ހަބަރު

ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމްއިން ވެސް ތައްޔާރުވަނީ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ޕާޓީގެ އެތެރޭން ކުރަންޖެހޭ ކަންކަން ފެށުމަށް ޕީޕީއެމްއިން ތައްޔާރުވެއްޖެ އެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ.

ޕީޕީއެމްގެ އޮފީހުން އެ ޕާޓީގެ ބައި އިލެކްޝަން ކޮމެޓީއަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ކޮމެޓީއިން ކުރަންޖެހޭ ހުރިހާ ކަމެއް ވީ އެންމެ އަވަހަކަށް ކުރިއަށް ގެންދިޔުމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެދިވަޑައިގަންނަވާ ކަމަށެވެ.

ޕީޕީއެމް މި އިންތިހާބަށް ތައްޔާރުވާން ފެށިއިރު އިދިކޮޅު އެމްޑީޕީއިން ވަނީ ފެށޭ ހަފުތާގެ ތެރޭގައި ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމެރީގައި ވާދަކުރުމަށް ހުޅުވާލާނެ ކަމަށް އެމްޑީޕީއިން ވަނީ ބުނެފަ އެވެ. ނަމަވެސް ޕްރައިމަރީ ބާއްވާނެ ތާރީހެއް އެމްޑީޕީ އިން އަދި ހާމައެއް ނުކުރެ އެވެ. އެމްޑީޕީއިން މި އިންތިހާބަށް ނިކުންނަނީ އިދިކޮޅު ޕާޓީތަކުން އުދައްދާފައިވާ އިއްތިހާދާއެކު އެވެ.

އިންތިހާބުގައި ވާދަކުރުމަށް އަންނަ މަހުގެ 26 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ. ކައުންސިލްތަކުގެ މި ދައުރު ނިމޭނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހަށެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އިލެކްޝަން ކޮމިޝަނުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ލޯކަލް ކައުންސިލް ގާނޫނަށް އެންމެ ފަހުން ގެނެވުނު މި އިސްލާހުގެ ދަށުން، ކައުންސިލަރުންގެ އަދަދު މިހާރަށްވުރެ މަދުވާނެ އެވެ. އާބާދީގައި 3000 މީހުންނަށްވުރެއް ކުޑަ ރަށްރަށުގައި ތިން ކައުންސިލަރުން އިންތިހާބު ކުރާއިރު 3000 އަށްވުރެއް ބޮޑު އާބާދީއެއް ނަމަ އިންތިހާބު ކުރާނީ ފަސް ކައުންސިލަރުންނެވެ. ކުރިން އޮތް ގޮތުން 3،000 އަށް ވުރެ ކުޑަ އާބާދީއެއްގައިވެސް ފަސް ކައުންސިލަރުން ތިބެ އެވެ. އަދި އެއަށްވުރެއް ގިނަ ނަމަ ހަތް މެންބަރުންނެވެ.

މީގެ އިތުރުން މަޖިލީހުން ވަނީ، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތަށް ގެނައި ބަދަލާ ގުޅިގެން ވެސް ކައުންސިލަރުންގެ އަދަދު މަދުކޮށްލައިފަ އެވެ. އެގޮތުން ދެ އިންތިހާބީ ދާއިރާއަށްވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އަތޮޅު ކައުންސިލަށް އިންތިހާބު ކުރާނީ ކޮންމެ ދާއިރާއަކުން އެއް މެންބަރެވެ. އަދި ދެ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީދާއިރާތަކުން އަތޮޅު ކައުންސިލަށް އިންތިހާބު ކުރާނީ މުޅި އަތޮޅުން އިންތިހާބު ކުރެވޭ ތިން މެންބަރުންނެވެ.