- 61 ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރީކުރި
- މިދިޔަ އަހަރާ އަޅާ ބަލާއިރު 20 ޕަސެންޓް އިތުރު
- އެންމެ ގިނައިން އިންވެސްޓްކުރީ ޓޫރިޒަމްގައި
މި އަހަރުގެ މިހާތަނަށް ރަޖިސްޓްރީކުރި ފޮރިން އިންވެސްޓްމަންޓުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 20 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި، އިންވެސްޓްމަންޓުތަކުގެ އަގު ގާތްގަނޑަކަށް 1.2 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
"އަވަސް" އަށް ދެއްވި އިންޓަވިއެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހު 61 ފޮރިން އިންވެސްޓްމަންޓް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމަށާއި، މިއީ ބޮޑު ކުރިއެރުމެއް ކަމަށެވެ. އެންމެ ގިނައިން އިންވެސްޓްމަންޓްތައް ލިބުނީ ޓޫރިޒަމްގެ ދާއިރާއަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ތަފާތު 20 ގައުމެއްގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކޮށްފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްސް އާއި އަދި ފޮރިން އިންވެސްޓްމަންޓާ ރިލޭޓްވާ ދާއިރާތަކުން ރަޖިސްޓްރީކޮށްފައިވޭ. މިއީ ތަފާތު 20 ގައުމަކުން. މީގެ ތެރެއިން 65 ޕަސެންޓް ހިމެނެނީ ޓޫރިޒަމާ ގުޅުންހުރި އިންވެސްޓްމަންޓް. މީގެ އިތުރުން 35 ޕަސެންޓް ހިމެނެނީ ކޮންސްޓްރަކްޝަނާއި ހޯލްސޭލް އަދި ޓްރޭޑިން، ލޮޖިސްޓިކް، އަދި ޝިޕިންގެ އިތުރުން މެރިކަލްޗާ އާއި ޓްރާންސްޕޯޓް ފަދަ ދާއިރާ ތަކުން،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މި އަހަރު މިހާތަނަށް ރާއްޖޭގައި ކުރި ފޮރިން އިންވެސްޓްމަންޓުގެ އަދަދު 1.2 ބިލިއަން ޑޮލަރު އަރާނެ ކަމަށެވެ.
"މި ދެންނެވި ވެލިއުއަކީ އަގުން ބުނާނަމަ [1.2 ބިލިއަން ޑޮލަރަ]ގެ އަގު ހުރި އިންވެސްޓްމަންޓްސް. މީގެން ކޮންމެ ވެލިއުއަކީ އިންޕްލިމެންޓްކުރާ ސްޓޭޖަސް ތަކެއް ހުންނާނެ. އެކި ސްޓޭޖަސްތަކަށް ބަހާލައިގެން ފަސް އަހަރުތެރޭގައި އިންވެސްޓްކުރާނެ ކަމަށް މި އަހަރުގެ އަށް މަސް ދުވަހު ކޮމިޓްވި ވަރު،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެއަކީ މިހާރު އެންމެ ފަސޭހައިން ވިޔަފާރިކުރެވޭނެ ގައުމަށް ވާނެ ކަމަށެވެ.
"ރައީސް އަބްދުﷲ ޔާމީންގެ އިގްތިސާދީ އާ ތަސައްވަރު އިއުލާނު ކުރެއްވުމާއެކު މިހާ ހިސާބަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވޭ. މިހާރު ދިރާސާއެއް ހަދައިފިނަމަ އެނގޭނެ ރީޖަންގެ އެންމެ ފަސޭހައިން ވިޔަފާރިކުރެވޭ އެއް ގައުމަށް ރާއްޖެ ވާނެ،" ސައީދު ވިދާޅުވި އެވެ.
ފޮރިން އިންވެސްޓްމަންޓް އިތުރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ހިސާބުތަކުން ދެއްކިއިރު، ރާއްޖެއަކީ އިންވެސްޓްމަންޓަށް ފަހިތަކަށް ހެދުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ގުޅުންހުރި ގާނޫނުތަކަށް ބަދަލު ގެނައުން ފަދަ މުހިންމު ބަދަލުތައް ހިމެނެ އެވެ.