ހަބަރު

ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދީފި

ޏ. ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް މިއަދު ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ. ފުވައްމުލައް ސިޓީއެއް ކަމަށް ކަނޑައަޅައި މިއަދު ރައީސް ޔާމީން ވަނީ ގަރާރެއް ނެރުއްވާފަ އެވެ.

އެ ގަރާރުގައި ވަނީ ސިޓީއެއްގެ ދަރަޖަ ދެވޭ ރަށްރަށުގައި ހުންނަންޖެހޭ ޝަރުތުތައް ފުވައްމުލަކުގައި ފުރިހަމަވެފައިވާ ކަމަށް ރައީސް ޔާމީން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައިވާ ކަމަށެވެ. އެހެންވެ އެ ގަރާރު ތަންފީޒު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރަން ކަމާއި ބެހޭ މުއައްސަސާތަކަށް އަންގަވާ ކަމަށް ރައީސް ޔާމީން ގަރާރުގައި ވަނީ ވިދާޅުވެފަ އެވެ.

ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ރައީސް ނިންމެވިއިރު، މިއީ ރާއްޖޭގެ ތިންވަނަ ސިޓީ އެވެ. މީގެ ކުރިން ސިޓީގެ ދަރަޖަ ދީފައިވަނީ މާލެ އަދި އައްޑު އަތޮޅަށެވެ.

ސިޓީއެއްގެ ދަރަޖަ ދެވޭނީ އެތަނެއްގައި 10،000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭނަމަ ކަމަށް ގާނޫނުގައިވެ އެވެ.