ހަބަރު

މަޝްވަރާތައް އަވަހަށް ފަށާ، އެކަމަށް ތައްޔާރު: އެމްޑީޕީ

ކޮމަންވެލްތްގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް، ސީމެގުން ގޮވާލި ފަދައިން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ވީހާ ވެސް އަވަކަށް ފެށުމަށް ސަރުކާރަށް ގޮވާލައި ކަމަށާއި އެކަމަށް އެ ޕާޓީ ތައްޔާރު ކަމަށް އެމްޑީޕީ އިން މިރޭ ބުނެފި އެވެ. އެމްޑީޕީއިން މިގޮތަށް ގޮވާލިއިރު މަޝްވަރާތައް ނުފެށި ވަނީ އެ ޕާޓީން ޝަރުތުތަކެއް ކަނޑައަޅާފައިވާތީ އެވެ.

މެންބަރު ގައުމުތަކުގެ ފޮރިން މިނިސްޓަރުން ބައިވެރިވެގެން ސީމެގުން މިއަދު ނިއު ޔޯކްގައި ބޭއްވި ބައްދަލުވުމަށް ފަހު ނެރުނު ސްޓޭޓްމަންޓްގައި ބުނެފައި ވަނީ 2018 ވަނަ އަހަރު މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް މާނަވީ މަޝްވަރާތަކެއް ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ބޭއްވުމަކީ ކޮންމެހެން ވެސް ބޭނުން ކަމެއް ކަމަށެވެ. އަދި ގައުމުގެ މަސްލަހަތު ކުރިއަށް ނެރެ، ހުރިހާ ސިޔާސީ ޕާޓީތަކާއި ލީޑަރުން ވެސް ޝަރުތަކާ ނުލާ މަޝްވަރާތަކަށް އަންނަން ޖެހޭ ކަމަށް ވެސް ސީމެގުން ބުންޏެވެ.

މިކަމާ ގުޅިގެން އެމްޑީޕީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސީމެގުން އެދުނު ގޮތަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ވީ އެންމެ އަވަހަކަށް ބޭއްވުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

"ރާއްޖޭގެ ސިޔާސީ މަޝްރަހު ހަމައަކަށް އެޅުވުމަށް ވީއެންމެ އަވަހަކަށް މަޝްވަރާތައް ފެށުމަށް ގޮވާލަން، އަދި ރައްޔިތުންގެ އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށާއި ޑިމޮކްރަސީގެ އުސޫލުތައް ދެމެހެއްޓުމަށާއި މުއައްސަސާތައް ބާރުވެރިކުރުވުމަށާއި ސިޔާސީ ހުރިހާ ހައްޔަރީން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލަން،" އެމްޑީޕީއިން ބުންޏެވެ.

އެމްޑީޕީއިން ބުނީ އެކަން ކަމަކީ ރާއްޖެ ސަސްޕެންޑް ކުރުން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކަމަށާއި ސަސްޕެންޝަނާ ކުރިމަތިލާން ޖެހިއްޖެނަމަ ދިވެހި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އަދި ސަސްޕެންޝަނުން ރާއްޖެ ސަލާމަތް ކުރުމަށް މަޝްވަރާއަކީ އޮތް މަގު ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ އެ ފަރާތްތަކަށް ނިސްބަތްވާ ސިޔާސީ ބޭފުޅުން ޖަލުން މިނިވަންކޮށް އެ މީހުންގެ މައްޗަށް ހުކުމްތަކަށް މާފުދިނުމުގެ ކުރިން މަޝްވަރާ ނުކުރާނެ ކަމަށެވެ. ސަރުކާރުން ބުނަނީ މަޝްވަރާ ކުރަން ސަރުކާރުގެ އެއްވެސް ޝަރުތެއް ނެތް ކަމަށާއި އިިދކޮޅު ފަރާތްތަކަށް ދޫދިނުމަށް ވެސް ތައްޔާރަށް އޮތް ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖަލު ހުކުމެއްގައި ހުންނެވި އިމްރާން އަބްދުﷲ ވެސް މަޝްވަރާގައި ބައިވެރިކުރަން ސަރުކާރުން މީގެ ކުރިން އެއްބަސްވެސް ވި އެވެ.

މަޝްވަރާ ކުރެވޭނެ މާހައުލެއް މަގުފަހި ކުރުމަށް ހުރިހާ ސިޔާސީ ފަރާތްތަކުން ވެސް މަސައްކަތް ކުރަން ގޮވާލަމުން ސީމެގުން ބުނީ މަޝްވަރާތައް ކޮށްގެން އެކިއެކި މައްސަތަކަުގައި ދޫދީ، ގައުމީ މަސްލަހަތަށް އިސްކަން ދީގެން ނިންމުންތައް ނިންމުމަށް ބާރު އަޅާ ކަމަށެވެ.

ރާއްޖެ ސީމެގްގެ ރަސްމީ އެޖެންޑާ ހިމަނަން ނިންމުމާ ގުޅިގެން އެމްޑީޕީއިން ވަނީ އެކަމަށް މަރުހަބާ ކިޔާފަ އެވެ. ރަސްމީ އެޖެންޑާގައި ރާއްޖެ ހިމެނީ ރާއްޖެއިން އިސްލާހު ކުރަން ކޮމަންވެލްތުން ލަފާދިން ހަ ކަންތައް އިސްލާހު ކޮށްފައިވާ ނުވާ ކަމަށް ބުނެ އެވެ. އެ ކަންކަން އިސްލާހު ކުރަން މިފަހަރު ދޭ ފުރުސަތަށް ފަހު އަންނަ އަހަރުގެ މާޗް މަހު ބާއްވާ ސީމެގްގެ ބައްދަލުވުމާ ހަމަޔަށް ރާއްޖެއިން އެކަންކަން އިސްލާހު ނުކުރާ ނަމަ، ކޮމަންވެލްތުން ސަސްޕެންޑް ކުރަން ފިޔަވަޅު އެޅުމާ މެދު ވިސްނާނެ ކަމަށް ސީމެގުން ވަނީ ބުނެފަ އެވެ.