ޓެކްނޯލޮޖީ

ގޯޕްރޯ 5 ސަޅިވެފައި އެހާމެ މޮޅު!

ގިނަ ބަޔެއްގެ މަގްބޫލުކަން ހޯދައިފައިވާ ކެމެރާ ބްރޭންޑް، ގޯޕްރޯ ގެ "ހީރޯ 5" ގެ އެޑިޝަން ލޯންޗްކޮށްފި އެވެ. ރޭ ލޯންޗްކޮށްފައިވަނީ ހީރޯ 5 ބްލެކް އަދި ހީރޯ 5 ސެޝަން އެވެ. މި ކެމެރާތަކާ އެކު، ގޯޕްރޯ އިން ވަނީ މުޅިންއަލަށް އެ ކުންފުނިން ނެރޭ ޑްރޯން ކަމުގައިވާ "ގޯޕްރޯ ކަރްމާ" ވެސް ދައްކާލާފަ އެވެ. ކެލެފޯނިޔާގައި ބޭއްވި އިވެންޓެއްގައި މި ޕްރޮޑަކްޓްތަށް ދައްކާލީ ގޯޕްރޯގެ ސީއީއޯ ނިކް ވުޑްމެންއެވެ.

މީގެ ދެ އަހަރު ކުރިން، 2014 ވަނަ އަހަރު ނެރުނު، ގޯޕްރޯ 4 ގެ ފަހުން މިހާ ބޮޑު ބަދަލުތަކަކާ އެކު އެ ކެމެރާގެ މުޅިން އާ ސީރީޒް އެއް ނެރުނު މިއީ، ފުރަތަމަ ފަހަރެޗެ. މިފަހަރު ގޯޕްރޯއިން ނެރުނު ކެމެރާ އަކީ ފަހުގެ ޓެކްނޮލޮޖީ އިން މުއްސަދި ކޮށްފައިވާ ބަލައިލަން ވެސް އެހާމެ ރީތި ކެމެރާތަކެކެވެ. މި ކެމެރާގެ ސަޅި ކަންތައްތަކަކީ ކޮބައި ހެއްޔެވެ؟

ގޯޕްރޯ ހީރޯ 5 ބްލެކްގެ ފީޗާތަށް!

އެންމެ ބޮޑު ބަދަލަކާ އެކު ގޯޕްރޯއިން މިފަހަރު ނެރުނީ "ހީރޯ 5 ބްލެކް" އެޑިޝަން އެވެ. މިފަހަރު ނެރުނު ގޯޕްރޯގައި އެލްސީޑީ ޓަޗް ޑިސްޕްލޭއެއް ވަނީ ހިމަނާފަ އެވެ. މީގެ ކުރިން ނެރުނު ގޯޕްރޯތަކުގައި އެލްސީޑީ ޑިސްޕްލޭ ހިމެނިފައި ނުވިޔަސް ވަކިން ގެނެގެން އެލްސީޑީ ޑިސްޕްލޭ އެޅުވެ އެވެ. އެހެން ނަމަވެސް މިފަހަރު ލޯންޗް ކުރި ގޯޕްރޯގައި ދެ އިންޗީގެ އެލްސީޑީ ޑިސްޕްލޭއެއް ވަނީ ހިމަނައިފަ އެވެ.

އެހެން ގޯޕްރޯތަކާއި ހިލާފަށް ހީރޯ 5 ބްލެކް އެޑިޝަން ވެގެންދާނީ ހައުސިންއަކާ ނުލާވެސް ފެނުގެ 33 ފޫޓް އަޑީގައިވެސް ބޭނުން ކުރެވޭނެ ކެމެރާއަކަށެވެ. މި ގޯޕްރޯގެ ކެމެރާ އިން 12 މެގަޕިކްސެލްގައި ފޮޓޯ ނެގޭނެ އެވެ. އެންމެ ޕްރޮފެޝަނަލް ޕްޓޯގްރާފަރުންނަށް ވެސް މި ކެމެރާގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެގޮތް ހެދުމަށް ރޯ ފޯމެޓްގައި ވެސް ފޮޓޯނެގޭނެ އެވެ. އަދި 4ކޭ ވީޑިޔޯތަށް 30 އެމްޕީއެސްގައި ވެސް ނަގާލެވޭނެ އެވެ. އަދި 1024 ޕިކްސެލްގައިވެސް ވީޑިޔޯ ކޮށްލެވޭ އިރު އެންމެ މައްޗަކަށް ވެސް 120 އެމެޕީއެސްގެ ސްޕީޑެއްގައި ވީޑިއޯ ކޮށްލުމުގެ ކުޅަދާނަކަށް މި ކެމެރާގައިވެ އެވެ.

އިތުރު އާފިޗާތަކަށް ބަލާއިރު ހީރޯ 5 ގައި އިލެކްޓްރޯނިކް އިމޭޖް ސްޓެބަލައިޒާއެއްވެސް ވަނީ ހިމެނިފަ އެވެ. މީގެ ސަބަބުން ފޮޓޯ ނަގާއިރު ތުރުތުރުއެޅުމުގެ ސަބަބުން ފޮޓޯއަށް ލިބޭ ނުސާފު ކަމަށް ހައްލެއް ގެނެވޭނެ އެވެ.

ގޯޕްރޯ ހިރޯ 5 ސެޝަން ގެ ފީޗާތަށް!

ގޯޕްރޯ ހީރޯ 5 ސެޝަން އަކީ ކުޑަ ކިއުބެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ ކުޑަ ކެމެރާއެކެވެ. ހީރޯ 5 ބްލެކްއާ ހިލާފަށް މި ކެމެރާގައި ސްކްރީނެއް ނުހުރެ އެވެ. އޭގެ ބަދަލުގައި ވީޑިއޯ އަދި ފޮޓޯ ނެގުމުގެ އިތުރުން އޮން-އޮފް ކުރުމަށް ހިމަނާފައި ވަނީ ޖުމުލަ ދެ ސުވިޗެވެ. މި ކެމެރާއަށް ބަލާލާއިރު 10 މެގަޕިކްސެލްގެ ކޮލިޓީގައި ފޮޓޯ ނަގާލެވޭނެ އެވެ. ހީރޯ 5 ބްލެކްގެ ވީޑިއޯ ފީޗާތަކާއި އެއްކޮށް ސެޝަންގެ ވެސް ކެމެރާވަނީ ފަރުމާ ކޮށްފަ އެވެ. ނަމަވެސް ހީރޯ 5 ބްލެކް އާ ހިލަފަށް މި ކެމެރާގައި ރޯކޯށް ފޮޓޯ ނުނެގޭނެ އެވެ. އަދި ޖީޕީއެސް ބިލްޓްއިން ވެސް ހިމެނިފައި އެއް ނުވެ އެވެ. މި ގޯޕްރޯގައި ވެސް ކުރިން ނެރުނު ސެޝަން ތަކޭ އެއްގޮތަށް ޕްރޯވީޑިއޯ ފީޗާ މި ގޯޕްރޯގައި ވެސް ހިމެނިފައިވެ އެވެ.

މި ދެ ގޯޕްރޯގެ އިތުރުން ލޯންޗްކުރި އަނެއް ޕްރޮޑަކްޓަކީ ކަރްމާ ޑްރޯންއެވެ. މި ޑްރޯންއަކީ ދަބަހަކަށް ލައިގެން ގެންގުޅެވޭހާ ވެސް ފަސޭހަ ޑްރޯންއެކެވެ. ޑްރޯންގައި ގޯޕްރޯ ހީރޯ 4 އަދި ހީރޯ 5 ވެސް އެޅުވެ އެވެ. ޑްރޯންގެ ރިމޯޓްގައި ވެސް އެލްސީޑީ ޓަޗް ޑިސްޕްލޭއެއް ވަނީ ހިމަނާފަ އެވެ.

ގޯޕްރޯ ހީރޯ 5 ބްލެކް އަދި ސެޝަން ދުނިޔޭގެ ބާޒާރުތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހުއެވެ.

މާކެޓަށް ނެރޭ އިރު ގޯޕްރޯ ހީރޯ 5 ބްލެކްގެ އަގަކީ 399 ޑޮލަރެވެ. އަދި ހީރޯ 5 ސެޝަން ވިއްކާނީ، 299 ޑޮލަރެވެ.

ގޯޕްރޯ ކަރްމާ ޑްރޯން ބާޒާރަށް ނެރޭނީ އޮކްޓޯބަރ 23 ވަނަ ދުވަހުއެވެ. ބާޒާރުގައި މި ޑްރޯން ވިއްކާނީ، 799 ޑޮލަރަށެވެ. ޑްރޮންއާ އެއްކޮށް ގޯޕްރޯ ހީރޯ 5 ވެސް ވިއްކުމަށް ވަނީ ނިންމައިފަ އެވެ. ޑްރޯންއަކާއި ހީރޯ 5 ސެޝަން އެއް އެކުގައި ވިއްކާނީ 999 ޑޮލަރެވެ. އަދި ހީރޯ 5 ބްލެކްއާއި އެއްކޮށް ޑްރޯން ވިއްކާނީ 1099 ޑޮލަރަށެވެ.

ގޯޕްރޯއިން މިފަހަރު ނެރުނު ޕްރަޑަކްޓަތަށް ގިނަ ބަޔަކު ދަނީ ތައުރީފްކުރަމުންނެވެ. ހާއްސަކޮށް ވޯޓަ ސްޕޯޓްސް ފަދަ ކަންތަކަށް ލޯބި ކުރާ ފަރާތްތަށް މިހާރުވެސް ތިބީ މި ކެމެރާތަށް ބާޒާރަށް ނެރޭލެއް ލަސްވެފައެވެ.