ހަބަރު

"އިހަވަންދޫ މީހުންއަށް ކުރި 8 ފެބުރުއަރީގެ ދައުވާ ގާނޫނާ ހިލާފު"

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓި، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ދައުވާކޮށްފައިވާ އިހަވަންދޫ މީހުންގެ މައްސަލަ ކުރިއަށް ދަނީ ގާނޫނާ ހިލާފަށް ކަމަށް އެމީހުންގެ ވަކީލް އަހުމަދު ނާޒިމް އަބްދުލް ސައްތާރު ވިދާޅުވެއްޖެ އެވެ.

މި މައްސަލާގައި 21 މީހެއްގެ މައްޗަށް ދައުވާ އުފުލީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. ދައުވާކޮށްފައިވަނީ އަށެއް ފެބްރުއަރީގައި އިހަވަންދޫ ޕޮލިސް ސްޓޭޝަނުގައި ހަމަނުޖެހުން ހިނގިކަމުގެ ތުހުމަތުގަ އެވެ. އެ އެންމެންގެ މައްޗަށް ވެސް ކުރަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާ އެވެ.

ވަކީލް ނާޒިމް ޕީޖީ އޮފީހަށް ފޮނުވި ސިޓީއެއްގައި ގާނޫނުލް އަގޫބާތުގެ 61 ވަނަ މާއްދާއާ ހަވާލާދީ ވިދާޅުވެފައި ވަނީ ކުށެއްކުރި ވަގުތުން ފެށިގެން ތިން އަހަރު ދުވަހުގެ ތެރޭގައި ދައުވާ ނުއުފުލާ ނަމަ، އެ ކުށެއްގެ ސަބަބުން ދައުވާ ނުކުރެވޭނެ ކަމަށެވެ. ނާޒިމް ވިދާޅުވީ މީހަކު ކުރާ ކުށެއްގެ ދައުވާ ފެށިއްޖެ ކަމަށް ބަލާނީ އެ ކުށުގެ ދައުވާގެ ސީގާގެ ލިޔުން ޝަރީއަތަށް ހުށަހެޅޭ ތާރީހުގައި ކަމަށް ގާނޫނުލް އުގޫބާތުގައި ސާފުކޮށް ލިޔެފައި އޮންނަ ކަމަށެވެ. އަދި އިހަވަންދޫ މީހުންގެ މައްޗަށް ދައުވާ ކުރަނީ މީގެ ތިން އަހަރު ދުވަހުގެ މައްސަލައެއްގައި ކަމަށް ވުމުން، އެއީ އުފުލޭނެ ދައުވާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

"ކުށްކުރިތާ ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވުމުން މި މީހުންގެ މައްޗަށް ދައުވާ ނުކުރެވޭނެ،" ނާޒިމްގެ ސިޓީގައިވެ އެވެ.

ދައުވާ އަނބުރާ ގެންދިޔުމަށް ނާޒިމް ވަނީ އެ ސިޓީގައި ޕީޖީ އޮފީހުގައި އެދިފަ އެވެ.