ހަބަރު

ހަމަސް ތެރޭ ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ 201 މައްސަލައެއް

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 201 މައްސަލައެއް ބަލައި ނިންމާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އެސީސީން އާންމުކޮށްފައިވާ އެ ކޮމިޝަންގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ދެ ވަނަ ކުއާޓަރުގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 93 މައްސަލައެއް ކޮމިޝަނުން ބަލާ ނިންމާފައިވެއެވެ. މިއީ 2015 ވަނަ އަހަރުގެ މި މުއްދަތުގަ ބަލާ ނިންމި ނާޖާއިޒު ފާއިދާތަކުގެ މައްސަލަތަކާ އަޅާބަލާއިރު 13.9 ޕަސެންޓްގެ ދަށްވުމެކެވެ.

އެ ކޮމިޝަނުން ބުނީ، މިއަހަރުގެ ދެ ވަނަ ކުއާޓަރު ތެރޭގައި ދެވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ ގަވާއިދާ ހިލާފުވުމުގެ މައްސަލަތައް ކަމަށެވެ. އެގޮތުން ގަވާއިދާ ހިލާފުވުމުގެ 72 މައްސަލައެއް ދެވަނަ ކުއާޓާގައި ބަލައި ނިންމާފައިވާ ކަމަށް ތަފާސްހިސާބުތަކުގައިވެ އެވެ.

ދެވަނަ ކުއާޓާގައި ތިން ވަނަޔަށް އެންމެ ގިނައިން ބަލައި ނިންމާފައިވަނީ، ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތައް ކަމަށް އޭސީސީން ބުންޏެވެ. އެގޮތުން ނާޖާއިޒު ފައިދާ ހޯދުމުގެ 37 މައްސަލައެއް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ 14 މައްސަލައަކާއި، ދައުލަތުގެ މުދަލާއި ފައިސާއަށް އިހުމާލު ވުމުގެ ހަތަރު މައްސަލައަކާއި ރިޝްވަތުގެ މައްސަލައެއް ވެސް މިއަހަރުގެ ފުރަތަމަ ހަމަސް ތެރޭގައި ބަލައި ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.