ދުނިޔެ

ކުޑަ ކުއްޖެއްގެ އަސަރުގަދަ ސިޓީއެއް އޮބާމާއަށް: "އުމްރާން މި ގެއަށް ގެނެސްދީ"

ލެޔާއި ހިރަފުހުން މޫނާއި ހަށިގަނޑު ފޮރުވިފައި އުމްރާން ދަގްނީޝް ނޭނގޭ މީހަކު މިހާރު ދުނިޔޭގައި މަދުވާނެ އެވެ. ސީރިއާގެ ހަލަބަށް އުފަން އުމްރާންގެ ވީޑިއޯއެއް އާންމުވުމާއެކު މުޅި ދުނިޔެ ހިމޭންކޮށްލި އެވެ. އަދި އުމްރާންގެ ހިމޭންކަން ވަނީ ދުނިޔޭގެ ހަތަރު ބިތަށް އެތައް މެސެޖްތަކެއް ފޮނުވާލާފަ އެވެ.

އެ ތުއްތު އުމްރާންގެ ވާހަކައިން އެމެރިކާގެ ހަ އަހަރުގެ ކުއްޖެއް ހިތް ވެސް މިވަނީ ފަޅައިގެން ގޮސްފަ އެވެ. އުމްރާނާމެދު ހަމްދަރުދީވެ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވެފަ އެވެ. އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ކަމަށް ބުނެ ހަ އަހަރުގެ އެލެކްސް ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް އަމިއްލަ އަތުން ލިޔެ ސިޓީއެއް ފޮނުވާފަ އެވެ.

މި ސިޓީގެ ވާހަކަ ނިއު ޔޯކުގައި އޮތް އ.ދ ގެ ނެޝަނަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން އޮބާމާ ވަނީ ފާހަގަ ވެސް ކުރައްވާފަ އެވެ.

ވަރަށް އަސަރާއެކު އެލެކްސް ލިޔެފައިވާ ސިޓީގައި ބުނެފައިވަނީ، އުމްރާން، އެލެކްސްގެ ގެއަށް ގެންނަން ބޭނުންވާ ކަމަށާއި، އުމްރާނަށް ދިރިއުޅޭނެ ގޮތް ހަދައިދީ، އޭނާގެ ކޮއްކޮއެއްގެ ގޮތުގައި ގެންގުޅޭ ކަމަށެވެ.

"ހަނދާން އެބަހުރިތަ ސީރިއާގެ އެމްބިއުލާންސެއް ތެރޭ އިން ކުއްޖާ މަތިން، އެ ކުއްޖާ [އެމެރިކާއަށް] ގެނެވިދާނެތަ؟ އަހަރެންގެ ގެއަށް ގެނެވިދާނެތަ؟ އަހަރެމެން އޭނާއަށް އާއިލާއެއް ދޭނަން، އޭނާ ވަނީ އަހަރެމެންގެ ކޮއްކޮއަށް،" އެލެކްސް ބުނެފައިވެ އެވެ.

"އަހަރެން އުމްރާނަށް އަހަރެންގެ ބައިސިކަލް ވެސް ދޭނަން، ދުއްވަން ވެސް ދަސްކޮށްދޭނަން، އަދި ހިސާބު އަކުރު ކަނޑަންށާއި އެއްކުރަން ވެސް ދަސްކޮށްދޭނަން،" އެލެކްސް ބުންޏެވެ.

މި ސިޓީއާ ގުޅޭ ގޮތުން އޮބާމާ ވިދާޅުވީ، އެންމެނަކީ ވެސް އެލެކްސް ފަދަ މީހުންނަށް ވާން ޖެހޭ ކަމަށެވެ. އަދި އޭރަށް ދުނިޔެއަށް ޖެހިފައިވާ ދަތި ހާލުން އަރައިގަނެވޭނެ ކަމަށެވެ.

"އަހަރެމެން އެންމެން ވެސް އެލެކްސް ނަމާނާއަކަށް ބަލައި އެފަދަ ބަޔަކަށް ވާންވީ، އެލެކްސް ފަދަ ބަޔަކަށް އަހަރެމެން އެންމެން ވެއްޖެނަމަ މި ދުނިޔެ އޮންނާނެ ގޮތް އެންމެން ތަސްވުރުކޮށްލާ، އޭރަށް ދަތި ހާލުގައި އުޅޭ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެއްވި އެ ހާލަތުން އަރައިގަނެވޭނެ،" އޮބާމާ ވިދާޅުވި އެވެ.