ވިޔަފާރި

އައިހެވަންގެ މާސްޓަ ޕްލޭން ހަދަން މިއަދު ބަޔަކާ ހަވާލު ކުރަނީ

Nov 1, 2016
4
  • އިގްތިސާދަށް ބޮޑު ބަދަލެއް ގެންނާނެ މަޝްރޫއެއް
  • އައި ހެވަންއިން ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ހުޅުވޭނެ
  • މުޅިމަޝްރޫއުގެ އަގު އެތައް މިލިއަން ޑޮލަރަކަށް އަރާ

އުތުރުގައި ތަރައްގީ ކުރަން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ސްޕެޝަލް އިކޮނޮމިކް ޒޯން، އައިހެވަންގެ މާސްޓާ ޕްލޭން ހަދަން، ދުނިޔޭގެ ބޮޑު ކުންފުންޏަކާ މިއަދު ހަވާލު ކުރަން ހަމަޖެހިއްޖެ އެވެ.

ހުޅުލެ އައިލެންޑް ހޮޓެލްގައި ބާއްވާ މި ރަސްމިއްޔާތުގައި އައިހެވަންގެ މާސްޓަ ޕްލޭންގެ މަސައްކަތް ހަވާލުކުރަނީ ކޮން ކުންފުންޏަކާ ކަމެއް އިކޮނޮމިކް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް، "އަވަސް" އަށް އެނގިފައިވާ ގޮތުގައި މި މަސައްކަތް ހަވާލުކުރާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ ކުންފުންޏަކާ އެވެ. މި މަސައްކަތް ކުރުމަށް ދުބާއީ އާއި ސިންގަޕޫރު ފަދަ ބޮޑެތި ގައުމުތަކުގެ ކުންފުނިތަކުން ކުރިމަތިލި ކަމަށް އެނގިފައިވެ އެވެ.

"އަވަސް" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އައިހެވަން މާސްޓަ ޕްލޭން ހަދަން 10 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މި އަހަރު ހަވާލު ކުރާނެ ކަމަށް ބުނެފައިވެ އެވެ.

"މަސައްކަތް ކުރަމުން މިދަނީ 90 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލަން. އެއީ ގާތްގަނޑަކަށް ޑިސެމްބަރު މަހުގެ ނިޔަލަށް،" ކުރިން، ސައީދު ވިދާޅުވި އެވެ.

އެސްއީޒެޑްގެ މަސައްކަތް ފެށުމުގެ ގޮތުން މިކަމަށް ހާއްސަ ގާނޫނެއް ވެސް ސަރުކާރުން ވަނީ ހަދާފަ އެވެ.

އެ ގާނޫނުގައިވާ ގޮތުން އެސްއީޒެޑްގައި އެންމެ ކުޑަކޮށް އިންވެސްޓްކުރެވޭނީ 150 މިލިއަން ޑޮލަރެވެ. ސަރުކާރުން ވަނީ އެސްއީޒެޑްގައި ބޭންކިންގެ ހިދުމަތް ފެށުމާއި އިންޝުއަރެންސުގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދެއް ވެސް އެކުލަވާލާފައިވެ އެވެ. މި ދެ ގަވާއިދުގައިވާ ގޮތުން އެސްއީޒެޑްގައި އިންޝުއަރެންސުގެ ވިޔަފާރި ފެށޭނީ 10 މިލިއަން ރުފިޔާއަށްވުރެ މަތީ އަދަދެއް ބަހައްޓައިގެންނެވެ. އަދި ބޭންކިންގެ ވިޔަފާރި ފެށުމަށް ހުއްދަދޭނީ 60 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓްތަކަށެވެ.

ސަރުކާރުން ވަނީ މި މަޝްރޫއު ފެށުމުގެ ގޮތުން މަސައްކަތުގެ ފީޒިބިލިޓީވެސް ހަދާފަ އެވެ. މި މަސައްކަތް ކޮށްފައިވަނީ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕް (ބީސީޖީ) އިންނެވެ. ބީސީޖީ އިން ހެދި ފީސިބިލިޓީ އިން ދައްކާ ގޮތުގައި އެއީ ރާއްޖެއަށް ފައިދާވާ ގޮތަށް ހިންގިދާނެ މަޝްރޫއެކެވެ.