ހަބަރު

ސުލްހައިގެ އެމްބެސެޑަރަކަށް ރައީސް ވަހީދު

ސުލްހައިގެ އެމްބެސެޑަރެއްގެ މަގާމު ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުއަށް ދެއްވައިފި އެވެ. މި މަގާމު އެމަނިކުފާނަށް ދީފައި ވަނީ "ޗައިނާ ވޯލްޑް ޕީސް ފައުންޑޭޝަނުން"ނެވެ.

ސުލްހައިގެ އެމްބެސެޑަރެއްގެ މަގާމު ރައީސް ވަހީދަށް ޗައިނާ ވޯލްޑް ޕީސް ފައުންޑޭޝަނުން ދެއްވާފައިވަނީ މިދިޔަ ބުދަ ދުވަހު އެ ފައުންޑޭޝަނުން ބޭއްވި ޕީސް ފެސްޓިވަލްގަ އެވެ. އެ ފެސްޓިވަލްގެ ޝަރަފުވެރި މެހެމާނަކީ ވެސް ރައީސް ވަހީދެވެ.

ރާއްޖޭގައި ދެ އަހަރު ދުވަހު ވެރިކަން ކުރައްވާފައިވާ ރައީސް ވަހީދަކީ އދ. ގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ރައީސް ވަހީދަކީ ރައީސްކަން ކުރެއްވިއިރު، ދިމާވި ގޮންޖެހުންތަކުން އަރައިގަނެ، ގައުމު ސުލްހަވެރިކުރުމަށް މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށް އެ ޖަމްއިއްޔާ އިން ފާހަގަ ކުރެ އެވެ.

ޗައިނާ ވޯލްޑް ޕީސް ފައުންޑޭޝަނުނަކީ ޗައިނާގެ އިޖްތިމާއީ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރާ، ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މަގުސަދަތަކުގެ ތެރޭގައި އެހެން ގައުމުތަކުގެ ސަރުކާރުތަކާއި ޖަމިއްޔާތަކާއި ވަކިވަކި ފަރުދުންނާ ގުޅުން ބަދަހިކުރުން ހިމެނެ އެވެ.

މި ޖަމިއްޔާ ހިންގަނީ ޗައިނާގެ ސަރުކާރާއި ޗައިނާ ޑިވެލޮޕްމެންޓް ބޭންކްގެ އެހީގަ އެވެ.