ހަބަރު

ނާޒިމް ރޭވީ "ވިލާ" ގެ ހަރަދުގައި ވެރިންނަށް ހަމަލާދޭން، ޝަރީއަތް ނިމެންދެން ނާޒިމް ބަންދު

ހަނގުރާމަވެރި ހަތިޔާރު ބޭނުންކޮށްގެން ދައުލަތުގެ އިސްވެރިންތަކަކަށް ހަމަލާދޭން އުޅުނު ކަމަށް ބުނެ ނާޒިމްގެ މައްޗަށް ދައުވާ އުފުލައި، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ނާޒިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓް ފާސް ކުރިއިރު އޭނާގެ ކޮޓަރީގައި ހުރި ކަބަޑެއްގެ ތެރެއިން ފިސްތޯލައަކާއި ތިން ވަޒަން ފެނިފައިވާތީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާ ނާޒިމްގެ މައްޗަށް އުފުލާ ކަމަށެވެ.

ދައުވާ އިއްވުމުން ނާޒިމް ވަނީ އެ ދައުވާއަށް އިންކާރުކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ވާހަކަ ދައްކާނީ އޭނާގެ ވަކީލް ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ ވަކީލެއްގެ ގޮތުން ނާޒިމް ތަމްސީލުކުރަން ވަކީލް މައުމޫން ހަމީދު ހުށަހެޅުއްވި ފޯމް މިވަގުތު ބަލައިގެންފައިނުވާނެ ކަމަށެވެ. އެއީ ނާޒިމާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި ހުރި ސިއްރު ލިޔުންތަކަކީ ކޮބައިކަން ނޭނގޭތީ ކަމަށް ގާޒީ ވިދާޅުވި އެވެ.

ދައުލަތުން ބުނީ އެ މައްސަލައިގައި ހުރި ސިއްރު ލިޔުންތަކަކީ ކޮބައިކަން ކޯޓަށް ލިޔުމުން ހުށަހަޅާނެ ކަމަށެވެ. ދައުލަތުން އެގޮތަށް ބުނުމުން ގާޒީ ވަނީ އެ މައްސަލައިގެ ލިޔުންތައް ހޯދުމަށާއި ތައްޔާރުވުމަށް ތިން ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އެ ޝަރީއަތުގެ މަޖިލިސް ފެށިއިރު ދައުވާލިބޭ މީހެއްގެ ގޮތުގައި ނާޒިމްގެ އަނބިކަނބަލުން އަފާފް ވެސް ނާޒިމާ އެއްކޮށް ހުންނެވި ނަމަވެސް އަފާފްގެ މައްޗަށް ކުރާ އެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ދައުލަތުގެ ވަކީލް އާދަމް އާރިފް ވިދާޅުވީ އަފާފްގެ މައްޗަށް ކުރާ އެ ދައުވާ އަނބުރާ ގެންދަން ނިންމީ ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ކަމަށް ބުނާ ޕެން ޑްރައިވުން ފެނުނު މައުލޫމާތުތަކަށް ބިނާކޮށް ކަމަށެވެ. އާރިފް ވިދާޅުވީ އެ ޕެން ޑްރައިވުން ފެނުނު މައުލޫމާތުތަކަށް ބަލާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ފަންޑު ކުރާ ގޮތަށް ދައުލަތުގެ ބައެއް އިސްވެރިންނަށް ނުރައްކާތެރި ހަމަލާދޭން ނާޒިމް ރާވާފައިވާކަން އެނގޭ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އެ މަޖިލީހުގައި އާރިފް ހާމައެއް ނުކުރައްވަ އެވެ.

އެ ޝަރީއަތުގެ މަޖިލިސް ނިންމާލުމަށް ފަހު ދެން ކުރިއަށް ގެންދިޔައީ ނާޒިމްގެ ބަންދާ މެދު ގޮތެއް ނިންމަން ބޭއްވި މަޖިލީހެވެ. އާންމުކޮށް ހުޅުވާ ނުލައި، ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޖިލީހުގައި ފަނޑިޔާރުން ނިންމެވީ މުޖްތަމައުގެ ސަލާމަތާއި ހަމަޖެހުމަށްޓަކައި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ނާޒިމް ބަންދުކޮށްފައި ބެހެއްޓުމަށެވެ.

ނާޒިމްގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނަވާ މައުމޫން ހަމީދު ވިދާޅުވީ ޝަރީއަތް ނިމެންދެން ނާޒިމް ބަންދުގަަި ބަހައްޓަން ޝަރީއަތުން ނިންމެވީ މުޖުތަމައުގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި ކަމަށް ބުނެފައި ކަމަށެވެ. މައުމޫން ވިދާޅުވީ އެންމެ ފުރަތަމަ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ނާޒިމާ ދެކޮޅަށް ހުށަހެޅި ހެކި ފިޔަވައި އިތުރު ހެއްކެއް މިއަދު ހުށަހަޅާފައި ނުވާ ކަމަށާއި މިދިޔަ 15 ދުވަހު ވެސް ނާޒިމާ އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ.

ވަކީލް ވިދާޅުވީ ދައުލަތުގެ ވެރިންނަށް ހަމަލާ ދިނުމަށް ރޭވި ކަމުގެ ތުުހުމަތު ނާޒިމްގެ މައްޗަށް ކޮށްފައި ވާއިރު އެކަމާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ އެހެން މީހަކާ ސުވާލެއް ކުރި ކަމެއް އަދި މީހަކު ހައްޔަރުކުރި ކަމެއް ވެސް ނޭނގޭ ކަމަށެވެ. އޭނާ ވިދާޅުވީ ނާޒިމްގެ އެޕާޓްމަންޓުން ހަތިޔާރު ފެނުނު މައްސަލާގައި ނާޒިމްގެ އަނބިކަނބަލުންގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފައި ވާއިރު ނާޒިމްގެ މައްޗަށް ކޮށްފައިވާ ދައުވާ ވެސް އަނބުރާ ގެންދަންޖެހޭ ކަމަށެވެ. އަދި ނާޒިމްގެ މައްޗަށް ދައުލަތުން ސިއްރު ހެކި ހުށަހެޅުމަކީ އިންސާފު ގެއްލިދާނެ ކަމެއް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.