ދުނިޔެ

ރަޝިއާ އަދި ސީރިއާގެ ސިފައިން ހަލަބަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި

ސީރިއާގެ ހަލަބަށް ރަޝިއާ އަދި ސީރިއާގެ ސިފައިން ވައިގެ ވަރުގަދަ ހަމަލާތަކެއް އަނެއްކާ ވެސް ދޭން ފަށައިފި އެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 27 އަށް އަރާފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް ވަނީ ބުނަފަ އެވެ.

ހަމަލާގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެެވެ އެވެ. މި ހަމަލާތަކުގައި 27 މީހުން މަރުވެފައިވާ ކަމަށް އޮބްޒަވޭޓަރީއިން ބުނި ނަމަވެސް އިރުމަތީ ހަލަބުގެ ސިވިލް ޑިފެންސްގެ ވެރިޔާ އައްމާރު އަލް ސެލްމޯ ވިދާޅުވެފަައިވާ ގޮތުގައި ހަމަލާތަކުގެ ސަބަބުން 40 އަށްވުރެ ގިނަ އިމާރަތް ވެއްޓި، 70 މީހުން ވަނީ މަރުވެފަ އެވެ.

މި ހަމަލާތައް އަމާޒުކޮށްފައިވަނީ އިރުމަތީ ހަލަބަށެވެ. ހަމަލާތައް ދީފައިމިވަނީ އިދިކޮޅު ފަރާތްތަކުގެ އަށް ދަށުގައިވާ ހަލަބުގެ ސަރަހައްދުތަކަށް ހަމަލާ ދޭނެ ކަމަށް ސީރިއާގެ ސަރުކާރުން އަންގާފައިވަނިކޮށެވެ. ސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކުގެ އަރްދަށުގައިވާ ސަރަހައްދުތަކަށް އާންމުން ކައިރިނުވުމަށް އިލްތިމާސްކޮށްފަ އެވެ.

ހަމަލާތައް ދީފައިވަނީ ސީރިއާ އަދި ރަޝިއާގެ ސިފައިން ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް މި ހަމަލާތަކުގައި ރަޝިއާގެ ސިފައިން ބައިވެރިވި ކަމެއް އެ ގައުމުން ކަށަވަރެއް ނުކޮށްދެ އެވެ.

ސީރިއާގައި ވަރުގަދަ ހަމަލާތަކެއް އަނެއްކާވެސް ދީފައިމިވަނީ ދުނިޔޭގެ ބޮޑު ދެ ބާރު ކަމަށްވާ ރަޝިއާ އަދި އެމެރިކާ، ސީރިއާއަށް ސުލްހަ ގެނައުމަށް ޕްލޭނެއް އެކުލަވާލާފަައިވަނިކޮށެވެ. ވަރަށް އުއްމީދާއެކު އެކުލަވާލި އެ ޕްލޭނަށް އަމަލުކުރެވިފައެއް ނުވެ އެވެ.

ސުލްހައިގެ ޕްލޭން

އެމެރިކާ އަދި ރަޝިއާ ދެ ގައުމުން އެކުލަވާލި މި ޕްލޭންގެ ދެށުން އެންމެ ފުރަތަމަ ކަމަކަށް ސީރިއާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ ތަންތަނަށް ސީރިއާގެ ސިފައިން ދޭ ހަމަލާތައް ހުއްޓާލަން ޖެހެ އެވެ. އަދި، އެއަށްފަހު ރަޝިއާ އަދި އެމެރިކާގެ ސިފައިން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށަން ޖެހެ އެވެ. މި އޮޕަރޭޝަނާކީ ސިރިއާގައި ތިބި ޓެރަރިސްޓުން ނެތިކޮށްލާ ފަށާ އޮޕަރޭޝަނެކެވެ. އޮޕަރޭޝަނުގެ އަމާޒަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ނުސްރާ ފްރަންޓް ބަލިކޮށްލުމެވެ.

މި ޕްލޭންގެ ދަށުން ދެ ގައުމު ވެސް ބޮޑު މަސްއޫލިއްޔަތާ ހަވާލުވެފަ އެވެ. އެގޮތުން ރަޝީއާއިން ވަނީ ހަމަލާތައް ހުއްޓާލުމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ބާރުއެޅުމަށް ނިންމާފަ އެވެ. އަދި އެމެރިކާގެ މަސްއޫލިއްޔަތަކީ ސީރިއާގެ ސަރުކާރާއި އިދިކޮޅު ފަރާތްތައް އެއް ގަލަކަށް އެރުވުމެވެ.

ރަޝިއާއިން ސީރިއާގެ ރައީސް ބައްޝާރު މަގާމުގައި ބަހައްޓަން ބޭނުންވާއިރު، އެމެރިކާއިން ބޭނުންވަނީ ވެރިކަން ބަދަލުކުރާށެވެ.

ފަސް އަހަރުވެފައިވާ ސީރިއާގެ ދާހިލީ ހަނގުރާމާގައި މިހާތަނަށް އެ ގައުމުގެ 290،000 މީހުން މަރުވެފައިވާއިރު އެތައް ބަޔަކު ވަނީ ގައުމު ދޫކޮށް ގޮސްފަ އެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދު ފެށި ހަމަނުޖެހުމުގެ ތެރެއަށް ޓެރަރިސްޓް ޖަމާއަތްތައް ވަދެ، ސީރިއާގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.