ހަބަރު

އުއްމަތަށްޓަކައި ސައުދީން ހަރުދަނާ ލީޑަޝިޕް ރޯލެއް އަދާކުރޭ: މަސީހު

ސައުދި އަރަބިއްޔާއިން އިސްލާމީ އުއްމަތަށްޓަކައި ހަރުދަނާ ލީޑަޝިޕް ރޯލެއް ދައްކައިދެމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މިރޭ ވިދާޅުވެއްޖެ އެވެ. މަސީހު މިހެން ވިދާޅުވީ، ސައުދީގެ 86 ވަނަ ގައުމީ ދުވަހުގެ އުފަލުގައި މިރޭ، ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.

މަސީހްގެ އިތުރުން މި ހަފުލާގައި، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރާއި ޖެންޑާ މިނިސްޓަރު އައިމިނަތު ޒެނީޝާ އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ މުހައްމަދު ޝަހީމް ވެސް ބައިވެރިވަޑައިގަތެވެ. މީގެއިތުރުން ރާއްޖެއަށް ކަނޑައަޅުއްވަވާފައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިސްރާ އާއި ޕާކިސްތާނު އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއި ރާއްޖޭގެ މިނިވަން މުވައްސަސާތަކުގެ ބައެއް އިސްވެރިން ބައިވެރިވަޑައިގަތެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން މަސީހު ވިދާޅުވީ، މިހާރު ސައުދި އަރަބިއްޔާއަކީ އެތައް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ގައުމެއް ކަމަށެވެ. އަދި އިތުރު ބޮޑެތި ކާމިޔާބީތަކާއި ކުރިއެރުންތައް ހާސިލުކުރުމަށް މިހާރު ވެސް ސައުދީން ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

މަސީހު ވިދާޅުވީ، އިސްލާމީ އުއްމަތަށްޓަކައި ވަރުގަދަ ލީޑަޝިޕް ރޯލެއް ސައުދީން އަދާކުރަމުންދާ ކަމަށެވެ. އަދި ރަސްގެފާނު ސަލްމާނު ބިން އަބްދުލް އަޒީޒްގެ މަސައްކަތްޕުޅަށް މަސީހު ތައުރީފުކުރެއްވި އެވެ.

ރާއްޖެ އާއި ސައުދީގެ ގުޅުމަކީ ވަރަށް ބަދަހި ހާއްސަ ގުޅުމެއް ކަމަށާއި އެ ގުޅުން ރައީސް އަބްދުﷲ ޔާމީން އާއި ރަސްގެފާނު ސަލްމާން އިތުރަށް ބަދަހިކުރައްވާނެ ކަމަށް މަސީހު ވިދާޅުވި އެވެ. ގުޅުން އިތުރަށް ބަދަހިކުރުމަށް ރަސްގެފާނު އިސްނަންގަވައިގެން ރާއްޖޭގައި ސައުދީގެ އެންބަސީއެއް ގާއިމުކޮށްފައިވާކަން މަސީހު އުފަލާއެކު ފާހަގަކުރެއްވި އެވެ.

އަދި، މަސީހު ވަނީ ރާއްޖެއަށް ސައުދީން ކަނޑައެޅުއްވި ސަފީރު ބަދުރް އަލީ އަހްމަދު އަލްކަހައިލްގެ މަސައްކަތްތަކަށް ވެސް ތައުރީފުކުރައްވާފަ އެވެ. ވިދާޅުވީ، ބަދުރްއަކީ ޒުވާން އަދި އެހާމެ ހީވާގިކަމާއެކު މަސައްކަތްކުރައްވަމުންދާ ސަފީރެެއް ކަމަށެވެ.

މި ހަފުލާގައި ގައުމީ ދުވަސް ފާހަގަކުރުމަށް ހާއްސަ ކޭކެއް ވެސް ވަނީ ފަޅާފަ އެވެ. ކޭކު ފަޅުއްވައިދެއްވީ މަސީހާއި ސައުދީ ސަފީރެވެ. އޭގެއިތުރަށް ސައުދީގެ ތަފާތު ކާނާތަކަށް ހަފުލާގެ ބައިވެރިން ވަނީ އިންސާފުކުރައްވާފަ އެވެ.

ގައުމީ ދުވަހުގެ އުފަލުގައި ރައީސް ޔާމީން ވެސް ވަނީ ރަސްގެފާން ސަލްމާނަށާއި ވަލީއަހްދު މުހައްމަދު ބިން ނާއިފް ބިން އަބްދުލް އަޒީޒަށާއި، ވަލީއަހްދުގެ ނައިބު މުހައްމަދު ބިން ސަލްމާން އާލް-ސައުދަށް މެސެޖެއް ފޮނުއްވަވާފަ އެވެ. ރައީސް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސްގެ އަމިއްލަ ނަންފުޅުގައި، ސައުދީ އަރަބިއްޔާގެ ރަސްގެފާނަށް ހޫނު މަރްހަބާއެއް ވިދާޅުވެ، ގައުމީ ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާ، އުފާވެރި މުސްތަގްބަލަކަށް އެދިވަޑައިގެންފައިވެއެވެ. އަދި، ރަސްގެފާނު ސަލްމާންގެ ‏ޒައާމަތުގައި، ސައުދީގެ ރައްޔިތުންނަށް ‏‏އިތުރު ފާގަތިކަމާއި ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާ ‏‏ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ‏‎.‎‏

މީގެ އިތުރުން، ރައީސްގެ މެސެޖުގައި، ރާއްޖެއާއި ސައުދީއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ އިސްލާމީ އަހުވަންތަ ގާތް ގުޅުން، އެމަނިކުފާނު ވަރަށް ބޮޑަށް ވަޒަން ކުރައްވާ ކަމުގައި ވިދާޅުވެ، މުޅި އިސްލާމީ އުއްމަތާއި ދެ ގައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ދެ ގައުމުން ވެސް ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށް‏‏ ރައީސް ވިދާޅުވެފައިވެއެވެ.