ހަބަރު

އަރުހަމްގެ މަރު: އެކަކު މަރަން ހުކުމް ކޮށްފި، ތިން މީހަކު ސަލާމަތްވެއްޖެ

ލޮރެންޒޯ ޕާކްތެރޭގައި ހުއްޓާ 2012 ވަނަ އަހަރު މަރާލީ، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް، 16، މަރާލި މައްސަލާގައި ދައުވާ ކުރި ހަތަރު މީހުންގެ ތެރެއިން އެކަކު މެރުމަށް ހުކުމް ކޮށް އަނެއް ތިން މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިރޭ ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގައި މަރަން ހުކުމް ކުރީ، ލ. މާވަށް އެވާބްލޫ މުހައްމަދު ވިސާމް، 19އ. އެވެ. އަރުހަމް މަރާލާފައިވަނީ 2012 ވަނަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހު އެވެ.

ކުށް ސާބިތު ނުވެ ސަލާމަތްވީ، ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާނު،19، އާއި މއ. ސީނަރީވިޔު އާތިފް ރަޝީދު، 21، އަދި ލ. މާވަށް އަސަރީގޭ މަންސޫރު ޔޫސުފް،25، އެވެ.

ހަތަރު މީހުންގެ މައްޗަށް ވެސް އުފުލީ ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ އެވެ.

މިރޭ ކުރިމިނަލް ކޯޓުން އިއްވި ހުކުމުގައި، ވިސާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމީ، ދައުލަތުން ހުށަހެޅި 10 ހެކީންގެ ތެެރެއިން ތިން ހެއްކަކު ވިސާމް މަރާމާރީ ހިންގަނިކޮށް ދުށް ކަމަށް ބުނެފައިވާތީ އެވެ. އަދި އަރުހަމްގެ ގަޔަށް ވިސާމް ވަޅި ހަރަނިކޮށް ދުށް މީހަކު ވެސް ހެކި ބަސް ދީފައިވެ އެވެ.

ދެން ތިބި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމީ، މައްސަލައަކީ މަރުގެ މައްސަލައަކަށްވެފައި، ހުށަހެޅި ހެކިންގެ ހެކި ބަހުގެ ފުށުއެރުންތަކެއް ހުރުމުންނެވެ.

ސުފުޔާން، އާތިފު، މަންސޫރު އަދި ވިސާމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، 2012 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 އާއި ހެނދުނު 6:30 އާ ދެމެދުގެ ވަގުތެއްގައި ވިސާމާއި މަންސޫރު އަދި ސުފުޔާން ލޮރެންޒޯ ޕާކްތެރެއަށް ވަދެ އަރުހަމާ މެދު މާރާމާރީ ހިންގުމުން އޭނާ މަރުވެފައިވާ ކަމަށެވެ. އަދި އަރްހަމް މަރާލުމަށްފަހު އެ ތިން މީހުން އަދި އާތިފްއާ އެކު ސައިކަލްތަކުގައި ގޮސްފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.

އަރުހަމް މަރާލި މައްސަލާގައި ހުކުމްކޮށްފައިމިވަނީ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާ ގިނަ ދުވަސްތަކަކަށްފަހު އެވެ.

އަރުހަމް މަރާލާފައިވަނީ ދަރުމަވަންތަ ސްކޫލްގައި ގުރޭޑް ނުވައެއްގައި ކިޔަވަމުން ދަނިކޮށެވެ. ލޮރެންޒޯ ޕާކް ތެރޭގައި އޭނާ މަރާލާފައި އޮތްވާ ފެނުނީ ފުލުހަކަށެވެ. އަރުހަމް މަރާލާފައިވަނީ އެކިތަންތަނަށް ވަޅި ހަރައިގެންނެވެ.