ހަބަރު

ފޯނެއް ޖަހައިގަތް މީހަކު އެއް އަހަރަށް ޖަލަށް

މީހެއްގެ އަތުން ފޯނެއް ޖަހައިގަތް މީހަކު އެއް އަހަރަށް ޖަލަށްލުމަށް މިދިޔަ އާދިއްތަ ދުވަހު ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މި ހުކުމް އިއްވާފައިވަނީ ގދ. ވާދޫ އަތަމާގެ އާސިފް އިބްރާހިމްގެ މައްޗަށެވެ.

އާސިފް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ވަނީ، މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ހަވަނަ ދުވަހުގެ ރޭ 8:15 ހާއިރު ނ. މަނަދޫ ހުޔަލީގުލްޝަން ސާމަތު ސައީދު ބުރުޒުމަގު ގަލޮޅު ފެށޭ ހިސާބުން ހިގާފައިދަނިކޮށް އާސިފް، ސާމަތު ސައީދުއާ އަރާ ހަމަކޮށް ސާމަތުގެ އަތުގައި އޮތް، ސެމްޝަންގް ގެލްކްސީ އަލްފާ ފޯނު ސައީދުގެ ޖަހައިގަނެފައިވާ ކަމަށެވެ.

މިކަމަށް ޝަރީއަތުގެ މަޖިލީހުގައި އާސިފް ވަނީ އިއުތިރާފުވެފަ އެވެ. އެހެންކަމުން މީހެއްގެ މުދަލެއްގެ މައްޗަށް ތިމާގެ ބާރު ހިންގާފައިވާކަން ޝަރީއަތަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެހެންކަމުން މި މައްސަލާގައި އިއްވި ހުކުމުގައި ވަނީ ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާގެ (ށ)ގެ ދަށުން އާސިފް ކުށްވެރިވެއްޖަ ކަމަށް ކަނޑައަޅައި، ކުށުގެ އަދަބެއްގެ ގޮތުން އެއް އަހަރު ދުވަހުގެ ޖަލު ހުމުމެއް އާސިފްގެ މައްޗަށް އިއްވާފަ އެވެ.