ވިޔަފާރި

އައިހެވަން މާސްޓަ ޕްލޭން ހަދަން 10 ފަރާތަކުން ކުރިމަތިލައިފި

  • މި އަހަރުގެ ޕްރޮޖެކްޓުގެ މަސައްކަތް ފެށޭނެ
  • 90 ދުވަހުގެ ތެރޭގައި ބަޔަކާ ހަވާލު ކުރާނެ
  • ކުޑަ އިންވެސްޓްމަންޓުގެ އަގު 150 މިލިއަން ޑޮލަރު

އުތުރުގައި ތަރައްގީ ކުރަން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ސްޕެޝަލް އިކޮނޮމިކް ޒޯން، އައިހެވަންގެ މާސްޓާ ޕްލޭން ހަދަން 10 ފަރާތަކުން ކުރިމަތިލައިފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އައިހެވަން މާސްޓަ ޕްލޭން ހަދަން 10 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި މިހާރު ހުށަހެޅި ޕްރޮޕޯސަލްތައް އިވޭލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މަސައްކަތް ކުރަމުން މިދަނީ 90 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލަން. އެއީ ގާތްގަނޑަކަށް ޑިސެމްބަރު މަހުގެ ނިޔަލަށް،" ސައީދު ވިދާޅުވި އެވެ.

އެސްއީޒެޑްގެ މަސައްކަތް ފެށުމުގެ ގޮތުން މިކަމަށް ހާއްސަ ގާނޫނެއްވެސް ސަރުކާރުން ވަނީ ހަދާފަ އެވެ. އެ ގާނޫނުގައިވާ ގޮތުން އެސްއީޒެޑްގައި އެންމެ ކުޑަކޮށް އިންވެސްޓްކުރެވޭނީ 150 މިލިއަން ޑޮލަރެވެ. ސަރުކާރުން ވަނީ އެސްއީޒެޑްގައި ބޭންކިންގެ ހިދުމަތް ފެށުމާއި އިންޝުއަރެންސުގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދެއް ވެސް އެކުލަވާލާފައިވެ އެވެ. މި ދެ ގަވާއިދުގައިވާ ގޮތުން އެސްއީޒެޑްގައި އިންޝުއަރެންސުގެ ވިޔަފާރި ފެށޭނީ 10 މިލިއަން ރުފިޔާއަށްވުރެ މަތީ އަދަދެއް ބަހައްޓައިގެންނެވެ. އަދި ބޭންކިންގެ ވިޔަފާރި ފެށުމަށް ހުއްދަދޭނީ 60 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓްތަކަށެވެ.

"އެއީ އެސްއީޒެޑްގެ އެއް ޕްރޮޖެކްޓަށް ވެގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ މި އަހަރު ނިމޭއިރު މަސައްކަތް ފެށުން،" ސައީދު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ މި މަޝްރޫއު ފެށުމުގެ ގޮތުން މަސައްކަތުގެ ފީޒިބިލިޓީވެސް ހަދާފަ އެވެ. މި މަސައްކަތް ކޮށްފައިވަނީ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕް (ބީސީޖީ) އިންނެވެ. ބީސީޖީ އިން ހެދި ފީސިބިލިޓީ އިން ދައްކާ ގޮތުގައި އެއީ ރާއްޖެއަށް ފައިދާވާ ގޮތަށް ހިންގިދާނެ މަޝްރޫއެކެވެ.