ހަބަރު

ރާއްޖެ އާއި ސެއިންޓް ކިޓްސްއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފި

ރާއްޖެ އާއި ސެއިންޓް ކިޓްސް އެންޑް ނޭވިސްއާ ދެމެދު ހާރިޖީ ގުޅުން މިއަދު ގާއިމުކޮށްފި އެވެ. ސެއިންޓް ކިޓްސް އަކީ ކެރީބިއަންގައި ހިމެނޭ ޖަޒީރާ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ރަށެވެ. މިކަމަށް ނިއުޔޯކްގައި މިއަދު ރަސްމިއްޔާތެއް ބޭއްވި އެވެ.

ނިއުޔޯކްގައި ހުންނަ ރާއްޖޭގެ އދ.ގެ މިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ހާރިޖީ ގުޅުން ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ. ސެއިންޓް ކިޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު މާކް ބްރެންޓްލީ އެވެ.

އެއްބަސްވުމަށްފަހު މިނިސްޓަރު އާސިމް ވިދާޅުވީ، ދެ ގައުމުގެ ދެމެދު ހާރިޖީ ގުޅުން ގާއިމުވެގެން ދިޔުމުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އަދި ގުޅުން ގާއިމުކުރެވިގެން ދިޔުމުން ދެ ގައުމުގެ ރައްޔިތުން ހުރިހާ ދާއިރާތަކަކުން ވެސް ގުޅިގެން މަސައްކަތްކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން ސެއިންޓް ކިޓްސްގައި ހުރި މައްސަލަތައް އދ.ގެ ސަމާލު ކަމަށް ގެނައުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓަރުން ވަނީ ވާހަކަ ދައްކަވާފަ އެވެ.

ސެއިންޓް ކިޓްސްއަކީ ކެރީބިއަން ކަނޑުގައި ޖަޒީރާ ކުޑަ ރަށެކެވެ. އެ ގައުމުގެ އާބާދީއަކީ 55،712 މީހުންނެވެ. އެއީ ޑިމޮކްރަސީގެ އުސޫލުތައް ގާއިމުކޮށްފައިވާ ރަށެކެވެ.