ހަބަރު

ލ. ގާދޫ އާއި މުންޑޫއަކީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައަޅައިފި

ލ.ގާދޫ އާއި މުންޑޫ އަކީ މީހުން ނޫޅޭ ރަށްތަކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައަޅުއްވައިފި އެވެ.

މުންޑޫ އާއި ގާދޫ ފަޅު ރަށެއްގެ ގޮތުގައި ކަނޑައަޅައި، މިއަދު ވަނީ ވަކިވަކިން ދެ ގަރާރެއް ރައީސް އޮފީހުން ގެޒެޓްކޮށްފަ އެވެ. އެ ގަރާރުގައި ބުނެފައިވަނީ، މުންޑޫއާއި ގާދޫ އަކީ މިހާރު މީހުން ދިރިއުޅެމުން ނުދާ ދެ ރަށަކަށް ވާތީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އެ ދެ ރަށް މީހުން ދިރި ނޫޅޭ ރަށްރަށުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ގާދޫގެ ރައްޔިތުން އެ ރަށު ފޮނަދޫއަށް ބަދަލުކުރީ މީގެ އަށް ވަރަކަށް މަސް ކުރިންނެވެ.

ގާދޫއާއި މުންޑޫއަކީ ކުޑަ އާބާދީއެއް ދިރިއުޅެމުންދިޔަ ދެ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި މުންޑޫގެ އާބާދީއަކީ 230 މީހުންނެވެ. ގާދޫގެ އާބާދީއަކީ 174 މީހުނެނެވެ.