގިނައިރު ނިދުމެވެ. ޖަޕާނުގެ ޔުނިވާސިޓީ އޮފް ޓޯކިޔޯގެ ސައިންސްވެރިންގެ ޓީމަކުންކޮށްފައިވާ މި ދިރާސާގެ ރިޕޯޓްގައި ބުނެފައި ވަނީ ދުވާލުގަޑީގައި އެއް ގަޑިއިރަށް ވުރެ ގިނައިރު ނިދާ ނަމަ އެއީ ޓައިޕް-2 ޑައިބެޓީސްގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވާ ކަމެއް ކަމަށެވެ.

ޖަޕާނުގެ ތަޖުރިބާކާރުންގެ ޓީމުން ކުރިއަށް ގެންދިޔަ މި ދިރާސާގައި 300،000 އަށް ވުރެ ގިނަ މީހުން ބައިވެރިކޮށް ތަހްލީލުކޮށްފައިވެ އެވެ.

ދުވާލުގެ ވަގުތުތަކުގައި 60 މިނެޓަށް ވުރެގިނައިރު ނިދައިފި ނަމަ ޓައިޕް-2 ޑައިބެޓީސްގެ ނުރައްކާ 45 ޕަސެންޓަށް މަތިވާ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. އަދި 40 މިނެޓްގެ ނިދި ނެގުމަކީ މި ނުރައްކަލުގެ އަލާމާތެއް ފެންނަ މިންވަރެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.