ހަބަރު

އައްޑޫގައި ފަސް މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

އައްޑޫގައި މިރޭ ހިންގި މާރާމާރީއެއްގައި ފަސް މީހެއްގެ ގަޔަށް ވަޅި ޖަހައި ޒަހަމްކޮށްލައިފި އެވެ. އެ އެންމެންނަށް ވެސް މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ފުލުހުން އެކަން ޔަގީންކޮށްދިނެވެ.

އެނގިފައިވާ ގޮތުގައި މިރޭ 10:45 އެހާކަން ހާއިރު ހިންގި މި މާރާމާރީ އަކީ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީ އެކެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަބްދުﷲ ޖަމީލު ވިދާޅުވީ، މާރާމާރީއެއްގައި ޒަހަމްވި ފަސް މީހަކަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށެވެ. ފަސް މީހުންގެ ވެސް ހާލު ސީރިއަސް ނޫން ކަަމަށް ޑޮކްޓަރުންނާ ހަވާލާދީ ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ، ޒަހަމްވި މީހުންގެ ތެރެއިން ދެ މީހެއްގެ ބުރަކަށްޓަށް ވަޅިން ހަމަލާދީފައިވާ ކަމަށެވެ. އަދި އެކެއްގެ ބޮލަށް ޒަހަމްވެފައިވާއިރު ދެ މީހެއްގެ އަތުގެ އެކި ތަންތަނަށް ވަޅިން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެފައިވާ ކަމަށެވެ.

"ފަސް މީހުންގެ ވެސް ހާލު ސީރިއަސްއެއް ނޫން، ޒަހަމްވެފައިވާ ތަންތަން ފެހުމުގެ މަސައްކަތް ޑޮކްޓަރުން މިހާރު ދަނީ ކުރަމުން،" ޖަމީލު ވިދާޅުވި އެވެ.

ފުލުހުން ބުނީ، މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.