ބޮލީވުޑް

"ސްޓޫޑަންޓް އޮފް ދަ އިޔާ 2" ގެ ބަތަލާއިން އަދި ހަމަނުޖެހޭ

Sep 21, 2016

ޑައިރެކްޓަރު ކަރަން ޖޯހަރުގެ 2012 ވަނަ އަހަރު ނެރުނު ކޮލެޖް ރޮމޭންޓިކް ކޮމެޑީ ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ" ގެ ދެވަނަ ފިލްމެއް އުފައްދަން ތައްޔާރުވަމުން އަންނައިރު، މިފިލްމުގެ ލީޑް ބަތަލެއްގެ ގޮތުގައި ފެނިގެންދާނީ އަރަމުން އަންނަ ތަރި ޓައިގާ ޝްރޮފް އެވެ.

ޓައިގާ އާއެކު މިފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ މަޝްހޫރު ތަރި ސްރީދޭވީގެ އަންހެން ދަރިފުޅު ޖާންވީ ކަޕޫރާއި އެކްޓަރު ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގްގެ އަންހެން ދަރިފުޅު ސާރާ ޚާން ކަމަށް މީގެކުރިން ވާހަކަތައް ދެކެވުނު ނަމަވެސް ޓައިގާ އާއެކު މިފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނީ ޓީވީ ތަރިއެއް ކަމަށްވާ އުމުރުން 22 އަހަރުގެ ތާރާ ސުތާރިޔާ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

އެކްޓްކުރުމުގެ އިތުރުން ލަވަވެސް ކިޔާ ތާރާ ޓީވީ ތަރިއެއްގެ ގޮތުގައި ތައާރަފުވެފައިވަނީ 2011 ވަނަ އަހަރު ސޮނީއިން ދެއްކި ޝޯ "އެންޓަޓެއިންމަންޓް ކެލިޔޭ ކުޗްބީ ކަރޭގާ" އިންނެވެ. އޭގެފަހުން އޭނާ ވަނީ ޑިޒްނީގެ ޝޯތަށް ކަމަށްވާ "ދަ ސުއިޓް ލައިފް އޮފް ކަރަން އެންޑް ކަބީރް" އާއި "އޮއެ ޖެސީ" އިން ފެނިގެން ގޮސްފަ އެވެ.

މިސިލްސިލާގެ ފުރަތަމަ ފިލްމާ ހިލާފަށް ދެވަނަ ފިލްމުގައި ދެބަތަލާއިން ފެނިގެންދާނެ ކަމަށްވާއިރު، ސާރާ އާއި ތާރާ މިފިލްމުގެ ބަތަލާގެ ރޯލުކުލެން ފިލްމު އުފައްދާ ދަރްމާ ޕްރޮޑަކްޝަނުން ހަމަޖައްސާފައިވާ ކަމުގެ ވާހަކަތަކަށް ދެކެވެމުން އަންނަނިކޮށް އެޕްރޮޑަކްޝަން ކުންފުނީގެ ފަރާތުން ވާހަކަދެއްކި މީހަކު ވަނީ އަދި މިފިލްމުގެ ބަތަލާގެ ރޯލުން ކުޅޭނެ ތަރިން ހަމަނުޖައްސާކަމަށް ބުނެފަ އެވެ.

"ސްޓޫޑަންޓް އޮފް ދަ އިޔާ 2" ގެ ބަތަލާއިންނަކީ ސާރާ އާއި ތާރާ އެއް ނޫން. ބަތަލާއިން ގޮތުގައި ފެނިގެންދާނީ ކޮން ތަރިންނެއްކަން އަދި ނޭނގެ" ދަރްމާ ޕްރޮޑަކަޝަންގެ ފަރާތުން ބުނެފައިވެ އެވެ.

ޕުނީތް މަލްހޯތުރާ ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގެ ލީޑް ބަތަލަކަށް ޓައިގާ ހަމަޖެއްސި ވާހަކަވެސް ޕްރޮޑިއުސަރު ކަރަން ޓްވީޓްކޮށްފައިވާއިރު، ބަތަލާގެ ރޯލު ކުޅޭނެ ތަރިން ހަމަޖެހުމުން އެވާހަކަވެސް އޭނާ ޓްވިޓާ މެދުވެރިކޮށް ހާމަކުރާނެކަން ޔަގީނެވެ.

މިހާރު ބޮލީވުޑްގައި ތިބި އެންމެ ޒުވާން ތަރިންގެ ތެރެއިން އެންމެ ކާމިޔާބު ތިން ތަރިން ކަމަށްވާ ވަރުން ދަވަން އާއި ސިދާތް މަލްހޯތުރާ އަދި އާލިއާ ބަޓް ބޮލީވުޑަށް ތައާރަފުވެފައިވަނީ "ސްޓޫޑަންޓް އޮފް ދަ އިޔާ" އިންނެވެ.