ހަބަރު

އައްޑޫގެ ޖަނަރޭޓަރެއް ހަލާކުވެއްޖެ، މައްސަލަ ހައްލު ކުރަން ފެނަކައިން ފަށައިފި

Sep 24, 2016

އައްޑޫ ސިޓީގެ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ސިޓީގެ ބައެއް ރަށްތަކުން ކަރަންޓް ކެނޑެމުން ދާނެ ކަމަށް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފި އެވެ.

ފެނަކައިން ބުނީ އައްޑޫ އަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ، 1.6 މެގަވޯޓްގެ ޖަނަރޭޓަކަށް މިއަދު މެންދުރު ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު މިއަދާއި މިރޭ އައްޑޫގެ ބައެއް ސަރަހައްދުތަކުން އެކި ވަގުތުތަކުގައި ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވެ ދާނެ ކަމަށް ފެނަކައިން ބުންޏެވެ.

އެގޮތުން އިންޖީނުގެ މައްސަލަ ހައްލު ކުރުމަށް ސްޕެއާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ފެނަކައިން ބުނެ އެވެ.

މައްސަލަ ހައްލު ކުރެވެންދެން ވީހާވެސް މަދުން ކަރަންޓް ބޭނުން ކުރުމަށް އައްޑޫގެ ރައްޔިތުންގެ ކިބައިން ފެނަކައިން ވަނީ އެދިފަ އެވެ.

"މިކަމާ ގުޅިގެން ދިމާވެދާނެ އެންމެހާ ދަތިތަކަށް ކަސްޓަމަރުންގެ އަރިހުން ނިހާޔަތަށް މާފަށް އެދެމެވެ. އަދި މި ފުރުސަތުގައި އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބެމުން ދާ އެއްބާރުލުމާއި ރައްޔިތުންގެ ކެތްތެރި ކަމަށްޓަކާ މި ކުންފުނިން އިހުލާސްތެރި ކަމާ އެކު ޝުކުރު ދަންނަވަމެވެ،" ފެނަކައިން ބުންޏެވެ.