ޓެކްނޯލޮޖީ

ސްނެޕްޗެޓް ރީބްރޭންޑްކޮށް، ސްނެޕްކުރުމަށް ހާއްސަ އައިނެއް

ގިނަ ބަޔެއްގެ ޝައުގުވެރިކަން މަދު ދުވަސް ކޮޅެއްގެ ތެރޭގައި ދަމައިގަތް އެއް ސޯޝަލް މީޑިޔާއަކީ ސްނެޕްޗެޓެވެ. ގިނަބަޔެއްގެ ހިތާއި ދިރިއުޅުމުގެ ބަޔަކަށް ސްނެޕްޗެޓުން މިވަނީ ހަދައިފަ އެވެ. ސްނެޕްޗެޓްއިން މިވަނީ އަނެއްކާ ވެސް އުފާވެރި ހަބަރުތަކެއް ދޫކޮށްލައިފަ އެވެ.

ސްނެޕްޗެޓް ކުންފުނީގެ ނަން ވަނީ ރަސްމީކޮށް "ސްނެޕް އިންކް" ގެ ނަމަށް ބަދަލުކޮށް ރިބްރޭންޑް ކޮށްލައިފަ އެވެ. މިކަން ރަސްމީކޮށް އިއުލާން ކޮށްފައިވަނީ ސްނެޕް ވެބްސައިޓުގައި ސީއީއޯ އިވަން ނެރުނު ނޫސްބަޔާނެއްގަ އެވެ. މިބަޔާނުގައި އިވަން ބުނެފައިވާ ގޮތުގައި މި ނަން ބަދަލު ކުރަން ޖެހުނީ ސްނެޕް އިން ކުރިޔަށް އޮތްތާގައި ސެންޕްޗެޓާއި ގުޅުވައިގެން ގިނަ ހާޑްވެއާ ޕްރޮޑަކްޓްތަކެއް ބާޒާރަށް ނެރުމަށް ވިސްނުން ހުރުމުންނެވެ.

އިވަން އިތުރަށް ބުނިގޮތުގައި ކުންފުނީގެ ނަން ސްނެޕް އިންކް އަށް ބަދަލު ކުރުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ މި ނަން ބޭނުންކޮށްގެން ކުންފުނީގެ ހުރިހާ ޕްރޮޑަކްޓްތައް އެތަނަކުން ބަލައިލެވޭނެ ގޮތް ވެގެން ދިޔުމެވެ. ސްނެޕް ކުންފުނިން ބުނާގޮތުގައި މި ރީންބްރޭންޑިންގެ ސަބަބުން ސްނެޕްޗެޓް ބޭނުންކުރާ ފަރާތްތަކަށް މުސަތްގްބަލުގައި ލުއި ފަސޭހަތަކެއް ލިބުން އޮތީ ކުރިއަށެވެ.

ރީބްރޭންޑިންއާ އެއްކޮށް ސްނެޕްއިން ދިން އަނެއް އުފާވެރި ހަބަރަކީ އެ ކުންފުނީގެ ފުރަތަމަ ހާޑްވެއާ ޑިވައިސް ބާޒާރަށް ނެރެން ތައްޔާރުވުމެވެ. އެގޮތުން ސްނެޕްއިން ނެރޭ މި ޕްރޮޑަކްޓަކީ، ސްނެޕް ކުރަން ފޯނު ބޭނުން ކުރުމުގެ ބަދަލުގައި، ސްނެޕް ކުރުމަށް ހާއްސަ އަވިއައިނެއް ތައާރަފްކުރުމެވެ. "ސްޕެކްޓްކަލްސް"ގެ ނަމުން ނަންދީފައިވާ މި އަވި އައިނުގެ ކުރި މައްޗަށް ވާ ގޮތަށް އެއް ކަނެއްގައި ކެމެރާއެއް ހަރުކޮށްފައި ހުރެ އެވެ.

ފޯނުގައި އޮންނަ ސްނެޕްގެ އެޕްއާ މި އައިނާ ގުޅުވާލަދެނީ، ބްލޫޓޫތް އަދި ވައިފައި ބޭނުންކޮށްގެންނެވެ. އެގޮތުން މި އައިނުގެ ދުނިގަނޑުގައި ހަރުކުރެވިފައިވާ ފިތްތަކަށް އޮބާލުމާއި އެކު ވީޑިއޯ ކޮށްލެވޭ އިރު، އެ ވީޑިއޯ ސްނެޕްޗެޓަށް ވަގުތުން އަޕްލޯޑްކޮށްލެވޭނެ އެވެ. އެގޮތުން 10 ސިކުންތުގެ ވީޑިއޯ ރެކޯޑް ކޮށްލައި ސްނެޕްކޮށްލެވޭނެ އެވެ.

އައިނުގެ ދެ އަރިމަތީގައި ކަނުގައި ކުޑަ ކެމެރާއެއް ހަރުކޮށްފައިވާ އިރު، އެ ކެމެރާ ވަށައިގެން ދިއްލޭ ބޮކިތަކެއް ހަރުކޮށްފައިވެ އެވެ. ކެމެރާއިން ރެކޯޑް ވާކަން އެ ބޮކިތަކުން ދައްކުވައިދޭނެ އެވެ.

މިއައިނަކީ ދެ ޖިންސުގެ މީހުންނަށް ވެސް ބޭނުންކޮށްލެވޭނެހެން ތައްޔާރުކޮށްފައިވާ އަވިއައިނެކެވެ. މިއައިނުގެ 3 ކުލައެއް ބާޒަރަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ރަތް، ނޫ އަދި ކަޅުކުލައެވެ. މި ކެމެރާ ވެގެންދާނީ ދުނިޔޭގައި މިހާތަނަށް ފަރުމާކުރި އެންމެ ކުޑަ ވަޔާލެސް ވީޑިއޯ ކެމެރާއަށެވެ. މި އައިނަކީ ޗާޖްކޮށްގެން ބޭނުން ކުރާ ގޮތް އުފައްދާ ޑިވައިސްއެކެވެ. އެގޮތުން މި ޑިވައިސް ޗާޖް ކޮށްލެވޭނީ މި އަވިއައިނުގެ ފޮށި ތެރޭގައި ބާއްވައިގެން ކަމަށް ވެއެވެ.

ސްނެޕްއިން މިއަހަރު ތެރޭ އަންނަނީ ތަފާތު ގިނަ ފީޗާތަކެއްވެސް ސްނެޗެޓަށް އިތުރުކުރަމުންނެވެ. މި ފީޗާތަށް ވެގެންގޮސްފައިވަނީ ސްނެޕްޗެޓް މަޝްހޫރުވެގެން ދިޔުމުގެ އަސްލަށެވެ. ސްނެޕްގެ ޓީމުން އުއްމީދުކުރަމުން ދަނީ ސްނެޕްޗެޓްއަށް ލިބުނު ތަރުހީބު އަލަށް ނެރޭ ސްމާޓް އަވިއައިނަށް ވެސް ލިބިގެންދާނެކަމަށެވެ.